ރާއްޖޭގެ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ޙިއްޞާނެތި އަޅުގަނޑުމެން މިއުންމީދުކުރާ ބަދަލު އަޅުގަނޑުމެންނަކަށް ނުގެނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

4 އޮގަސްޓް 2010

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޙަރަކާތްތެރިވަމުން އަންނަ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ޙިއްޞާނެތި އަޅުގަނޑުމެން މިއުންމީދުކުރާ ބަދަލު، އަޅުގަނޑުމެންނަކަށް ނުގެނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، “ކްލަބް ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމް 2010” އިފްތިތާޙްކޮށްދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު އިސްލާމީ މަރްކަޒުގައި ބޭއްވެވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި އަދި ރާއްޖެ ކުރިއަށް ގެންދިޔުމުގައި، ރާއްޖޭގެ ޖަމްޢިއްޔާތަކަށް ބައިވެރިވެވޭނެ ގޮތްތަކާއި، އެކަންކަމުގައި ބައިވެރިވެ ޙަރަކާތްތެރިވާނެ އިންތިޒާމްތައް މިހާރަށްވުރެ ފުރިހަމަކުރުމަކީ، މިވަގުތު ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެ ބަދަލުވަމުންދާއިރު، މިބަދަލުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ޙިއްޞާވުމަކީ މިބަދަލު ކާމިޔާބުގެ އައްސޭރިއަކަށް ގެނެވެން އޮތް ހަމައެކަނި ގޮތް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މަޤްޞަދަކީ ތަރައްޤީއެވެ. ބޭނުމަކީ ޢާންމު ޙާލަތު ރަނގަޅުވުމެވެ. އުންމީދަކީ ޢާއިލާތަކަށް ރިވެތިގޮތުގައި ހާސްކަމެއްނެތި ދިރިއުޅެވޭނެ ގޮތެއް ހޯދުމެވެ. ތަރައްޤީގެ ފޮނި މަރްޙަލާތަކަށް ވާސިލުވެވޭނެ މަގުތައް ކޮށުމެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވިސްނުމާއި، އަމާޒާއި، ދެގޮތެއްނުވުމާއި، ގިނަވަގުތު މަސައްކަތުގައި އުޅުމާއި، މަސައްކަތުގެ ރަނގަޅު އަޚްލާޤެއް އުފެއްދުމާ، މިހުރިހާ މަސައްކަތެއް ކުރެވިގެން ނޫނީ އަޅުގަނޑުމެން މިދާން ބޭނުންވާ މަންޒިލަށްދާން ޙަޤީޤަތުގައި އުނދަގޫވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރުގެ ތެރޭގައި މިރާއްޖެ ދުވަހަކުވެސް ނުދެކޭހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ފަށައިގަނެވޭނެކަންވެސް ހާމަކުރެއްވިއެވެ. އަދި މިދިޔަ 50 އަހަރު ދުވަހު ހިންގުނު މަޝްރޫޢުތަކުގެ ޖުމްލަ ފައިސާގެ ޢަދަދަށްވާވަރަށް މިއަހަރު މަޝްރޫޢުތައް ހިނގަން ފަށާނެ ކަމުގައިވެސް ވިދާޅުވިއެވެ.