ރައީސް ނަޝީދަށް ނިސްބަތްކޮށް ޝެއިޚް އިލިޔާސް ޙަޤީޤަތާ ޚިލާފު ވާހަކަތައް ތަކުރާރުކުރައްވަމުން ގެންދަވާ ގެންދެވުން މި ޕާރޓީން ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ނިސްބަތް ކުރައްވައި، މާތްވެގެންވާ އިސްލާމް ދީނާ ގުޅުވައިގެން، އަދާލަތު ޕާރޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޝެއިޚް އިލިޔާސް ޙުސެން ޙަޤީޤަތާ ޚިލާފު ވާހަކަތައް ތަކުރާރުކުރައްވަމުން ގެންދަވާ ގެންދެވުން މި ޕާރޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

މިރާއްޖޭގައި އިސްލާމް ދީނާއި، ޑިމޮކްރެސީއާއި، އިންސާނީ ކަރާމަތާއި ތަރައްޤީއަށްޓަކައި ރައީސް މުޙައްމަދު ނަޝީދު ކުރެއްވި މަތިވެރި މަސައްކަތްޕުޅުގެ ސަބަބުން އެމަނިކުފާނު ވެވަޑައިގެންފައިވަނީ ރާއްޖޭގެ ރައްޔިތުންނާއި އަދި ބައިނަލް އަޤުވާމީ ފަރާތްތަކުގެ އާދަޔާ ޚިލާފު ތާޢީދާއި، އިޙްތިރާމާއި އިތުބާރު ހޯއްދަވައިގެން ހުންނެވި ޝަހުސިއްޔަތަކަށެވެ.
އެއާ ޚިލާފަށް ޝޭޙް އިލިޔާސް ޙުސެން އަކީ އެބޭފުޅާ ސިޔާސީ ގޮތުންނާއި އަދި ދީނީގޮތުން ވެސް ދައްކަވާ ވާހަކަ ފުޅުތަކަށް ރައްޔިތުންގެ އެއްވެސް ތާޢީދެއް ނުވަތަ އިތުބާރެއް ނެތުމުގެ ސަބަބުން އެބޭފުޅާ 2009 ވަނަ އަހަރު ވައިކަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކޮނޑިއަށް ވާދަކުރެއްވި ހިނދު، ލަދުގަންނަވަރުގެ ބޮޑު ބައްޔަކުން ބަލިވެވަޑައިގެންފައިވާ ނާކާމިޔާބު ބޭފުޅެއްކަން ފާހަގަކުރަމެވެ.

ޝެއިޚް އިލިޔާސް ޙުސެން އަކީ ދީނުގެ ތޮފި އަޅުއްވައިގެން ހުންނަވައި، އޮޑި ދޯނި ފަހަރަށް އެބޭފުޅާގެ އީމާންތެރިކަން ވިއްކާލައި، އަދި ސިޔާސީ މަންފާ ހޯއްދެވުމަށްޓަކައި ދީނުގެ ނަމުގައި އެއްވެސް އަސްލެއްގެ މައްޗަށް ބިނާވެގެން ނުވާ ޙަޤީޤަތާ ޚިލާފު އަދި ފިތުނަވެރި ވާހަކަ ދެއްކެވުމުގައި މަޝްހޫރު ބޭފުޅެއްކަން ވެސް ފާހަގަކުރަމެވެ.

އަދި އެބޭފުޅާގެ އަމަލުފުޅާއި ބަސްފުޅު ދިމާ ނުވާކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ. މިގޮތުން އެބޭފުޅާ ވެވަޑައިގެންފައިވަނީ ދީނުގެ ނަމުގައި ޙަރާމްވެގެންވާ ބަޣާވާތެއް ކުރެއްވުމުގެ އެއް ބައިވެރިއަކަށެވެ. އަދި ބަޣާވާތުގެ ބައި ދައުރެއްގެ ތެރޭގައި ވެސް އެއް ފަރާތަކަށް ތެދުވެރިވުންމަތީ ދެމިހުންނަވާފައި ނުވާކަން ފާހަގަކުރަމެވެ. މިގޮތުން އެބޭފުޅާ ބައިއަތު ހިއްޕަވާ ކޮންމެ ފަރާތަކަށް ގައްދާރުވެވަޑައިގެންފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ނެގި ސިއްރު ވޯޓުގެ މައްސަލާގައި ވޯޓު ސިއްރުކުރުމަށް ވޯޓު ދިން ޕާރޓީ އަކާ ދުވަހަކުވެސް ބައިއަތު ނުހިއްޕަވާނޭކަމުގެ ވަޢުދު ވެވަޑައިގަތުމަށްފަހު އެވަޢުދާ ޚިލާފަށް މިހާރު ބައިއަތު ހިއްޕަވާފައިވަނީ ވޯޓު ސިއްރުކުރުމަށް ވޯޓު ދެއްވި ޖުމްހޫރީ ޕާރޓީއާކަން ފާހަގަކުރަމެވެ. އަދި އިސްލާމް ދީނުގެ ވާހަކަ ދެއްކެވުމަށްފަހު، މިރާއްޖެއަށް އެންމެ ގިނައިން ބަނގުރާ އެތެރެކޮށް އޭގެ ވިޔަފާރިކުރާ ފަރާތަކީ ކޮބައިތޯ ރަނގަޅަށް ހޯއްދަވާ ބެއްލެވުމަށްފަހު ޝެއިޚް އިލިޔާސް އެފަރާތަކާ ބައިއަތު ހިއްޕަވަމުންދާ ކަމީވެސް އެންމެން ދަންނަ ޙަޤީޤަތެކެވެ.

އެހެންކަމުން އެ ފަދަ ކަންކަމަކީ އިސްލާމް ދީނަށް ކުރެވޭ ފުރައްސާރައެއްކަމަށް ވާތީ، ދީނީ ތޮފި އަޅުއްވައިގެން ސިޔާސީ އެޖެންޑާ ޙާޟިލުކުރެއްވުމަށް ތިޔަގޮތަށް މަސައްކަތް ނުކުރެއްވުމަށް އަދާލަތު ޕާރޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޝެއިޚް އިލިޔާސް ޙުސެނަށް އިޚްލާސްތެރިކަމާއެކު މި ޕާރޓީން އިލްތިމާސްކުރަމެވެ.

14 އޯގަސް 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް