ބަޣާވާތުން ވެރިކަން ވައްޓާލުމުން އެންމެ ބޮޑަށް ގެއްލުންވި އެއްބަޔަކު ކަމުގައި އުކުޅަހު ރައްޔިތުން ވާނެ – ރަނިން މޭޓް ޑރ. މުސްތަފާ ލުތުފީ

ބަޣާވާތުން ވެރިކަން ވައްޓާލުމުން އެންމެ ބޮޑަށް ގެއްލުންވި އެއްބަޔަކު ކަމުގައި އުކުޅަހުގެ ރައްޔިތުން ވާނެ ކަމާއި އެކަމާ މެދު އެއްވެސް އޮޅުމެއް ޝައްކެއް ނެތްކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓް ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

އުކުޅަހުގައި 11 އޮގަސްޓް ވަނަ ރޭ، އެމްޑީޕީއިން ބޭއްވި ޖަލްސާގައި އެރަށު ރައްޔިތުން، އެބޭފުޅުންނަށް ދެއްވި ހޫނު މަރުހަބާއާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު ދަންނަވަމުން ދެއްކެވި ވާހަކަ ފުޅުގައި ވަނީ އެރަށު ރައްޔިތުންނަކީ އެމްޑީޕީ ދެކެ ލޯބިވާ ބަޔަކުކަން ފާހަގަކުރައްވައިފައެވެ. ހަމައެހެންމެ ޑިމޮކްރެސީގެ ދަތުރުގައި އެންމެ ބޮޑަށް ބައިވެރިވި އެއްބަޔަކީ އެރަށުގެ ރައްޔިތުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމް.ޑީ.ޕީ ސަރުކާރުން އުކުޅަހުގައި ފެއްޓުމަށް ހަމަޖެހިފައިވި އަދި ފެއްޓެވި މަޝްރޫއުތައް މިހާރު ވަނީ އެއްކޮށް ހުއްޓިފައެވެ. އެގޮތުން، ބަޣާވާތުގެ ސަބަބުން ސްކޫލުގެ ކިޔެވުން އެއް ދަންފަޅިޔަކަށް ބަދަލުކުރުމަށް ކުރި މަސައްކަތް ހުއްޓިފައި ވާކަން ވަނީ ހަނދުމަކޮށްދެއްވާފައެވެ. އަދި ސްކޫލުގެ އިމާރާތް ހެދުމަށް ފެއްޓިގޮތަށް މިހާރު ވަނީ މަސައްކަތް ހުއްޓި، ތަން ގާވެފައި ކަން ފާހަގަކުރައްވަމުން އިމާރާއް އަޅާ ނިންމުމަށް ވަނީ މިހާރުގެ ސަރުކާރަށް ގޮވާލައްވާފައެވެ. ހަމައެހެންމެ، އަޅަން ރޭވުނު ހޯލު އަދިވެސް ނޭޅޭކަން ފާހަކުރައްވަމުން އެމް.ޑީ.ޕީގެ ސަރުކާރެއްގައި ކޮންމެ ސްކޫލްގައިވެސް އެކަށީގެންވާ ހޯލެއް ހުންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުއްވާފައެވެ.

އުކުޅަހުގެ ރައްޔިތުންނަކީ ތައުލީމަށް ލޯބިކުރާ، ތައުލީމު ކުރިއެރުވުމަށް އަމިއްލަ ގޮތުންވެސް ގިނަ މަސައްކަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވަމުން އެމަނިކުފާން ވިދާޅުވިގޮތުގައި އެމް.ޑީ.ޕީގެ ސަރުކާރުގައި އެރަށުގައި އެޅުމަށް ހަމަޖެހި ބިންގާ އެޅުނު ޖޫނިއާރ ކޮލެޖާއި ދާނާލުގެ މަސައްކައް ނުފެށި އެދެތަނުގެ ބިންގާވެސް މިހާރު ވަނީ ފުނޑުފުނޑުވެފައެވެ. ހަމައެހެންމެ، ބަޣާވާތަށްފަހު އެރަށަށް ފޮނުވާ ޓީޗަރުންގެ ފެންވަރު ދަށްވެފައިވާކަން ފާހަގަ ކުރައްވަމުން އެމް.ޑީ.ޕީގެ ސަރުކާރެއްގައި ސްކޫލުގެ ޓީޗަރުން އަމިއްލަޔަށް ހޮވުމުގެ އިހްތިޔާރު އޮންނާނެކަމަށް ވަނީ ހާމަކޮށްދެއްވާފައެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވެފައި އިސްލާމް ދީނަކީ ތައުލީމަށް އެންމެ ބާރު އަޅާ ދީންކަމަށް ވީހިނދު މިގައުމުން އިލްމީ ގާބިލް މީހުން އުފެދެން ޖެހޭކަމަށް އިޝާރާތް ކުރައްވަމުން އެމަނިކުފާން ވަނީ އެކަމަށް ބާރުއަޅުއްވައިފައެވެ.