4 އޮގަސްޓް 2010
ލިޔުނީ: ފުނަމާ
މާކުރީއްސުރެ ޤާނޫނު އަސާސީ އާއި ގުޅިގެން ހަދާންޖެހޭ ޤާނޫނުތަކެއް ނުހެދިއްޖެނަމަ ޤައުމު ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓިގެން ދާނޭކަމުގައި ތުންތުންމަތީން ދިޔައީ ވާހަކަ ދައްކަމުންނެވެ. މީގެ ސަބަބުން މިޤައުމުގެ ހާލަތު މުޅީން ގޯސްވެ ސަރުކާރަށާ ރައްޔަތުންނަށް ތަހައްމަލްކުރަން ދަތި ކަންތައްތަކެއް ކުރިމަތިވެގެން ދާނެކަން އޮތީ ޔަޤީން ކުރެވިފައެވެ.
ދިމާވި އެތަކެއް ސަބަބު ތަކާހުރެ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބުވެސް ބޭއްވުނީ ޤާނޫނު އަސާސީގެ އިންތިޤާލީ ބާބުގައި ލާޒިމްކޮށްފައިވާ މުއްދަތުތައް ފަހަނަޅައި ދިޔަފަހުންނެވެ. ލޯކަލް ކައުންސިލްގެ ކަންކަން އަދިވެސްއޮތީ ކޮޅެއް،މެދެއް ނުޖެހިއެވެ. ސްޕްރީމް ކޯޓާއި އެހެނިހެން ފަނޑިޔާރުގެތަކުގެ ކަންކަން ނިންމަންޖެހޭ ގޮތަކީ ކޮބައިކަން މިހާރުވަނީ އޮޅުންއަރާފައެވެ. ބައެއް ފަހަރަށް ރާއްޖޭގެ ވެރިކަން ހިންގުމުގެ ބާރުއޮތީ ރައްޔިތުންގެ މަޖްލިސްގައި ނުވަތަ ޖުޑިޝަލް ސަރވިސް ކޮމިޝަންގައިހެންވެސް ހީވާފަހަރު އެބައާދެއެވެ. ބާރުތައް އޮޅި ފުށުއަރާ ހިނގަމުންދާ އޮއިވަރުގައި ރައްޔިތުން މިއަދުމިވަނީ ގޮތްހުސްވެފައެވެ. ރަނގަޅީ ކޮންގޮތެއްކަމެއް ނުރަނގަޅީ ކޮންގޮތެއްކަމެއް މިވަނީ އޮޅިފައެވެ. ޤާނޫނު މާނަކުރާނެ ޒިންމާދާރު ފަރާތެއްހާ ހިސާބުވެސް ނެތި އެމީހަކަށް ނުވަތަ އެބަޔަކަށް އެންމެ ކަމުދާ ގޮތަކަށް އެކަންވެސް އެދަނީ ކުރަމުންނެވެ. ޤާނޫނުގެ ވެރިކަން މިއަދުމިވަނީ ސުވާލުމާކެއްގެ ތެރޭގައެވެ.
ޤާނޫނު އަސާސީއަކީ ރާއްޖޭގެ ބަޖެޓްގައި ފައިސާ ގިނަކަމުން ހަދާފައިވާ އެއްޗެއްނޫނެވެ. އެއީ މިޤައުމުގެ ކަންކަން ފުރިހަމަ މަގުން ހިންގުމަށް ބޭނުންވާ އަސާސްއެވެ. އެންމެހާ ރައްޔިތުންނާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ތަބާވުން ލާޒިމްކުރާ މިޤައުމުގެ ދުސްތޫރެވެ. ހަމަޔަޤީނުންވެސް މިދުސްތޫރުގެ ބާރުކަނޑުވާލުމަށް މަސައްކަތް ކުރުމަކީ ބޮޑުޚިޔާނާތެކެވެ.
މި ޤާނޫނުއަސާސީ އާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއަޅަން ރައީސުލް ޖުމްހޫރިއްޔާއަށް ލާޒިމްކޮށްފައި އެވަނީ ޤާނޫނު އަސާސީގެ 115 ވަނަމާއްދާގެ ހ އިންނެވެ. ވީއިރު ރާއްޖޭގެ އެއްވެސް ކަމެއް ޤާނޫނުގެ އިމުން ބޭރުވެ ފާލުން ނެއްޓޭނަމަ އެކަމެއް ހަމަޔަކަށް އެޅުވުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކަށް އެކަންތައް ބެލުން ވާޖިބުވާނެއެވެ.
އެމާއްދާ ލިޔެވިފައިއެވަނީ މަށް ދިވެހިބަހުން ކިޔަން އެނގޭ އަދި ފަހުމްވާ ގޮތަކަށެވެ. މިމާއްދާގައި ލިޔެވިފައިވާ ގޮތުން ޤާނޫނު އަސާސީ އާއި ޤާނޫނުން ކަނޑައަޅާފައިވާ އެންމެހާ ކަންކަން ތަންފީޒުކުރުމަށާ ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި ރައްޔިތުން ޤާނޫނަށް ބޯލެންބުވުމަކީ ބާރުއަޅައި ރައީސުލް ޖުމްހޫރިއްޔާ ކުރާންޖެހޭނެ ކަމެއްކަމުގައި ސާބިތުކުރުމަށް ދުނިޔޭގެ ޔުނިވަރސިޓީ ތަޢުލީމެއް ބޭނުމެއް ނުވާނެއެވެ. ބާރުއެޅުމަކީ ކޮބައިކަން ދިވެހީންނަށް އެނގޭނެއެވެ.
ކަމެއް އޮންނަގޮތައް ކުރަން އެންގުމުން ގޮންޖަހައި ބޭނުންގޮތަކަށް ކުރަން އުޅޭނަމަ ދެން އެކަމެއް ހުއްޓުވޭން އޮތް ކޮންމެ ގޮތަކަށް ހުއްޓުވުމަކީ އެކަމަކާ ހަވާލުވެހުރި ފަރާތެއްގެ ޒިންމާއެއް ކަމުގައި ނަހަދާ ބަރީއަވެވޭކަށް ނޯންނާނެއެވެ. ޤާނޫނު އަސާސީއާއި ތަޢާރަޒުވާ ގޮތަކަށް ނުވަތަ ރައްޔިތުންގެ ޙައްޤުތަކެއް ނިގުޅައިގަތުމަށް ނޫންނަމަ ޤައުމުގެ މަސްލަޙަތާ ފުށުއަރާ ގޮތައް ކަންކަން ދައުލަތުގެ މުއައްސަސާ އަކުން ވިޔަސް ކުރާނަމަ އެކަމެއް ހުއްޓުވާންޖެހޭ ގޮތަކަށް ހުއްޓުވުމަކީ ޤާނޫނު އަސާސީން ދައުލަތާއި ސަރުކާރު ހިންގުމާ ބޮލުރުވާފައިވާ ފަރާތުގެ ޒިންމާއެކެވެ. މިކަމައްއިންކާރު ކުރެވޭނެ އެއްވެސް ދަލީލެއް ނޯންނާނެއެވެ.
ރައްޔިތުންގެ މަޖިލީހުން އެމަޖިލީހުގެ މެންޑޭޓް އަދާނުކުރެވި އިންތިޤާލީ މަރުހަލާގައި ވަކިމުއްދަތުތަކެއްގައި ނިންމަން އެމަޖިލީހާއި ހަވާލުކޮށްފައިވާ ކަންކަން ޤަބޫލުކުރެވޭ މިންވަރާ ގާތަށްވެސް ނުނިންމާ ތިބެ އަދިއަމުދުން އަމިއްލަ މަސްލަޙަތު ޙިމާޔަތްކޮށް އެމަޖިލީހުގައި މަރުތަޅުއަޅުވައި ޤަސްތުގައި ޤައުމު ޤާނޫނީ ހުސްކަމުގެ ތެރެއަށް ފުރޮޅާލައި ރައްޔިތުން ބިކަކޮށްލަން އުޅޭނަމަ އެމަޖިލީސް ތަޅުމުން ބޭރުކޮށް އެކަން އިޚްލާސްތެރި ބަޔަކާ ހަވާލުކުރުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް ނުކުރެވޭނެ ކަމެއް ކަމުގައި ހީކުރުމަކީ ދެއުޅިއެއް ނުވާކަމެކެވެ. އެހެނީ ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނާ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް އެބަޔަކަށް ލިބިގެންވާ ރައްޔިތުންގެ ކިބައިން ކަންކުރާނެގޮތް އޮޅުންފިލުވައި ކަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނާނެއެވެ. ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޏ ގައި “ޤައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓުނެގުން” މިއީ ރައީސުލްޖުމްހޫރިއްޔާއަށް ކަށަވަރުވެފައިވާ ބާރެކެވެ.
ރައްޔިތުންގެ ވޯޓެއް ނެގުމުން ރައްޔަތުން ނިންމާ ގޮތަކީ ޤާނޫނަށް ބަދަލުގެނެސްގެން ނިންމާންޖެހޭ ގޮތެއް ކަމުގައި ވީނަމަވެސް އެގޮތަކަށް އެކަން ނިންމުމަކީ ދައުލަތުގެ މުއައްސަސާ ތަކަށާއި ސަރުކާރަށް ލާޒިމްވާނެ ކަމެކެވެ. ސަބަބަކީ “ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ. ” މިގޮތައް ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ފަށުވި ޢިބާރާތުން އެއޮތީ ލިޔެދީފައެވެ.
ކަންމިހެން އޮތުމާއެކު މިހާރުމިއޮތް ރައްޔިތުންގެ މަޖްލިސްގެ ދައުރާމެދު ރައްޔިތުން ދެކެނީ ކިހިނެއްތޯއާއި އަދި ފަނޑިޔާރުން ދާއިމީ ކުރުމުގައި ޖުޑިޝަލް ސަރވިސް ކޮމިޝަންއިން އެކަންކުރާ ގޮތާމެދު ރައްޔިތުން ދެކޭ ގޮތަކީ ކޮބައިތޯ ބަލަން ރައީސުލް ޖުމްހޫރިއްޔާއަށް ޖެހިއްޖެ ކަމުގައި ޤަބޫލުކުރާން ޖެހެއެވެ. މިޤައުމު ދެމިއޮތުމަކީ ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ފޫހިފިލުވާލާށާ ސިޔާސީ ހަސަދަގަނޑު ފިލުވާލަން މަޖިލިހަށް ވަދެތިބެ މުސާރަ ކެއުމަށްވުރެ މާމުހިންމު ކަމެކެވެ. މިޤައުމަށްވުރެ ބޮޑު މީހެއް ނުވަތަ މުއައްސަސާއެއް ހުރެގެން ނުވާނެއެވެ.