ރަމަޟާންމަހު ޚާއްޞަ އިނާޔަތެއްގެ ގޮތުން މަސްދަޅު ހެޔޮއަގެއްގައި ގަންނަން ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސަވައިދެއްވާނެ – މިނިސްޓަރ ޑރ. އިބްރާހީމް ދީދީ

2 އޮގަސްޓް 2010

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހު ޚާއްޞަ އިނާޔަތެއްގެ ގޮތުން ފެލިވަރުގައި ތައްޔާރުކުރާ މަސްދަޅު ހެޔޮއަގެއްގައި އާންމުންނަށް ގަންނަން ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމުގައި ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ރޭ އެމްއެންބީސީގެ ޓެލެވިޜަން މޯލްޑިވްސް އިން ދެއްކި ”ގައުމާއިގެން އަމާން ބަނދަރަކަށް” މިޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ވިދާޅުވީ ފެލިވަރު މަސްދަޅުގެ އަގު ހެޔޮކުރަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ޚާއްޞަ އިނާޔަތެއްގެ ގޮތުން ކަމަށެވެ. ނަމަވެސް ދަޅުމަހުގެ އަގަށް ގެންނަވަން ނިންމަވާފައިވާ ބަދަލާއި ބެހޭ ތަފްޞީލެއް ރޭގެ ޕްރޮގްރާމްގައި މިނިސްޓަރ ނުދެއްވައެވެ.
ދިރިއުޅުމުގެ އަގުތައް ތިރިކުރުމަކީ އެމްޑީޕީގެ މައިގަނޑު 5 ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އިޤްތިސާދީ ގޮތުން މިހާ ދަތި ދުވަސްވަރެއްގައި ވެސް، ވެރިކަންކުރާ އެމްޑީޕީ އިން ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކަރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާތަން އަޅުގަނޑުމެންނަށް މިހާރުދަނީ ފެންނަމުންނެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ނަޝީދާއި މިސަރުކާރުގެ މަޤްބޫލުކަން ވެސް އިތުރުވަމުންދާ ކަމަށް ރާއްޖޭގެ ސިޔާސީ މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.