1 އޮގްސްޓް 2010
ލިޔުނީ: ފުނަމާ
2010 ޖުލައި 26 ވަނަ ދުވަހު މިސަރުކާރުން ކުރިހާ ވެސް ކަމަކީ ކުރީގެ ސަރުކާރުން ނިންމާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ރެބަންފަށް ކަނޑާލުން ކަމުގައި އިދިކޮޅު ފަރާތްތަކުން މިހާރު ގެންދަނީ އަޑުއަރުވަމުންނެވެ. 5 އަހަރު ވަންދެން ކުލަލިޔަސް 30 އަހަރުގެ ރަސްކަމުގައި ރާއްޖޭގެ އެކިކަންކޮޅުގައި ބިނާކޮށްފައި ހުރި ގަނޑުވަރުތައް ފަދަ އިމާރާތްތަކުގައި ކުލަލާން އުޅުނަސް ނުލެވޭނެހާ އިމާރާތްކޮށްފައި ހުންނާނޭ ކަމުގައި ބުނެއުޅެތެވެ. ބޭނުމަކީ ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލުމެވެ. އެހެން ނަމަވެސް މިއުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމުގައި ރާއްޖޭގެ ހިކިފަސްތަނެއްގައި ވިއްޔާ ކޮންމެވެސް ތަނެއްގެ ބިންގާ އަޅައި ފިނޮޅެއް އޮތަސް ކުރީން ޖަހައި ފީވެފައިހުރި ކަޑަތައް އުފުރައިގެން ވަނީ ބަނދަރުހެދުމަށް ކަޑަޖަހާފައެވެ. މިއަކީ މައުމޫނު އެފަހަރުއެކަނި ކުރި ކަމެއްނޫންކަން ދިވެހިރައްޔިތުންނަށް އިނގޭނެއެވެ. މިހާރުވެސް ވިހި ފަންސަވީސް އަހަރު ވެފައިހުރި ބިންގާތަކާއެއްޗެތި ރާއްޖޭގައި ފެންނާން އެހެރީއެވެ. މޮޅުއިރުވަރު ބަލައިގެން މާތިއްތިވެ އަބުއިކަމާއެކު އެފަދަ މަޑުއަތްޕުޅުން އެޅުއްވި ބިންގާތަކާ ބަނދަރުތަކުގެ މަޝްރޫޢުތައް މިސަރުކާރުން އެވަނީ ނިންމާފައެވެ. ކޮންޓްރަކްޓަރުންނަށް ދޭންޖެހޭ ފައިސާއާއި މަސައްކަތުގެ ބޮޑުބައި ނިންމާފައިވަނީ މިސަރުކާރުންނެވެ. ވޯޓު ލިބުނީ ކޮން ރަށަކުންތޯ، އަދި އެންމެ ސަމައްތަރުހެޔޮ ޅަބާޅަ ސާހިބަކު ހުރީ ކޮންރަށެއްގެ ކަތީބަކަށްތޯ ބެލުމެއް ނެތިއެވެ.
ޑީއާރުޕީގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނަ މީހަކު އަރައި މީޑިއާ ތަކުގައި މިވާހަކަތައް އޮޅުވާލައިގެން ދައްކާއިރު ހިނި އަންނަހާވެސް ވެއެވެ. އެހެންޏާ އެއިމާރާތަކީ ޗައިނާ ސަރުކާރުން، އެހެލި ކަތީބަށް ވެދުމަށް އަރުވާފައިހުރި އިމާރާތެއް ކަމުގައި ހީވާގޮތަށް ވާހަކަދައްކާއިރު އެއީ ތެދަކަށް ވެސް ވެދާނެޔޭ މީހަކު ހީކުރާހާވެއެވެ. އެއޮއް ބޮޑު ޗައިނާގައި އެހެލި ކަތީބުހާ އަތްޕުޅު މަޑު ސޮރަކު ނޫޅޭވިއްޔާއެވެ.
މިއަދު މިސަރުކާރުން ރައްޔިތުންގެ ޙައްޤުގައި މިކުރާ މިންނެތް މަސައްކަތްތަކުގެ މައްޗަށް ފަސްއެޅުމުގެ ގޮތުން، މިސަރުކާރުން މިކުރާ ހުރިހާ ކަމަކީވެސް ކުރީގެ ސަރުކާރުން ނިންމާފައިވާ ކަންކަމޭ ބުނާއިރު އެސަރުކާރު ނިމުނު އިރު ޜާއްޖޭގައި ބަލިވެ އިނދެ، ނުވިހާ ތިބި ހުރިހާ ކުދީންގެ ފޫޅުކަނޑަންވެސް ޖެހޭނީ އެސަރުކާރުގެ ވެރިންނޭ ބުނެފިއްޔާ މިއީ އަރަތެއްތާދޯއެވެ. އެހެން ނަމަވެސް މިއުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ.
ޓީވީ މޯލްޑިވްސްގެ ކިޑިކީއަކުންނެރެ އަންބޮޑިއަށްލީ ކެމެރާއެއްގެ ވާހަކަވެސް އިވެއެވެ. އެހެންނަމަވެސް ދަންނަވަން މިއުޅެނީކީ އެވާހަކައެއް ނޫނެވެ. ދަންނަވަން މިއުޅެނީ މިއަދު މިގައުމުގެ ކުރިއެރުމަށް، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވެމުންދާ، އަދިކޮށް ނިންމާ، އަދި އިތުރަށް ކުރާންފަށާފައިވާ މަސައްކަތްތަކުގެ ހުރިހާ ކުރެޑިޓެއް ނަންގަވަން އެހެލި ސަރުކާރުގެ އުސްތާޛުން އުޅުއްވިޔަކަސް އެކަމެއް ނުވާނެއެވެ. ތިމާމެންނަށްވެސް ކުރެވުނުވަރެއް އެއޮތީކޮށްފައެވެ. އަހަރެމެންނަކު އެކަމެއް ފޮރުވާކަށް ނޫޅެމެވެ. ދެއަހަރުން އެއް އަހަރު އަލުންހަދަންޖެހޭ ބަނދަރުތައް ވެސް އެހެރީތާއެވެ. ރަށްރަށުގެ ވަލުތެރޭގައި މިހާރު ގެއްލިފައިވާ އެތައް ބިންގަލެއް ވެސް އެހެރީތާއެވެ. ނަމަވެސް މިއުޅެނީކީ އެވާހަކަ ދަންނަވާކަށް ނޫނެވެ.
ފުލުފުލުގައި އެތަކެއް މަޝްރޫޢުތަކެއް ފެށި، އަދި ވޭތުވެދިޔަ ސަރުކާރުން މިސަރުކާރަށް ވާރުތަކުރި އެތަކެއް މަޝްރޫޢުތަކެއް ހީނުކުރާހާ އަވަހަށް އެވަނީ ނިންމާފައެވެ. މިކަމުން މިސަރުކާރުގެ ދުރުވިސްނުމާ ހަރުދަނާ ސިޔާސަތު ރައްޔިތުންނަށް ވިސްނޭން ފެށުމުން އެތިބަ ގޮވާ ގޮވެލިތައް އަޑުއިވުމުން ސަހަރޯ ހީވެއެވެ. އެހެން ނަމަވެސް މިއުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ.
މިދޭތެރެއަކުން މިޑް ޓާރމް އިލެކްޝަނެއްގެ ވާހަކަ މާ އަޑުހަރުކޮށް ދެއްކިއެވެ. އަދި މިސަރުކާރުގެ ހަމައެކަނި ފައިދާއަކީ އެއީ ކަމުގައި ކުރީގައި އެމްޑީޕީ އިން ބޭނުންކޮށް ބާވުމުން ނީލަމުން ވިކިފައިވާ ބާ ޑިންގީ އެއް ބުނާއަޑުވެސް އިވުނެވެ. މިއަދު އެބުނާ މިޑް ޓާރމް އިލެކްޝަނެއް ބާއްވާ ވާހަކަ ރައީސް ނަޝީދު ހަމަ ވިދާޅުވާއިރަށް ރާގު ބަދަލުވެއްޖެއެވެ. ރައްޔިތުންގެ އަނގައާއި އަތާއި ދިމާނުވާއިރު އެތައް މިލިޔަން ރުފިޔާ ޚަރަދު ކުރަން އުޅެނީއޭ ބުނެ އެއްކަލަ ސޮރު ވެސް އަޑުލައްވަން ފަށައިފިއެވެ. ދެފުށްކެހެރީންނަކީ ކޮބައިބާވައެވެ؟ އެހެންނަމަވެސް ދަންނަވަން މިއުޅެނީ އެވާހަކައެއް ނޫނެވެ. ދަންނަވަން މިއުޅެނީ ނައިބު ލީޑަރެއް ކަމަކު ނިކަން ތަސައްރަފް ފުދިގެން ސިޔާސީ މައިދާނަށް ނިކުމެ ބަލާށެވެ. ދަންނަވަން މިއުޅެނީ އެއްކަލަ ކެމެރާވީ ކޮންތާކުކަން ވިދާޅުވެދެއްވަފާނަންތޯއެވެ. ބޮލާފޮށާނޭޅި ސަލާމަތްވާނީ އޭރުންތާއެވެ. ދަންނަވަން އެއުޅެނީ އެވާހަކަ ނޫނިއްޔާ އަޅެދެން ކޮން ވާހަކައެއް ހެއްޔެވެ.؟ ކިޔޭނުކިޔޭ އެއްޗެއް ނޭގެންޏާ ރަނބަނުހަލުވާ ތިބެބަލާށެވެ.