އެމްޑީޕީ ފިޔަވައި ސިޔާސަތެއް ހިފައިގެން ރައްޔިތުންނާއި ހިސާބަށް ދިޔަ ބަޔަކު ނެތް: – މެންބަރު މުހަންމަދު ޝިފާޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފިޔަވައި ސިޔާސަތުތަކެއް ހިފައިގެން ރައްޔިތުންނާއި ހިސާބަށް ދިޔަ އެއްވެސް ބަޔަކު ނެތްކަމަށް ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ޝިފާޒް ވިދާޅުވެއްޖެއެވެ. ޝިފާޒް މިހެން ވިދާޅުވެފައިވަނީ ‘އާ ބާރެއް، އެއްބުރުން’ މިނަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިސްނަންގަވައިގެން ލާމު އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވި ކެމްޕެއިން ދަތުރުގައި ލ. ދަނބިދޫގައި 11 އޯގަސްޓުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަނބިދޫގައި ވާހަަކަ ދައްކަވަމުން ޝިފާޒް ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަމާޒަކީ ރައްޔިތުން ވޯޓު ދިނުމުގެ ކުރިން އެރައްޔިތުންނަށް ވާނޭ ގޮތެއް އެނގި ވާ ފައިދާތައް ރަނގަޅަށް ދެނެގަނެގަތުމަށްޓަކައި ކަމަށެވެ. ސިޔާސަތުތައް ހާމަކޮށް ރައްޔިތުން އެސިޔާސަތުތަކާއިމެދު ދެކޭ ގޮތް އޮޅުންފިލުވައި، އެކަންތައްތައް ކަމުދިޔުމުން އެއްބާރަކަށް މިއަދު ބުނަމުންދަނީ އެއްބުރުން ރައީސް ނަޝީދު ހޮވާނޭ ވާހަކަ ކަމަށް ޝިފާޒް ވިދާޅުވިއެވެ. ހުށައެޅިފައިވާ ސިޔާސަތުތައް ތަންފީޒު ވާނެތޯ ރައްޔިތުން ކުރިމަތިކުރަމުންދާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިފާޒް ވިދާޅުވެފައިވަނީ 2008 ވަނަ އަހަރު މެނިފެސްޓޯގައި ލިޔުނީ ފަސް އަހަރު ތެރޭ ކުރާނޭ ކަންކަން ކަމަށާއި، އެހެންނަމަވެސް 3 އަހަރުވީއިރު އެވައުދުތައް އޮތީ އެއްކޮށް ކަހަލަ ގޮތަކަށް ފުއްދިފައިވާކަމަށެވެ.

މާބައިދޫ ޕާޓީގެ ހަރުގެ ހުޅުވުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވެފައިވަނީ މިހާރު ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ ވަރުގަދަ އަޒުމެއްގައި، ގަދަ ހިތްވަރާއެކު މަސައްކަތްކުރައްވާ ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދުކަމަށެވެ. އަދި ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ދިވެހި ގައުމު ތަރައްގީކުރުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ އަޒުމް ގެންގުޅެނީ ހަމައެކަނި ރައީސް ނަޝީދު ކަމަށް ޝިފާޒް ވިދާޅުވިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެދުނީވެސް އަނިޔާއަށް ދެކޮޅަށްކަމަށާއި މިސަބަބުތަކަށްޓަކައި އެކަނިވެސް ރައްޔިތުން އެއްބުރުން ރައީސް ނަޝީދު އިންތިޚާބުކޮށްދެއްވާނޭކަމަށެވެ.

މާވަށުގައި ވާހަކަ ދައްކަވަމުން ޝިފާޒް ވަނީ ރައްޔިތުން ރައީސް ނަޝީދަށް ވޯޓު ދެއްވަން ޖެހޭ ސަބަބުވަނީ ކިޔައިދެއްވައިފައެވެ. އަދި މާވަށު ރައްޔިތުން އުންމީދު ކުރާ ހެޔޮ ބަދަލު އޮތީ މާދުރުގައި ނޫންކަމަށާއި، ސެޕްޓެމްބަރ 7 ވަނަ ދުވަހަކީ އެއުއްމީދުތައް ހާސިލް ވާނޭ ދުވަސްކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި ހަމައެހެންމެ ވަޒީފާ ގެއްލިދާނެތީ އާއި އެހެނިހެން ގޮތްގޮތުން ކުރާ އުނދަގުލާއި ހެދި ބަޣާވާތާއި ދެކޮޅަށް ވޯޓު ދޭން ބިރުގަނެގެން ނުވާނޭ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ލާމު އަތޮޅަށް ކުރި މި ދަތުރުގައި ޝިފާޒް ވަނީ އެއަތޮޅު މިހާރު އެމްޑީޕީ ކޮޅަށް އެނބުރިފައިކަން ފާހަގަ ކުރައްވާފައެވެ. މިގޮތުން މީގެ ކުރިން އެއަތޮޅަކީ މައުމޫނަށް ތާއިދު އޮތް އަތޮޅަށް ކަމަށް ހީވެފައި އޮތަސް މިއަދު ހަގީގަތް އޮތީ އެހެން ނޫންކަމަށް ވިދާޅުވިއެވެ. މިގޮތުން ކުރިން މައުމޫނަށް ތާއީދުކުރި ހަރު މީހުންނާއި، ގަދަރުވެރި މަގާމުތަކުގައި އުޅުނު މީހުންވެސް މިހާރު ޒަމާނާއެކު އެމީހުންގެ ވިސްނުން ބަދަލުވެ ތާއިދުކުރަނީ އެމްޑީޕީއަށް ކަމަށް ވިދާޅުވިއެވެ.