4 އޮގަސްޓް 2010
އަމީނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ހުންނަ އޮފީސް އިމާރާތުގެ ގުދަނެއްގައި އަލިފާން ރޯވެ ބައެއް ސާމާނު އެއްކޮށް އަނދާ ހުލިވެއްޖެއެވެ.
ރޭ ދަންވަރު 12.45 ހާއިރު ހިނގި މިހާދިސާގައި މީހަކަށް ގެއްލުން ނުލިބުނު ކަމުގައި ވިޔަސް ގުދަނުގައި ހުރި ސައުންޑް ސިސްޓަމާއި މެގަފޯނާއި، ކެމެރާ އާއި ތަފާތު އިލެކްޓްރޯނިކް ސާމާނުތައް ވަނީ އަލިފާން ރޯވުމުގެ ސަބަބުން ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ. މީގެ އިތުރުން ގުދަނުގައި ހުރި ފައިލްތަކާއި ބައެއް ލިޔެކިޔުންތަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.
އެމްޑީޕީން ވާހަކަ ދެއްކި މީހަކު ބުނީ ހަރުގޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށް ޤަބޫލުކުރެއްވޭ ކަމަށާއި ކޮންމެ ރެއަކު ވެސް ހަރުގެތެރެއަށް ޕެޓްރޯލުން ތައްޔާރުކޮށްފައިވާ ގޮވާ ޒާތުގެ ފުޅި ފަދަ ތަކެތި އުކަމުން އަންނަ ކަމަށެވެ. މިގޮތުން މިފަދަ “ޕެޓްރޯލް ބޮމެއް” ހަރުގެއަށް އެންމެ ފުރަތަމަ އަމާޒުވީ މިދިޔަ މިނިވަން ދުވަހުގެރޭގައެވެ.
” މީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް. ކިތަންމެ ދުވަހެއްވެއްޖެ އިނގޭތޯ މިކަމެއް ނުވެގެން އެބަޔަކު އުޅެނީ. މީހަކަށް ގެއްލުމެއް ނުލިބުނެއްކަމަކު ނިކަން ބައްލަވާ ގުދަނުގައި ހުރި އަގުބޮޑަތި ސާމާނުތައް އެހުރީ އެއްކޮށް އަނދާ ހުލިވެފައި ނޫންތޯ. އެބަޔަކު މިތަނަށް (ހަރުގެ) އަށް ޕެޓްރޯލް އަޅައިގެން ގޮވާގޮތަށް ހަދާފައި ހުންނަ ފުޅި މިދޭތެރެއަކުން ހަމަޖެހިޖެހިގެން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އުކަމުން ގެންދިޔަ. އަޅުގަނޑުމެން އަޅައެއް ނުލަމޭ އިނގޭތޯ.” ހަރުގެ ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ބުންޏެވެ.
މަންޒަރުދުށް މީހަކު އެމްޑީޕީ މީޑިއާ ޔުނިޓަށް މަޢުލޫމާތު ދެމުން ބުނީ އެންމެ ފުރަތަމަ ހަރުގޭ ފުރާޅުމައްޗަށް އެއްޗެއް އެއްލި އަޑު އިވިގެން ފުރާޅުމައްޗަށް ކުއްޖަކު އެރުވީ ކަމަށާއި، އޭގެ އިރުކޮޅެއް ފަހުން އޮފީސް އިމާރާތުގެ ތެރެއިން ދުންއަރާތަން ފެނުނު ކަމަށެވެ. އަދި ހަމަ ވަގުތުން ހަރުގޭގައި އެވަގުތު ތިބި މީހުން ފެންހޮޅިއެއް ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށް އެމީހާ ބުންޏެވެ.
މިހާދިސާ ހިނގުމާ ގުޅިގެން ސިފައިންގެ އަލިފާން ނިއްވާ މީހުންނާއި ފުލުހުންގެ ފޮރެންސިކް ޓީމުން އެމްޑީޕީ ހަރުގޭގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ވަރަށް ފުރިހަމަޔަށް ޙަރަކާތްތެރިވެ 15 ވަރަކަށް މިނެޓްގެ ތެރޭގައި އަލިފާން ނިއްވާލިއެވެ.