މަޖިލިސްކުރާގޭ ސަރަހައްދުގައި އިހުތިޖާޖުކުރަން ފަށައިފި

12 އޮކްޓޫބަރ 2009
16.05
ހަވީރު 4 ޖެހުމާއެކު މަޖިލިހަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުން ޖަލްސާ ނިންމާލައިފި. އިހްތިޖާޖު ކުރަމުން
ދިޔަ ފަރާތްތަކުގެ ތެރެއިން ބަޔަކު އަދިވެސް މިބިލާ ދެކޮޅަށް ނުރުހުން ފާޅުކުރަމުން އެބަގެންދޭ.

15.20
މަޖިލީހުން ނަމާދު ގަޑިއަށް ހުސްވަގުތުކޮޅެއް ނަންގަވައިފި. މަޖިލިސް މެންބަރުން ބޭރަށް ނުކުމެ ވަޑައިގެން އެބަ އުޅުއްވާ.

15.10
މިބިލުގެ 9 ވަނަ މާއްދާ ބާތިލް ކުރުމަށް އެމްޑީޕީ މެންބަރުން ހުށަހަޅާފައިވާ އިސްލާހް މަޖިލީހުން ފާހެއްނުވި . މި މާއްދާ އަކީ ގާނޫނު އަސާސީއާއި މުޅިން ޚިލާފް މާއްދާއެއް ކަމަށް އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވައިގެން ހާމަކުރައްވަމުން އެބަ ގެންދަވާ. މި މާއްދާ ބުނާގޮތުން ކުރީގެ ރައީސްކަން ކޮށްފައިވާ މީހެއްގެ މައްސަލަ އެއްވެސް ޝަރުޢީ ކޯޓަކުން ނުބެލޭނެ.

14.00
މަޖިލިސް މިހާރުވަނީ 15 މިނެޓަށް މެދުކަނޑާލާފައި. މަޖިލިސް މެދުކަނޑާލުމުގެ ކުރިން އެމްޑީޕީގެ މެންބަރުން ވަނީ ރިޔާސަތުން ވޯޓަށް އަހަމުންދާ ތަރުތީބާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ.
މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބޭ.

13.40
މިބިލަށް އެމްޑީޕީގެ މެންބަރުން ގިނަ އަދަދެއްގެ އިސްލާޙް ހުށަހަޅާފައިވޭ. މަޖިލީހުގައި މިހާރު ކުރިޔަށްދާ މަސައްކަތަކީ މެންބަރުން ހުށަހަޅާފައިވާ އިސްލާޙްތަކަށް ވޯޓަށް އެއްސެވުން.

13.15
މަޖިލިސްކުރާގޭގެ އުތުރު ފަރާތަށްވެސް މިހާރު ގިނަ އަދަދެއްގެ ބަޔަކު އެއްވަމުން އެބަދޭ. އެއްވެފައިވާ މީހުން ގޮވަމުންދަނީ މިބިލުގައިވާ ބައެއް މާއްދާތައް އުނިކުރުމަށާއި ސަރުކާރުން ހުށަހަޅާފައިވާ ބިލުތައް އަވަސް ކުރުމަށް.

13.00
ރައީސްކަން ކޮށްފައިވާ މީހަކަށް އިނާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭ ބިލު އިސްލާހުނުކޮށް ފާސްކުރުމާ ދެކޮޅަށް އިހްތިޖާޖުކުރަން ފަށައިފި. މިއަދު ހެނދުނު ޖަލްސާ ފެށުނީއްސުރެ ފުލުހުންވަނީ މަޖިލިސްކުރާގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފަ. ނަމަވެސް މަޖިލިސްކުރާގޭގެ އިރުމަތީ ފަރާތު ދޮރާށި ކުރިމަތިން އޮންނަ ގޯޅިތެރޭގައި ބަޔަކު އަޑުގަދަކުރާ ބޭނުންކޮށްގެން އިހުތިޖާޖު ކުރަމުން އެބަގެންދޭ.