– ރާމިޒް –
އައިޑީޕީގެ ކުރީގެ ރައީސް އުމަރު ނަސީރު އެޕާޓީ އުވާލުމަށް ކުރަމުން ގެންދާ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށާއި އަދި އުމަރު ނަސީރަކަށް ވެސް ،ޑީއާރުޕީ އަކަށްވެސް ދުވަހަކުވެސް ރާއްޖޭގެ ވެރިކަމަށް ނާދެވޭނެ ކަމަށް އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ އިސް މެންބަރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްލަތީފް ވިދާޅުވީ “ތިރީސް އަހަރުގެ ވެރިކަން ބައްދަލު ކުރަންވެގެން މިލިޓަރީ އުސޫލުގެ މީހަކަށްވެގެން މިހާރު ވެރިކަން ބަދަލުވުމުން ޑީއާރްޕީ އަށް ހިމާޔަތްކަން ދިނުމަށް މީނާ (އުމަރު ނަސީރު) ބުނާބުނުމަކީ ޖޯކެއް. ދޮންޖޭމު އުމަރަށް އަޅުގަނޑު ދަންނަވާނީ އައިޑީޕީ މިހާރު މިވަނީ މި ގައުމުގެ ރައީސާއެކީއޭ. ދޮންޖޭމު އުމަރަކަށް އައިޑީޕީ އެއް އުވައެއްނުލެވޭނެ. އުވޭނީ ޑީއާރްޕީ” ކަމަށެވެ.
ރާއްޖޭގައި އަދުލު އިންސާފް ގާއިމު ކުރުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަށް އައިޑީޕީ އިން ނިހާޔަތަށް ޝުކުރުވެރިވާ ކަމަށް ވިދާޅުވެ ޢަބްދުއްލަތީފް ވިދާޅުވީ “އައިޑީޕީ މިހާރު މިތިބީ ރައީސް ނަޝީދާ އެކީ މިގައުމުގައި އަދުލު އިންސާފު ގާއިމްކުރަން އެއްބާރުލުން ދޭން.”
ޢަބްދުއްލަތީފް އިތުރަށް ވިދާޅުވީ އައިޑީޕީ އުފައްދަވައި އެޕާޓީގެ ރައީސެއްގެ ގޮތުގައި ދާދި ފަހަކާ ޖެހެންދެން ހުންނެވުމަށްފަހު، ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނާ ދެކޮޅަށް ނިކުންނަވައި، ޑީއާރުޕީއާ ގުޅިވަޑައިގެން މިހާރު ޑީއާރުޕީގެ ނައިބު ލީޑަރެއްގެ މަޤާމްގައި ހުންނެވި އުމަރު ނަސީރު އައިޑީޕީ އުވާލަން ކިތަންމެ ވަރަކަށް މަސައްކަތް ކުރެއްވި ނަމަވެސް އުމަރަށް އައިޑީޕީ އުވާނުލެވޭނެކަމަށް ޢަބްދުއްލަތީފް ވިދާޅުވިއެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ޑީއާރުޕީ އަށް ސޮއިކުރި، އައިޑީޕީގެ ކުރީގެ ރައީސް އުމަރު ނަސީރު، އައިޑީޕީ އުވާލާފައިވާކަމަށް ތަފާތު އެކި މީޑިއާތަކުގައި ތަކުރާރުކޮށް ވިދާޅުވަމުން ދަނިކޮށް، އައިޑީޕީ އަކީ އުވާލާފައިވާ ޕާޓީއެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރައްވާކަމަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ.