11 އޮކްޓޫބަރ 2009
އިދިކޮޅު ފަރާތްތަކުން މިއަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ބަޣާވާތެއް ގެނެސް ސަރުކާރު ވައްޓާލަން މަސައްކަތް
ކުރެއްވި ނަމަވެސް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހި ވަޑައިނުގެން ސަފުގެ އެންމެ ކުރީގައި ހުންނަވާނޭ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އިދިކޮޅު ފަރާތްތަކުން ބަޣާވާތެއް ރާވަން އުޅުނު ކަމުގައި ވިޔަސް އެކަމާ ކުޑަކޮށްވެސް ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށާއި، އެފަދަ ބަޣާވާތެއް ރާވާނެކަމަށް ބުނާ ބައެއްގެ ފަހަތުގައި މާގިނަބަޔަކު ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ތިރީސް އަހަރުގެ ތެރޭގައި އާރާއި ބާރާއި ވެރިކަމުގެ އެންމެހާ މުއްސަނދިކަމާއެކުވެސް އެމްޑީޕީ ބަލިކުރެވިފައި ނުވާތީ އެފަދަ ބަޔަކަށް މިސަރުކާރު ގުޑުވާލެވިދާނެ ކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
“އެމްއެންޑީއެފަށް އެނެމެ ރަގަޅަށް އެނގިވަޑައި ގަންނަވާނީ ނޮވެމްބަރު ތިނެއްގެ ތިންތިނެއް މަތިމައްޗަށް އަޔަސް އަޅުގަނޑު ހަމަގައިމުވެސް ފިލާނުދާނަން. އަޅުގަނޑުމެން ކަންކަން ނުކޮށް މިތިބެނީ އަޅުގަނޑުމެން ޖެހިލުންވާތީކީއެއް ނޫން. އަޅުގަނޑުމެންނަށް ބުއްދިވެރިގޮތް ވިސްނޭތީ.” ރައީސް ނަޝީދު ވިދާޅުވިއެވެ.”އަޅުގަނޑު އަނެއްކާވެސް ވާދަވެރި ހުރިހާ ފަރާތަކަށް ޔަޤީންކޮށް އަރުވަނީ ތިޔަބޭފުޅުން ހަފްތާއަކު ދެފަހަރު ބަޣާވާތް ރޭވިޔަސް އަޅުގަނޑު ހަމައަޅާވެސް ނުލާނަން”
އެމްޑީޕީގެ އެތައް ސަތޭކަ ސަޕޯޓަރުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “އަޅުގަނޑު ދަންނަވާނީ ހަމަ މަރުފައްޔޭ ތިޖައްސަވަނީ. ތިކަމާ ނޫޅުއްވައްޗޭ. ތިކަމާ ނަމަނަމަ ނޫޅުއްވައްޗޭ.މީގެ ދެ އަހަރު ކުރީގައި ތޮއްޑޫގައި އަޅުގަނޑުބުނިން މިސަރުކާރު ބަދަލުކުރާން ވެއްޖެކަމަށް. އަދި އެކަމާގުޅިގެން އަޅުގަނޑުގެ މައްޗަށް އޭރުއޮތް ސަރުކާރުން ދައުވާކުރި ބަޣާވާތެއް ހިންގަން އުޅުނު ކަމަށް.. މިސަރުކާރާ އޭރުގާ އޮތް ސަރުކާރާހުރި ތަފާތަކީ މިދެންނެވީ. ހަމަތޮއްޑޫގެ އިއްޒަތްތެރި މެންބަރަށް ބަޣާވާތް ރާވަމުން ގެންދެވިދާނެ. އަޅުގަނޑުމެނެއް ދައުވާއެއް ނުކުރާނަން. އަޅުގަނޑުމެންނަށް ޔަގީން އެބޭފުޅުންނާއެކު އެކަންކުރާކަށް ދޮޅަހެއްހާ މީހުންވެސް ނެތްކަން.”
އެމްޑީޕީގެ ފަސް ވައުދު ފުއްދުމުގެ ގޮތުން މިހާތަނަށް ސަރުކާރުން އަޅުއްވާފައި ހުރި ބައެއް ފިޔަވަޅުތަކަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށް އެމްޑީޕީން ވެފައިވާ ވައުދުގެ ދަށުން މެދު ދެކުނު ޕްރޮވިންސްގައި އެޚިދުމަތް ވަރަށް އެކަށީގެންވާ ގޮތެއްގައި ކުރިޔަށްދާކަމާއި، ބޭސް ފަރުވާއަށް ސަލާންޖެހުން ނައްތާލުމުގެ ވައުދުގެ ދަށުން ހިންގަވާ މަދަނަ ޕްރޮގްރާމްގެ ކާމިޔާބީ ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ދުނިޔޭގެ ބާރުގަދަ ގައުމުތައް ދިވެހި ސަރުކާރަށް ތާޢީދުކޮށް ދިވެހި ސަރުކާރާ އެކު ވާކަމަށާއި އެހެން ކަމުން އިންތިޚާބަކާ ނުލައި މިސަރުކާރު ގުޑުވައެއް ނުލެވޭނޭ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީއެއްގެ ހަގީގީ ކުލަ އެޕާޓީއެއްގައި ޖެހިގެންދާނީ އެމްޑީޕީ ކަންކުރަމުން އައި އުސޫލުން ކަންތައްކޮށްގެން ކަމުގައި ވިދާޅުވެ، އެމްޑީޕީ ކުރިޔަށް ދިޔަ މިސްރާބުން ހިނގަމުން ދިއުމަށް ވާދަވެރި ސިޔާސީ ޕާޓީތަކަށް ރައީސް ގޮވާލެއްވިއެވެ. އަދި އެގޮތަށް އަމަލުކޮށްފި ކަމުގައިވާނަމަ އެމްޑީޕީއަށް މިއަދު އާދެވިފައިވާ ހިސާބަށް އެހެން ޕާޓީތަކަށްވެސް އާދެވިދާނެ ކަމަށާއި، އެހެން ނަމަވެސް ވެރިކަން ބަދަލުކުރެވޭނީ އިންތިޚާބަކަށްފަހު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި ޚާރިޖީ ވަޒީރު ޑރ. ޝަހީދު ވެސް ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކަންކަން ކޮޕީ ކުރުމަކީ އެކަމަކަށް ސަނާ ކިޔުން ކަމަށާއި ޑީއާރުޕީން މިއަދު އެމްޑީޕީ ކޮޕީކުރަމުން ދިއުމުން ދޭހަވަނީ އެޕާޓީން އެމްޑީޕީއަށް ސަނާކިޔުން ކަމުގައެވެ.
މިޖަލްސާގައި ރައީސް ވަނީ އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންދިނުމަށް ބަޔަކު މަސައްކަތް ކުރިނަމަވެސް ހިތްވަރާ އަޒުމާއެކު އެންމެ ކުރީ ސަފުގާ ހުންނަވާނޭ ކަމުގެ ޔަގީންކަން ދިވެހިރައްޔިތުންނަށް ދެއްވާފައެވެ. “އަޅުގަނޑު މަރާލެވިދާނެ. އެހެންނަމަވެސް ކުޑަތަންކޮޅެއްވެސް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުގެ ޖިސްމަށް، ޖާނަށް، މުދަލަށް، އަޅުގަނޑުގެ ގެދޮރަށް ގެއްލުންދެވިދާނެ. އެހެން ނަމަވެސް މިގައުމަށް، މިދައުލަތަކަށް ކުޑަވެސް ގެއްލުމެއް ނުދެވޭނެ.” އެމްޑީޕީގެ އެތައް ސަތޭކަ ސަޕޯޓަރުންނާ މުޚާޠަބު ކުރައްވައި ރައީސް ވިދާޅުވިއެވެ.”މިރާއްޖޭގެ ޑިމޮކްރެސީ މިއޮތީ އަޅުގަނޑުމެންގެ ތަރުތީބުގާ ހަރުދަނާކުރަން ފެށިފަ. ހަމަ އެކަކަށްފަހު އަނެކަކު ހުންނާނެ. ހުރިހާކަމެއް ހިނގަމުންދާނީ ގާނޫނުގައިވާ ގޮތުގެ މަތިން. ގާނޫނީ ދައުލަތެއް ހިންގަމުންދާ އިމުގެތެރޭގަ. އަޅުގަނޑުމެން އެކަމަކާ އެއްވެސް ހާލެއްގާ ކަންބޮޑުވާނެ ކަމެއް ނެތް.”
ރޭގެ ޖަލްސާގައި ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަޙުމަދު ޝަހީދު އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވާހަކަފުޅުދެއްކެވިއެވެ. ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންވަނީ މާދަމާ މަޖިލީހުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުރީގެ ރައީސްގެ އިނާޔަތުގެ ބިލު މިހާރު އޮތްގޮތަށް ފާސްވިޔަ ނުދިނުމުގެ ގޮތުން އިހްތިޖާޖު ކުރުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިފައެވެ. މިޖަލްސާއަކީ މިފަހުގެ ތާރީޚެއްގައި އެމްޑީޕީގެ ހަރުގޭގައި ބޭއްވި އެންމެ ފޯރިގަދަ އަދި އެންމެ ގިނަބަޔަކު ހާޒިރުވި ޖަލްސާއެވެ.