2 އޮގަސްޓް 2010
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މިއަދު ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ. އަދި އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށްވެސް މެންބަރުން ޢައްޔަން ކުރައްވައިފިއެވެ. މި ބޭފުޅުން މި ޢައްޔަން ކުރެއްވީ މި ބޭފުޅުންގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި މި ބޭފުޅުން ޢައްޔަން ކުރެއްވުމަށް އެ މަޖިލީހުން ރުހުން ދެއްވާފައިވާތީއެވެ.
މިގޮތުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޢައްޔަން ކުރެއްވީ ގއ. ވިލިނގިލި ވައިޖެހޭގޭ ޔަޛީދު މުޙަންމަދެވެ. ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޢައްޔަން ކުރެއްވީ މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 9633 ޙަސަން ޒަރީރެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަން ކުރެއްވި މެންބަރުންނަކީ، ހެންވޭރު ނޫކުރިކީލަ ޢައްބާސް ޢާދިލް ރިޟާއާއި، ގދ. ތިނަދޫ ކުދިމާގޭ ޙަސަން ވަޙީދާއި، މާފަންނު މާމުލި އަޙްމަދު މުޙަންމަދާއި، ހެންވޭރު ރީގަލްގޭ ޢާއިޝަތު ލުއުލުއާ ޙަސަނާއި، އއ. އުކުޅަސް ފިފްޓީފްލާވަރ އަލްއުސްތާޛު ޙުސައިން ސިރާޖެވެ.
މި ބޭފުޅުން މިކަންކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، މިބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު 1.30ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ ބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުއްވީ، އެބޭފުޅުންނަކީ އެންމެ އެކަށީގެންވާ ބޭފުޅުން ކަމަށްވާތީ ކަމަށާއި، ނަންތައް ފޮނުއްވުމުގައި ސިޔާސީ ވިސްނުންފުޅެއް ގެންގުޅުއްވާފައި ނުވާނޭ ކަމުގައި ވިދާޅުވިއެވެ. އަދި އެބޭފުޅުންގެ މަސައްކަތް ވަރަށް އެކަށީގެންވާ ގޮތުގައި ކޮށްދެއްވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަން އެބައޮތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މުއައްސަސާ ވަރުގަދަ ކުރުމަށް އެހީތެރިވެދެއްވުމަށް އެކުވެރި ދައުލަތްތަކުންނާއި ޚާއްޞަކޮށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ތިއްބެވިކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މަސައްކަތްތަކާ ސަރުކާރުން ބެހިވަޑައިނުގަންނަވާނެ ކަމަށާއި، އެ އޮތޯރިޓީގެ ފަރާތުން ސަރުކާރުގައި އެދިވަޑައިގަންނަވާ ކޮންމެ ކަމެއް ޤާނޫނުގެ ދާއިރާގެ ތެރެއިން ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.