ވަޒީރުންގެ މަޖިލީހުގެ ގަވާއިދުގައި ހިމެނޭ ވަޒީރުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހާ މުޢާމަލާތު ކުރާނެ ގޮތުގެ މާއްދާތައް ފާސްކުރައްވައިފި

3 އޮގަސްޓް 2010

ވަޒީރުންގެ މަޖިލީހުގެ ގަވާއިދާ ބެހޭގޮތުން އެމަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވަން ފަށްޓަވައި، އެގަވާއިދުގައި ހިމެނޭ ވަޒީރުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހާ މުޢާމަލާތު ކުރާނެ ގޮތުގެ މާއްދާތައް ފާސްކުރައްވައިފިއެވެ. މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރައްވަން މިފެށްޓެވި ގަވާއިދަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުން އެކުލަވައިލައްވާފައިވާ ގަވާއިދެކެވެ. މިގަވާއިދު އެކުލަވައިލެއްވުމުގައި، އަސާސްތަކެއް ކަމަށް ބައްލަވާފައިވަނީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އާއި، ޤާނޫނުއަސާސީގެ 5 ވަނަ ބާބު “ވަޒީރުންގެ މަޖިލިސް” މިބާބުގެ މާއްދާތަކުގެ ދަށުން ކުރެވޭ ވަޒީރުންގެ ހުވައާއި، ހުވާކުރުމަށްފަހު ވަޒީރުން ސޮއިކުރައްވާ ހުވާގެ އިޤްރާރާއި، ވަޒީރުންގެ މަޖިލީހުގެ ކަންތައްތައް ހިންގުމާއި ބެލެހެއްޓުމާ ގުޅޭގޮތުން މިހާތަނަށް ޢަމަލު ކުރައްވަމުން ގެންދަވާފައިވާ އުޞޫލުތަކަށެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިއަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރައްވާފައިވުމާއި، އަދި މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަރުގެ އެއްވެސް ބާވަތެއްގެ ވިޔަފާރި ކުރުން ނުވަތަ އެކްސްޕޯޓް ކުރުން މަނާކުރައްވާފައިވާތީ، މިކަން މަނާކުރެއްވިއިރު، މިޔަރުގެ މަސްވެރިކަން ކުރަމުންދާ ކަމަށް ފާހަގަކުރެއްވިފައިވާ ފަރާތްތަކަށް އިޤްތިޞާދީ އެހެން މަސައްކަތެއް ކުރުމަށް ނުވަތަ އާމްދަނީއެއް ލިބޭނެ ގޮތެއް ހޯދުމަށް މަގުފަހިކޮށްދެއްވުމަށް ނިންމެވިއެވެ. މިކަން ނިންމެވީ މިޔަރުގެ މަސްވެރިކަން ކުރަމުންދިޔަ މީހުންނަށް ލިބުނު ގެއްލުމަށް ބަދަލެއް ދެއްވުމުގެ ގޮތުންނެވެ. މިކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމަށްފަހު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ، މި ތިން މިނިސްޓްރީ ބައްދަލުކުރައްވައި، ބަދަލުދެއްވާނެ އުޞޫލެއް ކަނޑައަޅުއްވައި، ވަރަށް އަވަހަށް އިޢްލާނު ކުރެއްވުމަށް ނިންމެވިއެވެ.