މުވާޞަލާތީ ވަސީލަތްތައް ބޭނުންނުކޮށް ތަރައްޤީ ފުރިހަމަ ނުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

5 އޮގަސްޓް 2010

މުވާޞަލާތީ ވަސީލަތްތައް ތަރައްޤީއަށް ވަރަށް މުހިންމު ކަމަށާއި، އެއާނުލާ ތަރައްޤީ ފުރިހަމަ ނުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ދިވެހިރާއްޖެ އަދި ނެޕާލަށް އަމާޒުކޮށްގެން އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަނުން ބާއްވާ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގެ މިއަދު ހެނދުނުގެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ހިނގަމުންދަނީ ޕެރެޑައިސް އައިލެންޑް ރިޒޯޓުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޒީރާ ރަށްތަކަކަށް ބެހިފައިވާ އާބާދީއެއް އޮތް ޤައުމަކަށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުވައިދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި، މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް ޙައްލަކީ މުވާޞަލާތީ ވަސީލަތްތައް ބޭނުންކުރުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ތަޢުލީމާއި ޞިއްޙީ ދާއިރާފަދަ އަސާސީ ޚިދުމަތްތައް ފޯރުއްވައިދެއްވުމުގައި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތްތައް ސަރުކާރުން ހޯއްދަވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ޓެލެމެޑިސިންއާއި، ސްކޫލްތަކުގައި ސްމާޓްބޯޑް ބެހެއްޓުމަށް މަގުފަހިކުރެވޭނެ ގޮތްތައް ހޯދުން އޭގެތެރޭގައި ހިމެނޭ ކަމުގައި ވިދާޅުވިއެވެ. މިކަމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިފަދަ ވަސީލަތްތައް އަވަށްޓެރި ޤައުމުތަކަށްވެސް ފުޅާކުރެވި، އެއް ޤައުމު އަނެއް ޤައުމާ ގުޅުވާލެވިދާނެ ކަމުގައިވެސް ވިދާޅުވިއެވެ.

އައި.ޓީ.ޔޫ.ގެ ފަރާތުން މި ބާއްވާ ފޯރަމްގެ ބޭނުމަކީ، މުވާޞަލާތީ ދާއިރާގައި އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ދިވެހިރާއްޖެ އަދި ނެޕާލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާބެހޭގޮތުންނާއި އެކަންކަމުގެ ޙައްލު ހޯއްދެވުމާބެހޭގޮތުން މަޝްވަރާ ކުރެއްވުމެވެ.