ރައީސް ނަޝީދުގެ ވިސްނުންފުޅަކީ ވެރިކަން ހޯއްދެވުން ނޫންކަމަށާއި ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ ވެރިކަމެއް ޤާއިމުކޮށްދެއްވުން – ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮންރބަލް އަބްދުﷲ ޝާޙިދު

800029488

ރައީސް ނަޝީދުގެ ވިސްނުންފުޅަކީ ވެރިކަން ހޯއްދެވުން ނޫންކަމަށާއި ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ ވެރިކަމެއް ޤާއިމުކޮށްދެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ‘އާ ބާރެއް، އެއްބުރުން’ގެ ނަމުގައި މިހާރު ފަށައިފައިވާ ކެމްޕެއިން ދަތުރުގެ ތެރެއިން ބ. އޭދަފުށީ މާފޮޅޭ މައިޒާނުގައި ރޭ (14 އޮގަސްޓް 2013)ގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓީވީއެމް އިން ގެނެސްދިން ރިޔާސީ ކެނޑިޑޭޓުންގެ އާއިލީ ދިރިއުޅުއްވުމަށް އަލިއަޅުވައިލައިފައިވާ ޕްރޮގްރާމްގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވަމުން އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ އަނދަގޮޑީގައި ވީ އަނިޔާގެ ވާހަކަ ތަކުރާރުކޮށް ދެއްކެވުމުގެ ބަދަލުގައި ރައީސް ނަޝީދު ބެއްލެވީ ސަމާސާ މިޒާޖެއްގައި ވާހަކަފުޅު ދައްކަވަން ކަމަށެވެ. އޭގެ ސަބަބަކީ ރައީސް ނަޝީދުގެ ކެމްޕެއިންގެ އަމާޒަކީ ރައްޔިތުންނަށް ދޭނެ ޚިދުމަތްތައް ކިޔައިދެއްވައިގެން ރައްޔިތުން ވޯޓު ހޯއްދެވުންކަމަށް ޝާހިދު ވިދާޅުވިއެވެ. ޖަލުތަކުގައި ވީ އަނިޔާގެ ވާހަކަ ދައްކަވައިގެން ވޯޓު ހޯއްދެވުމުގެ ބަދަލުގައި ރައީސް ނަޝީދު ބޭނުންފުޅުވަނީ ކުރިމަގަށް ވިސްނަވާ ރައްޔިތުންނަށް ދެއްވާނެ ޚިދުމަތްތަކުގެ ވާހަކަފުޅު ދައްކަވައިގެން އިންތިޚާބު ކާމިޔާބު ކުރަށްވަންކަމުގައި ޝާހިދު ވިދާޅުވިއެވެ.

އެޕްރޮގްރާމްގައި ރައީސް ނަޝީދުގެ އާއިލާއިން ތަހައްމަލް ކުރި ހިތްދަތިކަން ބައްލަވަން ތިއްބެވި ހުރިހާ ބޭފުޅުންނަށް އިހްސާސް ވެގެން ދާނެކަމަށް ޝާހިދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވަރަށް ކުރިއްސުރެ ދަންނަކަމަށާއި ދަރީން ބޮޑެތި ކުރައްވައިފައިވަނީ ބޮޑައިކަމާއި، ކިބުރުވެރިކަމެއްނެތި ކަމަށާއި އެއީ އެހެންމީހުންނަށް ހުރި ލާމަސީލު ނަމޫނާއެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭދަފުށީ ރައްޔިތުންނާއި މުހާތަބުކުރައްވާ ޝާހިދު ވިދާޅުވީ އެމަނިކުފާނު އޭދަފުށްޓައް ޒިޔާރަތްކުރުމުން އިތުރު ބާރެއް އެއްބުރުން ކާމިޔާބު ކުރުމަށް ލިބޭ ކަމަށެވެ. މީގެ ކުރިން އިންތިޚާބުތަކުގައި ނުލިބޭ ވަރަށް މިއިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ތާއީދު ލިބިގެންދާނޭކަން ޔަގީންކުރައްވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އޭދަފުށިން އެމަނިކުފާނަށް ލިބުނު ހިތްވަރު އެހެން ރަށްރަށަށް ދާއިރު އެހިތްވަރާއެކު މަސައްކަތް ކުރައްވާނޭކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ދަތުރުތަކުގެ ސަބަބުން ރައްޔިތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ކުރަމުން އަންނަ ތާއީދު ވަޒަންކުރެއްވޭކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމްޑީޕީއިން ހުށައެޅި ސިޔާސަތުތައް ރައްޔިތުން ބަލައިގަނެ ރައީސް ނަޝީދު އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނޭކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.