ފ. އަތޮޅާއި ދ. އަތޮޅުގެ މި ހަފްތާގެ “އެއްބުރުން” ކެމްޕެއިން ދަތުރުތައް ފެށިއްޖެ

picture

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތާއީދު ހޯދުމަށްޓަަަކައި ފާފު އަތޮޅާއި ދާލު އަތޮޅަށް ކުރާ މި ހަފްތާގެ ދަތުރުތައް މިއަދު( 14 އޯގަސްޓް 2013) ފެށިއްޖެއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރަމުންދާ ކެމްޕެއިންއެކޭ އެއްފަދައިން މިދަތުރުގެ އަމާޒަކީ ރައީސް ނަޝީދު “އެއްބުރުން” ހޮވުމަށްޓަކައި ކެމްޕެއިން އާ ފޯރިއެއްގައި ކުރިޔަށް ގެންދިޔުމެވެ.

މިދަތުރުގައި ބައިވެރިވެވަޑައިގަންނަވަނީ މ،ފ،ދ އަތޮޅަށް ކަނޑައަޅައިފައިވާ ކޯރޑިނޭޓަރ މުހައްމަދު ޝިހާބު، ތިނަދޫ ދާއިރާގެ މެންބަރު މުހަންމަދު ގަސަމް، މަޑަވެލި ދާއިރާގެ މެންބަރު މުހަންމަދު ނާޒިމް، އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންކަމުގައިވާ ކުޑަހުވަދޫ ދާއިރާ ރައީސް ޝާކިރު އާއި މީދޫ ދާއިރާގެ ރައީސް މުހައްމަދު ޖައިޝްއެވެ.

މިކެމްޕެއިން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށް ދަތުރުގެ ބައިވެރީން ބަހާލުމަށްފަހު އެއްޓީމު ފާފު އަތޮޅަށް އަދި އަނެއް ޓީމު ދާލު އަތޮޅުގައި ކެމްޕެއިންކުުރުމަށެވެ. މިގޮތުން ފ. އަދި ދ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރާއިރު ރަށްރަށުގައި “ޑޯ ޓު ޑޯ” ހިންގަވައި ރައީސް ނަޝީދުގެ މެނިފެސްޓޯ ރައްޔިތުންނާއި ހިއްސާކުރެެއްވުމާއި، އެރައްޔިތުންގެ ހާލުބެއްލެވުމާއި އަދި ކަންމަތީ ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރަށްރަށުގައި ހަރަކާތްތެރިވަމުން އަންނަ ރަށު ކޯރޑިނޭޓަރުންނާއި އަދި ޓާގެޓް ގްރޫޕްތަކާއި މި ޓީމުން ބައްދަލު ކޮށް މަޝްވަރާ ބައްދަލުވުނަތައް ކުރިޔަށް ގެންދާނެއެވެ.