ވައިގެމަގުން ދަތުރުކުރާ ފަސިންޖަރުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފި

5 އޮގަސްޓް 2010

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި ވައިގެމަގުން ދަތުރުކުރާ ފަސިންޖަރުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ ތެރެއިން 70 މެންބަރުންގެ އަޣުލަބިއްޔަތުން މަޖިލީހަށް އެބިލު ބަލައިގަތުމަށް ފާސްކޮށް, މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ބިލު އިތުރަށް ދިރާސާކުރުމަށް ޤައުމީ ތަރައްޤީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިއަދުގެ ޖަލްސާއަށް ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނުތަކުގެ ބައިތަކާއި ގުޅޭގޮތުން، ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 142 ގެ ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރު ދިރާސާކުރެއްވުމަށްފަހު 9 މެންބަރުންގެ ވަގުތީ ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް އެކޮމެޓީގެ މުޤައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހެޅުއްވިއެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި މިރިޕޯޓް އިތުރަށް ފުރިހަމަ ކުރެއްވުމަށްފަހު އަލުން މަޖިލީހަށް ހުށަހެޅުއްވުމަށް އަނބުރާ ކޮމެޓީއަށް ރިޕޯޓް ފޮނުއްވުމަށް ހުށަހެޅި ތާއީދުލިބިފައިވާ ހުށަހެޅުމަށް ވޯޓަށް އެއްސެވެމުން ފާސްވެފައިވަނީ ޙާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ ތެރެއިން 70 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މިއަދުގެ ޖަލްސާއަށް ދިވެހިރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ބިލު ހުށަހެޅުއްވުމަށްފަހު، އެބިލުގެ އިބްތިދާއީ ބަހުސްވަނީ ކުރިއަށް ގެންދަވާފައެވެ. މިބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ. މިބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަވަނިކޮށް މިއަދުގެ ޖަލްސާގެ ވަގުތު ހަމަވުމުން ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވާފައެވެ.

75 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޞިލް އަޙުމަދު ނާޒިމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދުއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 7 އޯގަސްޓް 2010 ވާ ހޮނިހިރު ދުވަހު ހެނދުނު 9 ޖަހާއިރުއެވެ.