ބްރިޓިޝް ކޮންޒަވޭޓިވްސްގެ އެނުއަލް ކޮންވެންޝަންގައި ރައީސް ނަޝީދު މިއަދު ތަޤުރީރު ކުރައްވާނެ

8 އޮކްޓޫބަރ 2009

ބްރިޓިޝް ކޮންޒަވޭޓިވްސްގެ އެނުއަލް ކޮންވެންޝަންގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހަވީރު ތަޤުރީރު ކުރައްވާނެއެވެ.
ރައީސް ނަޝީދު މި ކޮންވެންޝަނުގައި ބައިވެރިވެވަޑައިގަންނަވަނީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރ ޑޭވިޑް ކެމެރޫންގެ ދަޢުވަތަކަށެވެ. ބްރިޓިޝް ކޮންޒަވޭޓިވްސްގެ އެނުއަލް ކޮންވެންޝަންގައި ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ކަމުގައިވާ އެޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ޞޯލިޙްގެ އިތުރުން އަލީ ޝިޔާމް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
މެންޗެސްޓަރ ގައި ހުންނަވައިގެން ދިވެހިރާއްޖޭގެ އަޑު މެދުވެރި ކުރައްވައި ރައީސުލްޖުމްހޫރިއްޔާ މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި އެމަނިކުފާނު އިނިގިރޭސިވިލާތުގެ މެންޗެސްޓަރއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަށާއި، މިދަތުރުފުޅުން ރާއްޖެއަށް ލިބޭނެ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
މި ކޮންވެންޝަންގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ.