ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްތަފާ ލުތުފީ އަދި ޗެއަރޕާސަން ގދ އަތޮޅު، ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ކުރައްވާ “ނެތޭ ވެވޭކަށް ބާޣީއަކަށް” ދަތުރުފުޅު މިއަދު ފައްޓަވާނެ

picture

“ނެތޭ ވެވޭކަށް ބާޣީއަކަށް” ދަތުރުފުޅުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ (އެމްޑީޕީގެ) ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްތަފާ ލުތުފީ އަދި ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު މިއަދު (14 އޯގަސްޓް 2013) އިރުއޮއްސޭއިރު ފުރާވަޑައިގަންނަވާނެއެވެ. މިދަތުރުފުޅުގައި ގދ.އަތޮޅާއި ފުވައްމުލައް އަދި އައްޑޫ ސިޓީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ގދ.ތިނަދޫއިން ފެއްޓެވުމަށް ހަމަޖެހިފައިވާ މިދަތުރުފުޅުގައި “ނެތޭވެވޭކަށް ބަޣީއަކަށް” ބިލްބޯޑު ހަރުކޮށް މިިރޭ ތިނަދޫގައި ވަނީ ހާއްސާ ޖަލްސާއެއް ބޭއްވުމަށް ރޭވިފައެވެ. ހަމައެހެންމެ 15ވަނަ ދުވަހުގެ ހެނދުނު ގައްދޫއަށް ޒިޔާރަތް ކުރައްވާ އެރަށުގައި ކަންމަތީ ބައްދުލުވުން ބާއްވައި ބަޣާވާތާއި ބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފުވައްމުލަކާއި އައްޑު ސިޓީއަށް ޒިޔާރަތް ކުރެއްވުމަށް ވެސް ރޭވިފައިވާ މިދަރުފުޅުގައި 7 ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ބަޣާވަތަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުުން ބަޣާވާތާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ސިޑީއާއި ލުއި ފޮތްވެސް ރައްޔިތުންނަށް ބެހުމަށްް ރޭވިފައިވާކަންވެސް ފާހަގަކޮށްލަމެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރަނިންގމޭޓް ޑރ.މުސްތަފާ ލުތުފީ އަދި ޓީމު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 18ވަަނަ ދުވަހުގައެވެ.