އެމްޑީޕީގެ ދާއިރާތަކުގެ ރައީސުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެދާއިރާއެއްގެ މެންބަރުން އައްޔަންކުރުމަށް އެޕާޓީ އިން ކަނޑައަޅައިފި

2 އޮގަސްޓް 2010

– ރާމިޒް –

ރާއްޖޭގެ އިންތިޚާބީ 77 ދާއިރާގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންނަކީ އެދާއިރާއެއްގެ އެމްޑީޕީ ދާއިރާ ރައީސުންކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ނެތް ދާއިރާތަކުގައި ދާއިރާގެ ރައީސުންގެ އިންތިހާބު ބާއްވާ ގޮތަށް މިއަދު ހަވީރު ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއިން ނިންމައިފިއެވެ.
މިއަދު ހަވީރު 5 ޖެހިއިރު ބޭއްވި ޤައުމީ މަޖިލީހުގެ 81 ވަނަ ޖަލްސާގައި މިގޮތަށް ނިންމާފައިވަނީ އެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޤައުމީ މަޖިލީހުގެ މެންބަރު އަސްލަމް ޝާކިރު ހުށަހަޅުއްވައި، އެމަޖިލީހުގެ މެންބަރު ޝުޢައިބު އަލީ ތާއީދުކުރައްވާފައިވާ ޚާއްސަ ޤަރާރަކުންނެވެ.
މި ޤަރާރުގައި ޤައުމީ މަޖިލީހުގެ މެންބަރުން އިޤްރާރުވެފައިވަނީ ” އަމަލުކުރަމުންދާ އަސާސީ ޤަވާއިދުގެ 5.5.1 ގައި، ޕާޓީ ބައިވެފައި އޮންނާނީ އެއިރެއްގެ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ޢާންމު އިންތިހާބަށް ހުޅުވާލެވޭ ދާއިރާތަކެއްގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވާތީ، މިއުސޫލުން ބަލާއިރު ޕާޓީގައި މިވަގުތު 77 ދާއިރާ އޮންނާނެކަމަށާއި، މިދާއިރާތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންނަކީ އެދާއިރާއެއްގެ ރައީސުންކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ނެތް ދާއިރާތަކުގައި، ދާއިރާގެ ރައީސުންގެ އިންތިޚާބު ބޭއްވުމާބެހޭ ގޮތުން 14 ޖޫން 2010 ގައި ޕާޓީގެ ސެކްރެޓޭރިއަޓްގައި ބޭއްވުނު ޤައުމީ އިންތިޚާބާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ލަފާދީފައިވާތީ” މިގޮތަށް އަމަލުކުރުމަށެވެ.
މި ޤަރާރު ފާސްވެފައިވަނީ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި 25 މެންބަރުންގެ ތެރެއިން 19 މެންބަރުންގެ ވޯޓު ލިބިގެންނެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އެވެ.