މެންބަރުންގެ ޚިޔާލު: ރައްޔިތުންގެ ބާރުގެ ބޭނުންކުރާންވީ އެވެ!

ލިޔުނީ: ފުނަމާ

ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނާނީ ރައްޔިތުންގެ ކިބައިންކަމާ އަދި އެބާރުތައް ދެމިއޮންނާނީ ދިވެހި ރައްޔިތުންގެ ކިބައިގައި ކަމުގައި ޤާނޫނުއަސާސީގެ 4 ވަނަމާއްދާގައި އެވަނީ ކަޅާ ހުދުން ލިޔެވިފައެވެ. ހަމައެއާއެކު 9 ވަނަ މާއްދާގައި ދިވެހި ރައްޔިތުންނަކީ ކޮބައިކަން އެވަނީ ފަސޭހައިން ދޭހަވާގޮތަށް ލިޔެދީފައެވެ.
4 ވަނަ މާއްދާގައި އެގޮތަށް ބަލާއިރު ސަރުކާރާ ރައްޔަތުންގެ މަޖިލީހާއި އަދުލު އިންސާފު ޤާއިމްކުރުމުގެ ފުރިހަމަ ބާރު އަބަދުވެސް ރައްޔަތުންގެ ކިބައިގައި އޮންނާނެއެވެ. އެޙައްޤު ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވޭނެ އެއްވެސް ޤާނޫނެއް ނުހެދޭނެކަން ކަށަވަރެވެ.
ކަންމިހެން އޮންނައިރު ސަރުކާރާ ދައުލަތް ހިންގުމުގެ ބާރު ރައްޔިތުން އެވަނީ ވަކިފަރާތަކާ ޙަވާލުކޮށްފައެވެ. އެބާރަށް އަރައިގަތުމުގެ އެއްވެސް ޙައްޤެއް، ބާރެއް ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވާނެއެވެ. ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އެވަނީ ޤާނޫނު ހެދުމުގެ ބާރު ޙަވާލުކޮށްފައެވެ. ޤާނޫނުއަސާސީއާއި ތަޢާރަޒު ނުވާގޮތުގެ މަތީން އެޤާނޫނުތައް ހެދުމުގެ ބާރު ރައްޔިތުން އެވަނީ އެމަޖިލީހާ ޙާވާލު ކޮށްފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރު ރައްޔިތުންގެ އަތްމަތީގައި އޮތީ ކިހާވަރަކަށްބާވައެވެ.
ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުކުރަނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ. އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރަށް މީހުން އައްޔަން ކުރަނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެއް ނޫނެވެ. އުއްތަމަ ފަނޑިޔާރާއި ސްޕްރީމްކޯޓަށް ފަނޑިޔާރުން އައްޔަންކުރަނީ ޤާނޫނުއަސާސީގެ 147 ވަނަމާއްދާއާއި 148 ވަނަމާއްދާގެ ހ ގައިވާގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކެއް މަޖްލީހުން ފާސްކޮށްގެންނެވެ. ސްޕްރީމްކޯޓު ފިޔަވައި އެހެނިހެން ކޯޓުތަކުގެ ފަނޑިޔާރުން ކަނޑައަޅާނީ ޖުޑިޝަލް ސަރވިސަސް ކޮމިޝަން އިންނެވެ މިހެން ބުނެފައިވަނީ 148 ވަނަ މާއްދާގެ ށ ގައެވެ. ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގައި ޖުޑިޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާގޮތް ބަޔާން ކޮށްފައި އެވަނީއެވެ.
ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުލިބިގެންވަނީ ސްޕްރީމްކޯޓަށާއި ހައިކޯޓަށާއި ޤާނޫނަކުން ކަނޑައަޅާ އެހެނިހެން ދަށުކޯޓުތަކުންނެވެ. މިއީ 141 ވަނަމާއްދާ ޤާނޫނުއަސާސީއިން ބަޔާންކުރާގޮތެވެ. ވީއިރު ސުވާލަކީ އެބުނާ ދަށުކޯޓުތައް ކޮބައިހެއްޔެވެ؟ ކުރިމަގުގައި ރާއްޖޭގައި ތިބޭނީ ކިތައް ފަނޑިޔާރުން ހެއްޔެވެ؟ ކިތައް ކޯޓުހުންނާނެހެއްޔެވެ؟ ފަނޑިޔާރުންނާ ބެހޭގޮތުން ހަދަންޖެހޭ ޤާނޫނުތައް ކޮބައިހެއްޔެވެ.؟
މިކަމުގެ ޒިންމާ ރައްޔިތުން ހަވާލުކޮށްފައިވަނީ ކޮންބަޔަކާހެއްޔެވެ؟ ޤާނޫނުއަސާސީގެ 141 ވަނަމާއްދާގެ ނ އަށް ބަލާލަމާހެއްޔެވެ؟ އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގަން ހަވާލުވެ ހުރި މީހަކުވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވައިގެން ނުވާނެއޭ ބުނެފައިވާއިރު މިޤާނޫނު އަސާސީގެ ދަށުން އިސްކުރި ފަނޑިޔާރުންނާއި އުފެއްދި ކޯޓުތަކާއި ހެދި ޤާނޫނުތައް ކޮބައިހެއްޔެވެ؟ މިކަމުގެ ޒިންމާ އުފުލަނީ ކޮންބައެއް ހެއްޔެވެ؟ އިންތިޤާލީ މަރުޙަލާ ނިމެމުންދާއިރު ޤާނޫނުގައިވާ ގޮތައް ކަންކަން ކުރުމާ ހަވާލުވެތިބި ޢިއްޒަތްތެރި މެންބަރުންގެ ރައްޔިތުންގެ މަޖިލިސް ކޮބައިހެއްޔެވެ؟ ވެރިކަން ވައްޓާލުމަށް ވެރިކަމުގެ ބާރުތައް ހަނިކުރުމާ ލިބޭބޮޑު މުސާރައިން ތަނަވަސްކަން ހޯއްދެވުމާ މޭޒުދަށުން ނުވަތަ ފެންޑާއިން ޕެޓީކޭޝް ހޯއްދެވުމާއި އިންޝުއަރެންސް ޕެކޭޖުގެ ދަށުން ސިއްހީ ފަރުވާ ހޯއްދެވުމުގެ ނަމުގައި ސިންގަޕޫރާއި މެލޭޝިޔާ ނޫނީ ބެންކޮކްގެ ޝަބާބުގައި ޣަރަގުވެ މަސްތުވަނީތޯއެވެ؟
141 ވަނަމާއްދާގެ ނ ގައި ބުނެފައިވަނީ އަމިއްލަ ފަރުދެއްގެ ވާހަކައެވެ. ދައުލަތުގެ ކަމެއް ހިންގަން ހަވާލުވެހުރި މީހެއްގެ ވާހަކައެވެ. ރައްޔިތުން ޖަމްޢުކޮށް ބޭނުން ކޮށްފައި އެނުވަނީ ކީއްވެބާވައެވެ؟ ދައުލަތުގެ ކަމެއް ހިންގަން ހަވާލުވެ ހުރިމީހަކީ ކާކުބާވައެވެ؟ ރައްޔިތުންގެ ތަނަވަސް އަޣްލަބިއްޔަތުން އިންތިޚާބުކޮށްފައިވާ ދައުލަތާއި ސަރުކާރުގެ އެންމެ އިސް ވެރިޔާ ރައީސުލް ޖުމްހޫރިއްޔާއަކީ އެބުނާ ދައުލަތުގެ ކަމެއް ހިންގަން ހަވާލުވެ ހުރި މީހާ ކަމުގައި ބެލެވިދާނެހެއްޔެވެ؟ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކަށް ބަލާއިރު މިޤައިމު ފާލުން ނެއްޓުނަ ނުދީ ހަމަޔަކަށް އެޅުވުމާ ޤާނޫނީ ވެރިކަން ދެމެހެއްޓުމާ އެކަން ކަށަވަރުކުރުން ލާޒިމް ކޮށްފައިވާއިރު ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ޤައުމު ވައްޓާލުމަށް ދޫކޮށްލައިގެން ރައީސުލް ޖުމްހޫރިއްޔާ ހުރެގެން ނުވާނެއެވެ. އަދި މިކަމުގައި ކުޅިބަލަން ތިބޭ ބައެއްގެ ގޮތުގައި ރައްޔިތުން ތިބުމަކީ ކުރެވޭނެ ކަމެއްނޫނެވެ. ރައްޔިތުން ދީފައިވާ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރުމަށާއި ރައްޔިތުންގެ ކަންކަމުގައި އިހްމާލުވެ މުޅިޤައުމު އަނދަވަޅަކަށް ވައްޓާލާތަން ބަލަން ރައްޔިތުން ތިބެގެން ނުވާނެއެވެ. އެމީހުން ދީފައިވާ ބާރުތައް އަތުލަން ޖެހިއްޖެނަމަ އަތުލުމުގެ ބާރު ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވޭނޭ އެއްވެސް ޤާނޫނެއް ނޯންނާނެއެވެ.
މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހަކީ އެމީހުންގެ ވާޖިބުތައް އަދާކުރާ މަޖިލީހެއް ކަމުގައި ބަލާނެ އެއްވެސް ތަނެއް މިހާރަކުނެތެވެ. އަދުލު އިންސާފު ޤާއިމް ކުރުމަށް ބޭނުންވާ ޤާނޫނުތައް ނުހެދުމާއި ފަނޑިޔާރުން ކަނޑައެޅުމަށް ހަދަންޖެހޭ ޤާނޫނުތައް ނެހެދުމާ މިނޫންވެސް ކިތަންމެ މުހިންމު ކަންތައްތަކަކަށް އެމަޖިލިސް އެވަނީ އިހްމާލުވެފައެވެ. ބާރުވެރި ރައްޔިތުންނަށް ހަރާން ކޯރުވެފައޭ ބުނުމަކީ ޙަޤީޤަތާ ޚިލާފު ވީ ކަމަކަށް ނުބެލެވޭނެއެވެ. އެހެންކަމާއެކު ޤާނޫނު އަސާސީއާއި ޚިލާފަށް މުޅި ޤައުމުގެ މަސްލަޙަތު ފުނޑުފުނޑުކޮލުމުގެ މޭސްތިރީންގެ ގޮތުގައިއޮވެގެން މިޤައުމު ހަނާކޮށް ލުމުގެ ކުރީން ރައްޔިތުން އެމީހުންގެ ކިބައިގައިވާ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ބާރުގެ ބޭނުން ހަމަގޮތުގައި ކުރާން ވެއްޖެއެވެ. މިކަމުގައި ރައްޔިތުންނަށް ފުރިހަމަޔަށް އެއްބާރުލުން ދެއްވުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް ޤާނޫނުން ލާޒިމްކުރާކަމެއްކަން ޔަޤީނެވެ.