މެންބަރުންގެ ޚިޔާލު: ސިވިލް ސޮސައިޓީގެ ދައުރު ފުޅާކުރުން

5 އޮގަސްޓް 2010

ލިޔުނީ: ފިރާޒް

ފާއިތުވި 30 އަހަރުގެ ވެރިކަމުގައި ޖަމްޢިއްޔާތަކުގެ ނުވަތަ ސިވިލް ސޮސައިޓީގެ ދައުރު ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި މަސައްކަތެއްކޮށްފައިނުވާކަމީ މިހާރު ޖަމްޢިއްޔާތައް ހިންގުމުގައި ދަތިތަކާ ކުރިމަތިވާ ކަމެކެވެ. މިހެންވާނެ ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ސިވިލް ސޮސައިޓީގެ ފިކުރާއި ވިސްނުމަށް ޢާއްމުންގެ ތެރޭގައި ހޭލުންތެރިކަން ކުޑަވުމެވެ.

ނަމަވެސް މިސަރުކާރު ވެރިކަމަށް އައުމާއި ގުޅިގެން ޖަމްޢިއްޔާތަކުގެ ސިވިލް ސޮސައިޓީގެ ދައުރު ފުޅާ ކުރުމަށްޓަކައި ވަރަށް ހަރުދަނާ ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަމެވެ. އެގޮތުން އޯގަސްޓް 4 އިން 5 ކަށް ބާއްވާ ފޯރަމަކީ އެކަމުގެ އަލިގަދަ ހެއްކެކެވެ. ރާއްޖޭގައި ގުޑް ގަވަނެންސެއް ޤާއިމް ކުރުމަށާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި ޒުވާނުން ތަރައްޤީ ކުރުމުގައި ޖަމްޢިއްޔާތަކުގެ ޙައްސާ ވަރަށްވެސް ބޮޑެވެ.
ފާއިތުވި ވެރިކަމުގައި ހޯމްމިނިސްޓްރީން ޖަމްޢިއްޔާތައް ޒިންމާދާރުކުރުވުމަށް ކަންތައްތަކެއް ކޮށްފައިނެތުމުން ބައެއް ޖަމްޢިއްޔާތައް ބަނޑުޖަހާލާފައިތިބޭ މަންޒަރުދަނީ ފެންނަމުންނެވެ. ވުމާއެކު ޒުވާނުންގެ ތަރައްޤީއަށްޓަކާ ޖަމްޢިއްޔާތައް ހަރުދަނާވުމަކީ ވަރަށް މުހިންމުކަމެކެވެ.