5 އޮކްޓޫބަރ 2009
ސަރުކާރުގެ ޚާރިޖީ ވަޒީރު ޑރ. އަޙުމަދު ޝަހީދު ދިވެހި ގައުމީ ޕާޓީން ވަކިވެވަޑައިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެންފިއެވެ.
މިއަދު މެންދުރު 1 ޖެހި އިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު އެޕާޓީގެ މީޑިއާ ޔުނިޓަށް ދެއްވި ބަސްދީ ގަތުމެއްގައި ޑރ.ޝަހީދު ވިދާޅުވީ އެމަނިކުފާނު ދިވެހި ގައުމީ ޕާޓީން ވަކިވެވަޑައިގަތީ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ކަމުގައެވެ. އަދި އެމްޑީޕީ އިއްތިހާދުން ދިވެހި ގައުމީ ޕާޓީ ވަކިވެފައިވާތީ އާއި ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކޮށް ހަރުދަނާ ކުރުމުގައި އެމަނިކުފާނުގެ ބައިވެރިވެ ވަޑައިގަތުން އެންމެ ފުރިހަމަޔަށް އަދާކުރެއްވޭނީ ރާއްޖެއަށް ޑިމޮކްރަސީ ގެނައި ޕާޓީ ކަމަށްވާ އެމްޑީޕީއާ ގުޅިވަޑައިގެން ކަމުގައި އެމަނިކުފާނު ގަބޫލުފުޅު ކުރައްވާތީ ކަމުގައި ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
“އަޅުގަނޑު މިއަދު 1 ޖެހިއިރު ދިވެހި ގައުމީ ޕާޓީން ވަކިވެ އެމްޑީޕީއަށް ވަދެފިން. އަޅުގަނޑު ގައުމީ ޕާޓީން ވަކިވީ އެމްޑީޕީއާ ގުޅެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިގައުމުގަ ޑިމޮކްރަސީ ގާއިމްކުރި ޕާޓީއާ ގުޅި، ޑިމޮކްރަސީ ހަރުދަނާކުރުމަށް ސަރުކާރުގައި ދެމިހުންނަން އެބަޖެހޭ.” ޑރ.ޝަހީދު ވިދާޅުވިއެވެ. ” އަޅުގަނޑުދެކޭ ގޮތުގައި ދިވެހިރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޑިމޮކްރަސީގެ އަސާސްތައް ޤަބޫލުކުރާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީއަކީ އަދިވެސް ކަރަންޓީނު ކުރަންޖެހިފައިވާ ޕާޓީއެއް. އެއީ އެޕާޓީގެ ޒައީމް ކަމުގައި އަދިވެސް އެހުންނެވީ މައުމޫން ކަމަށްވާތީ.”
ޑރ. ޝަހީދު އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން އެމްޑީޕީގެ ރެޖިސްޓްރާ ޖެނެރަލް އަހުމަދު ޝާހިދު ވަނީ އެމްޑީޕީގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
“ޑރ. ޝަހީދަކީ ދުރުވިސްނި ވަޑައިގަންނަވާ ގާބިލް ބޭފުޅަކަށްވާތީ، އެބޭފުޅާ މިޕާޓީއާ ގުޅިވަޑައިގަތުމަކީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އަޅުގަނޑު ޑރ. ޝަހީދު އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން.”