4 އޮގަސްޓް 2010
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަންގެ ޓެލެކޮމިއުނިކޭޝަން ޑިވެލޮޕްމަންޓް ބިއުރޯގެ ޑިރެކްޓަރ ސާމީ އަލް-ބަޝީރު އަލް-މުރްޝިދާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ބްރޯޑްބޭންޑް އިންޓަރނެޓާއި ޓެލެކޮމިއުނިކޭޝަންގެ އެހެން ވަސީލަތްތަކުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ފޮނުވާ ސިޓިއާއި ލިޔެކިޔުންތައް މިހާރު ފޮނުވަމުން ގެންދަނީ އިންޓަރނެޓް މެދުވެރިކޮށް ކަމަށާއި، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި ޓެލެމެޑިސިންގެ ޚިދުމަތް ޤާއިމް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގައި ކުރިއަށް އޮތްތާނގައިވެސް، އައި.ޓީ.ޔޫ.އިން ރާއްޖެއަށް އެހީތެރިކަން ދެއްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރާއްޖޭގެ މުވާޞަލާތުގެ ތާރީޚަށާއި، އެ ޚިދުމަތް ތަރައްޤީވަމުން އައި ގޮތުގެ މައްޗަށް ބައްލަވާލައްވައި ރައީސް ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުކުރެއްވުމުގައި އައި.ޓީ.ޔޫ.ގެ ޓެލެކޮމިއުނިކޭޝަން ޑިވެލޮޕްމަންޓް ބިއުރޯގެ ޑިރެކްޓަރ މިސްޓަރ އަލް-ބަޝީރު ދެއްކެވި ވާހަކަފުޅުގައި، ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ތަރައްޤީ ފާހަގަކުރެއްވިއެވެ. އަދި ބްރޯޑްބޭންޑް އިންޓަރނެޓްގެ ވަސީލަތަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބިފައިވާ ވަސީލަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް އައި.ޓީ.ޔޫ.އިން ރާއްޖެއަށް އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ސާމީ އަލް-ބަޝީރު ދެއްވިއެވެ.
ސާމީ އަލް-ބަޝީރު ރާއްޖެއަށް މިކުރައްވާ ދަތުރުފުޅަކީ، އައި.ޓީ.ޔޫ.އިން އިންތިޒާމް ކޮށްގެން މާދަމާ، ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ފެށޭ މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ފޯރަމްގައި ރާއްޖޭގެ އިތުރުން، އަފްޣާނިސްތާން، ބަންގްލަދޭޝް، ބުޓާން، އަދި ނޭޕާލް ބައިވެރިވާނެއެވެ.