1 އޮގަސްޓް 2010
އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ދެކޮޅުހަދަމުންގެންދިޔަ ނަމަވެސް މާލެއިން ވިއްކުމަށް ސަރުކާރުން ހަމަޖައްސާފައިވާ ބިންތައް ވިއްކަވާނެކަމަށް މާލޭ މުނިސިޕަލްޓީގެ ރައީސް (ސަރަނގު) އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
އާދަމް މަނިކު މިހެން ވިދާޅުވީ ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެޕާޓީގެ އާންމު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިހާރު ސަރުކަރުން ކުރަން ނިންމާފައިވާ އެއްކަމަކީ މާލޭގެ ބިންވިއްކުން ކަމަށާއި، މިގޮތުން މިކަން މިހާރު އިޢުލާން ވެސް ކޮށްފައި ވާނޭ ކަމަށާއި، ” 25 ގޯތި ވިއްކާލީމާ 300 ފްލެޓް އެޅޭނޭ” ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.
“ކުރީގެ ސަރުކާރުން ހުޅުމާލެއާއި މާލެއާއި ދެތެރޭ އަޅަން ބުނި ފަލާމެއް އަހަރެންނަކަށް ނުފެނުނު. މިހާރު ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން ބިން ވިއްކަން މިއުޅެނީ. އިއުލާނުވެސް ކޮށްފިން. އަދި އަހަރެން މިހާރު ބަޔަކާ ކުރަހަން ހަވާލުވެސް ކޮށްފިން” އާދަމް މަނިކު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު އިތުރަށް ވިދާޅުވީ “އެމްޑީޕީގެ އެންމެ މުހިންމު ރުކުނަކީ އެމްޑީޕީގެ މެންބަރުން” ކަމަށާއި، އިއްޔެ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި މާޖެހިރަޝީދު ފަދަ ބޭފުޅުން ދުނިޔެ ދޫކުރެއްވީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހަދިޔާތަކެއްދީފައި ކަމަށެވެ.