ރ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރާ “އެއްބުރުން” ކެމްޕެއިންގެ މި ހަފްތާގެ ދަތުރުތައް ފެށިއްޖެ

ސެޕްޓެމްބަރު 7 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ތަކުގެ ދަށުން، ރ. އަތޮޅަށް އެމްޑީޕީއިން ކަނޑައަޅައިފައިވާ ކެމްޕެއިން ކޯޑިނޭޓަރ މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިސްވެރިޔަކަށް ހުންނަވައި ރ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރާ “އެއްބުރުން” ކެމްޕެއިންގެ ދަތުރުތައް މިއަދު( 14 އޯގަސްޓު 2013) ފައްޓަވައިފިއެވެ.

ރ.އަތޮޅުގެ ތިން ރަށަކަށް (ދުވާފަރު، ހުޅުދުއްފާރު އަދި މާކުރަތު) ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ މިދަތުރުގައި ދޮރުން-ދޮރަށް ހިންގައި ރައްޔިތުންގެ ހާލު އަހުވާލު ބައްލައި އެމްޑީޕީއިން ކަނޑައަޅައިފައިވާ ސިޔާސަތުތައް ރައްޔިތުންނަށް ކިޔައިދީ އޮޅުންފިލުވައިދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ. ހަމައެހެންމެ މިޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ވޯޓް ލާންވީ ކީއްވެގެން ކަމާއި ރައީސް ކަމަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓަށް އެމަނިކުފާނު ވާ ސަބަބުތައް ރައްޔިތުންނަށް މިދަތުރުގައި ހާމަކޮށް އޮޅުންފިލުވައިދިނުމަށްވެސް ވަނީ ރޭވިފައެވެ. މީގެ އިތުރުން، އެރަށްރަށުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކަންމަތީ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާކަންވެސް ފާހަގަ ކޮށްލަމެވެ.

މި ދަތުރުގައި މާރިޔާގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ ރައީސް ޙުސެއިން ޝަހީމާއި، މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސް އިބްރާޙިމް އަޙުމަދު އަދި އެއްބުރުން ކެމްޕެއިންގެ އިތުރު ހަރަކާތްތެރިން ބައިވެރިވެއެވެ.