30 ޖުލައި 2010
ރާއްޖޭގެ ސިޔާސީ މަސްރަޙް ވަރަށް ބޮޑަށް ކިލަނބުވެގެން ދިޔަ ދިޔުމުގެ ތެރޭގައި، ޙައްލެއް ހޯދުމަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރާން ފެށުމާ ގުޅިގެން، ވަރަށް އުޖާލާ މަންޒަރެއް މިހާރު ފެނިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
“އަޅުގަނޑު މި އުންމީދު ކުރަނީ، ޑީ.އާރު.ޕީ އާއި އެމް.ޑީ.ޕީ، މިދެޕާޓީގެ މަޝްވަރާތަކުން އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާ ފެންނާނެ ކަމަށް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އިތުރު އިންތިޚާބެއް ބާއްވަވައިގެންވެސް ރާއްޖޭގެ ރައްޔިތުން ސީދާ އެދޭގޮތަށް ކަންތައްތައް ހިންގެވުމަށްޓަކައި ކުރައްވަން އޮތްކަމެއް ކުރައްވަން ތައްޔާރަށް ހުންނެވިކަންވެސް ހާމަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކަށްފަހު، ރިޔާސީ އިންތިޚާބަކަށް ވަޑައިގަތުމަށް ވަރަށްބޮޑަށް ތައްޔާރަށް ހުންނެވިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ އަމާޒަކީ މައިގަނޑު ގޮތެއްގައި ދެކަމެއް. އެއްކަމަކީ ރާއްޖޭގައި ޑިމޮކްރަސީގެ ނިޒާމެއް އަށަގެންނެވުން. ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމާއެކީގައި ބިރުގަތުމެއްނެތި އަދި އަރާމުކަމާއެކީގައި އުޅެވޭނޭ ގޮތެއް ހޯދޭތޯ މަސައްކަތް ކުރުން. ހަމައެއާއެކު، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ، ރާއްޖޭގެ ސީދާ މުއްސަނދިކަން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަމާޒު ކޮށްގެން ކުރާ މަސައްކަތްތައް ކުރިއަށް ގެންދިޔުން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.