މެންބަރުންގެ ޚިޔާލު: ފަނޑިޔާރުންނާއި ޤާޟީން ދައްކާ މިސާލަކީ ވެލާބިސް ބައެއްފަހަރު ހަރާންވުމާއި، ބައެއްފަހަރު ހަލާލުވުމުގެ މިސާލެވެ.

3 އޮގަސްޓް 2010

ލިޔުނީ: ޙަސަން މާހިރު/ ސ.ހުޅުދޫ

އިބްރާހިމް ނާސިރުގެ ވެރިކަމަށް ފަހު 1978 އަހަރު މިރާއްޖޭގައި ބިންގާ އެޅުނު މަޢުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގެ މިސާލީ ބޭސްކުރަން ނުދަންނަ ބޭސްވެރިޔާ މީހުން އޮޅުވި މިސާލެވެ. މައުމޫނުގެ ވެރިކަމަކީ، ދިވެހި ދައުލަތުގެ ތަނަވަސްކަމާއި، އަދުލު އިންސާފް ޚަރާބުވެ ދިޔަ ވެރިކަމެކެވެ.
އެގޮތުން 30 އަހަރަށް ދެމިގެން ދިޔަ މައުމޫނުގެ ވެރިކަމުގެ ސިޔާސަތާއި އެވެރިކަމުގެ ޙުކޫމަތުގެ ތެރޭގައި އަދުލު ވެރިކަން ހިންގުމުގެ ދާއިރާ އޮތްގޮތާއި، ފުލުސްކޯޓް އުފައްދާ ތަހުގީގު ކުރުމުގެ އުސޫލުތައް ފުނޑުފުނޑުކޮށް އެވެރިކަމުގެ ފުރަމާނީ ބާރުތައް މައުމޫނު ބޭނުން ކުރެއްވިގޮތާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މައްޗަށް އުނިވެގެން ދިޔަ ޢިޖުތިމާޢީ އަދާލަތުގެ ސަބަބުން ރައްޔިތުންގެ މައްޗަށް ވާރުތަވި ޢިޖުތިމާޢީ ހުސްކަމުގެ ދިރިހުރި މިސާލު މިރާއްޖޭގެ ކަންކޮޅު ތަކުން އެބަފެނެއެވެ.
ވީހިނދު، ޙިކުމަތުގެ މައްޗަށް ބިނާވެ ރާއްޖޭގެ ޤާނޫނު އަސާސީ ރައްޔިތުންގެ ޙާއްސަ މަޖިލީހުން އެކަށައެޅި ހިނދު، ޤާނޫނު އަސާސީ ފުރިހަމަ ކުރުމަށްޓަކާ އާއްމު ޤާނޫނު ހެދުމުގެ އިންތިޤާލީ ފުރުޞަތު ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހުގެ ބޮލުގައި މި މަސްއޫލިއްޔަތު އެޅުނުހިނދު، ތިމާމެންގެ މަސްއޫލިއްޔަތުގެ ބޮޑުހުވާ ކޮބާހެއްޔެވެ؟ މިހަގީގަތް ގަބޫލުކުރަނީ ކިތައްމީހުން ހެއްޔެވެ؟ މިވެރިކަމުގެ ދުޝްމަނުންގެ ކިބައިގައި އިޚްލާސް ތެރިކަން ރައްޔިތުންގެ މައްޗަށް މިއަދު މިކަމުގައި އެބަހުރި ހެއްޔެވެ؟ މަރަދޫ އާބެޔާ ކަޓާރާހެން، ނުވަތަ ގަންފޭދޫ ހެމަބެޔާ ފަދައިން، ދުޝްމަނުންގެ ބުއްދިއެއް ނެތެވެ. އެހެނީ އަޑިއަޑިން ސިއްރުވެރި ގޮތުގައި ވިސްނުމެއް ނެތި މަދަނީ ބަސް ނޭހުމަށް ސިވިލްސަރވިސްއަށް ހިތްވަރުދީ އަތޮޅުތަކުގެ ހަމަހިމޭން މާހަޢުލުގައި ތިބި އަނބިދަރީންނާއި، އާއިލާއާއެކު، އުފާވެރި ދިރިއުޅުން ކަޑައްތު ކުރަމުންދާ މާމަމެންނާއި، ކާފަމެންގެ ލޮބުވެތި ދިރިއުޅުމުގެ މައްޗަށް އެތައް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދައި، ތަޅާފޮޅުވައި، ހަސަދަ އުފައްދައި ކަންކަމުގެ ހަގީގަތާއި ޚިލާފަތް ވާހަކަ ދައްކާއިރު، ބައެއްގެ މިއިހާނެތި ވިސްނުމުގައި ލޯބޯކޮށި މުސްކުޅިން ޝާމިލު ކުރަން ވެސް ފަށައިފިއެވެ. ލޮބުވެތި މައުސޫމު ރައްޔިތުންގެ ހިތްތަކާކުޅެ، އުމުރުން ދުވަސްވުމުގެ ސަބަބުން ތުރުތުރު އަޅައަޅާ ތިބި މުސްކުޅިންގެ މެދުގައި ސިޔާސީ އުދާސްތައް އުފައްދައި، ދައުލަތުގެ އިއްޒަތާއި ކަރާމާތް ކަނޑުވާ ރާއްޖޭގެ ވެރިކަމުގެ ބާރު ރަމްޒްކޮށްދޭ މައިމަރުކަޒާއި، ރައީސުލް ޖުމުހޫރިއްޔާ އިންނަވާ ރިޔާސީ ގަނޑުވަރުގެ ގޭޓްމަތިން ފުންމާލާނެ ކަމުގެ ނަގުލީ ސިގުނަލް މުސްކުޅި އަންހެނުންގެ ކުރިމަތީގައި ދަނީ މިވެރިކަމުގެ ދުޝްމަނުން ހާމަ ކުރަމުންނެވެ.
ވީހިނދު، މަލްޓިޕާޓީ ވެރިކަމެއްގެ ތެރޭގައި އޮޕްޒިޝަން ޕާޓީއެއްގެ ދައުރަކީ، މިއީބާވައެވެ’ ރާއްޖޭގެ ދުސްތޫރީ ވެރިކަން ހިންގުމުގެ މައްޗަށް މިގެނެވުނު ތާރީޚީ ބަދަލުތައް ފުނޑުފުނޑުކޮށް، ދައުލަތް ހިންގުމުގެ މުހިއްމު ތިންބާރު މުސްތަގިއްލު ކުރުމުގެ ޙިކުމަތްއޮޅުވާ، މިރާއްޖޭގައި މަލްޓިޕާޓީ ނިޒާމެއްގެ މައްޗަށް ގާއިމުވެ އޮތް ޤާނޫނީ ވެރިކަމުގެ ޑިމޮކްރަޓިކް އުސޫލުތައް އިންދިރާސްކޮށް، ރައްޔިތުން ވާވެއްދުމަށް މިވެރިކަމުގެ ދުޝްމަނުން އަޑީގައި ތިބެ ކުރައްވާ މަސައްކަތުގެ މައްޗަށް މޭވާއެއް ނެތެވެ. ރައްޔިތުން ބައިބައިކޮށް، އެބައި މީހުންގެ ހިތްތަކުގައި ފިތުނައިގެ އަލިފާންރޯކޮށް، ރައްޔިތުންގެ ހިތްތައް ލެންބޭތޯ މިވެރިކަމުގެ ދުޝްމަނުން ކުރައްވާ މަސައްކަތަކީ، ޖައްވުގައި ތެޔޮހުރިތޯ ބެލުންފަދަ ކަމެކެވެ. ފިތުނަފަސާދައާއި، ކުރަޕްޝަނުގެ ވަބާ ފެތުރިފައި އޮތް ވެރިކަމެއްގެ ތެރެއިން ރައްޔިތުންނަށް ވާރުތަވީ ފަނޑިޔާރުންނާއި ޤާޟީންގެ މިސާލީ ވެލާބިސް ބައެއްފަހަރު ހަރާންވުމާއި، ބައެއްފަހަރު ހަލާލުވުމުގެ މިސާލެވެ. އެހެންކަމުން މިއަދު އަދުލު އިންސާފް ގާއިމުކުރުމުގެ މީޒާނަކީ މިވެރިން ދަންނަ އެއްޗަކަށް ނުވިއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ’
މިގައުމުގެ ޙާލަތު މިހިސާބަތް އާހިނދު، ފުލުހުން ޖުޑީޝަލް ސާރވިސްގެ މަސައްކަތް ހުއްޓުވީ އެ ތަނުގައި ޤާނޫނު އަސާސީއާއި ޤާނޫނާއި ހިލާފަށް ކަންތައްތަކެއް ހިންގަމުން ދާތީއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަންތައްތައް ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ޤާނޫނު ލާޒިމުކުރާ ކަމެކެވެ. ” ޤާނޫނު އަސާސީއާއި، ޤާނޫނުތަކާ ޚިލާފަށް ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ކަންތައްތަކެއް ކުރަމުން ދާހިނދު، އަދި އިތުރު ކަންތައްތަކެއް އެކޮމިޝަންއިން ނިންމެވުމަށް ކަނޑައަޅުއްވާ ފައިވާހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ދައުލަތުގެ މުއައްސަސާތަކުން ގާނޫނު އަސާސީއާއި ޤާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރު އެޅުމުގެ ގޮތުންނާއި، ހަމަ އެމާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރި ކުރުމަށްޓަކައި އަދި ހަމަ އެމާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި ދައުލަތުގެ މުއައްސަސާތަކަށް އެސިޔާސަތުތައް އަންގާ އެތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމަކީ، ރައީސުލް ޖުމްހޫރިއްޔާގެ ޤާނޫނީ މަސްއޫލިއްޔަތަކަށް ވީހިނދު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅުއްވާ ފައިވާ ދައުލަތުގެ މައިގަނޑު ސިޔާސަތުތަކާ ޚިލާފަށް އެކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ، ގަބޫލުކުރެވޭނެ ކަމެއްނޫނެވެ. އެހެންކަމުން ރައީސް ނަޝީދު މިއެޅުއްވި ޤާނޫނީ ފިޔަވަޅަކީ ޤާނޫނީގޮތުން ހުއްދަ ފިޔަވަޅެކެވެ. އެހެންމެ ޤާނޫނު ނެގެހެއްޓުމަކީ، ޤާނޫނީ ގޮތުން ސަލާމަތީ ބާރުތަކަށް ލާޒިމުކުރާ ކަމެކެވެ.