އެމްޑީޕީ ހަރުގޭގެ އޮފީސްބައިގައި ރޯކޮށްލީ އެއްޗެއް ގޮއްވާލައިގެން ކަމަށް ފުލުހުން ބުނެފި

4 އޮގަސްޓް 2010

– ރާމިޒް –

އެމްޑީޕީ ހަރުގޭގެ އޮފީހުގައި ރޭ ރޯވެފައިވަނީ އެއްޗެއް ގޮއްވާލުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފިއެވެ.
އެމްޑީޕީ ހަރުގޭގައި، ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން އޮފީހުގެ ގޮތުގައި ބޭނުންކުރި، އޮފީހުގައި ރޭ އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެއޮފީހަށް މާބޮޑު ގެއްލުމެއް ނުވި ނަމަވެސް، ވީޑިއޯ ކެމެރާއާއި، ސްޕީކަރު، އެމްޕްލިފަޔަރ، މިކްސަރ، މެގަފޯން މައިކު ފަދަ ބައެއް ސާމާނާއި، ގިނަ އަދަދެއްގެ ފޮތި އަނދައި ވަރަށް ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށް ހަރުގެ ބަލަހައްޓާ ފަރާތްތަކުން ބުނެއެވެ.
އަދި މިހާދިސާ ހިނގީ އަމީނީ މަގުން ދިޔަ ސައިކަލެއްގައި ތިބި ބަޔަކު ޕެޓްރޯލް ބޮމެއް އެއްލައިގެން ކަމަށް އެފަރާތްތަކުން ބުނެއެވެ.
އެމްޑީޕީ ހަރުގެއަށް ދޭތެރެ ދޭތެރެއިން މިފަދަ “ބޮމުގެ ހަމަލާ” އަންނަ ކަމަށް ހަރުގެ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.