31 ޖުލައި 2010
ކޮރަޕްޝަނާއި، ރިޝްވަތުގެ ތުހުމަތުތަކާ ގުޅިގެން ކިލަނބުވެފައިވާ ރާއްޖޭގެ ސިޔާސީ މަސްރަޙް ހަމަޔަކަށް އެޅުވުމަށް ވެދެވެން އޮތް ހުރިހާ އެއްބާރުލުމެއް ރާއްޖެއަށް ވެދެއްވާނޭ ކަމަށާއި، އެގޮތުން އދ.ގެ ފަރާތުން ޚާއްސަ ޤާނޫނީ މާހިރަކު ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ރާއްޖެ ގެންނަވާނޭކަމަށް އދ.ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒް ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މިޝަންގެ ބޭފުޅުން ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ޔޫއެން ބިލްޑިންގ ގައި ވެރިކަންކުރާ އެމްޑީޕީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި އެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ދިމާވެފައިމިވާ ސިޔާސީ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ވެދެއްވާނޭ ކަމަށާއި، އިދިކޮޅު ފަރާތްތަކާއި ސަރުކާރާއި ދެމެދު ގުޅުން ރަގަޅުކޮށް، އިތުބާރު އުފެއްދުމަށް އެހީތެރިވެދެއްވާނޭ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ވަފްދުން ވަނީ މިއެހީތަކަށް މަރުހަބާ ވިދާޅުވާ ކަމަށާއި، އެމްޑީޕީ އަބަދުވެސް ދެމިއޮންނާނީ ޤައުމީ މަސްލަޙަތަށް އިސްކަން ދެއްވުމުގައި ކަމަށް ވިދާޅުވިއެވެ. އަދި ސުލްހަ ޤާއިމްކުރުމަށް ކުރާ މިފަދަ ހުރިހާ ކަމަކަށް އެޕާޓީގެ ފަރާތުން އެއްބާރުލުން ލިބޭނޭކަމަށް އެމްޑީޕީގެ ބޭފުޅުން ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އދ.ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ މިޝަންގެ ޑިރެކްޓަރ މރ. ޓެމްރަޓް ސަމުއެލް އާއި އެ މިޝަންގެ ޓީމް ލީޑަރ މރ. ހިޓޮކީ ޑެން އެވެ.
އެމްޑީޕީގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި، ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، އަމީން އާންމު ޙަސަން ޝާހްގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށްވާ އެގްރޫޕްގެ އަމީން އާންމު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޤަފޫރު އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާއެވެ. ،