21 ވަނަ ގަރުނަށް އެޅުނު އިރު ރާއްޖެ ތަރައްގީވެފައިނެތީ އޭރުގެ ސަރުކާރުގެ ނާގާބިލްކަމުން: ޑރ. މުސްތޮފާ ލުތުފީ

BRpfJ5GCUAA2QYu.jpg_large

21 ވަނަ ގަރުނަށް އެޅުނު އިރު ރާއްޖެ ތަރައްގީވާންޖެހޭ ވަރަށް ތަރައްގީވެފައި ނެތީ އޭރުގެ ސަރުކާރުގެ ނާގާބިލްކަމުން ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ‘ނެތޭ ވެވޭކަށް ބާޣީއަަކަށް’ ޝިއާރުގެ ދަށުން ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ގދ. ތިނަދޫ ގައި ރޭ(14 އޯގަސްޓް 2013) ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

30 އަހަރުގެ ވެރިކަމަށް އިޝާރާތްކުރައްވާ ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކަށް ވީތީ ޔޫއެންޑީޕީ ފަދަ ބޭރުގެ ޖަމިއްޔާތަކުން ރާއްޖެއަށް ވަރަށް ގިނަ އެހީ ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ލިބުނު ފައިސާ އާއި އެހީއާއި ބަލާއިރު އެކަށީގެންވާ ތަރައްގީ ލިބިފައި ނުވާކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ ބޯފެން ލިބޭނެ ނިޒާމެއް ނެތުމާއި، ނަރުދަމާގެ ނިޒާމު އޮތް ހާލަތާއި، މަގުތައް އޮތް ހާލަތާއި، ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމް އޮތް ދަށް ފެންވަރު އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ފަހުން އައި ބަޣާވާތުގެ ވެރިކަމުގެ 2 އަހަރު ވީގޮތް މިހާރުވެސް ފެންނަމުންދާ ކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ. އަދި ކޯލިޝަންއެއްގެ ނަމުގައި ކުރަމުންދާ ވެރިކަމުގައި މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދުގެ ވެރިކަމަށް އަލިއަޅުވައިލައްވަމުން ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެފައިވަނީ އެހެން ހުރިހާ ވެރިކަމާއި އަޅާކިޔާއިރު ހާސް ގުނަ ތަފާތުކަމަށާއި، ތަސައްވަރެއް އޮވެގެން ކުރަމުން އައި ވެރިކަމެއްކަމަށެވެ. އެވެރިކަމުގައި ފެނިގެންދިޔަައީ މުރާލިކަމާއި ހީވާގިކަންކަށާއި ރައްޔިތުންނަށް ރަނގަޅު އިޖުތިމާއީ ނިޒާމެއް ގާއިމު ކޮށްދިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތިނަދޫގެ ތާރީހަށް އަލިއަޅުވައިލައްވަމުން ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެފައިވަނީ ތިނަދޫ މީހުންނަކީ އެންމެ ކުރިއްސުރެވެސް ސިޔާސީ ވިސްނުން ހުރި، ތަރައްގީއަށް ލޯބިކުރާ އަދި އޭރަކު އޮންނަ ސަރުކާރެއްގެ ފިއްތުންތަކަށް ބޯނުލަނބާނެބައެއް ކަމަށެވެ. ރަށަށް އައި ތަރައްގީގައި އެންމެ ފުރިހަމައަށް ބައިވެރިވި މީހުންނަކީ އެއީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަލްސާގެ ޝިއާރާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެފައިވަނީ އެ ޝިއާރު ބޭނުންކޮށްގެން ޖަލްސާ ބާއްވަވަނީ އެކުރި ބަޣާވާތް ހަނދާންކުރަން ޖެހޭތީ ކަމުގައެވެ. އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރެއް ގާއިމްކުރަން ޖެހެނީ އެދުވަހު ބަޣާވާތްކުރި މީހުންނަށް ނޫނެކޭ ބުނުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދަންވަރު ގަޑީގައި އެރަށަށް ވަޑައިގެންނެވުނު ކަމުގައިވީ ނަމަވެސް ކިޔައިފައިވަނީ ވަރަށް ފުރިހަމަ މަރުހަބާއެއްކަމަށް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ތިނަދޫ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.