ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-016
ތާރީޚް: 01 އޮކްޓޫބަރ 2009 (ބުރާސްފަތި)
ދިވެހި ރައްޔިތުންގެ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓުވި މައްސަލަ ކުށްވެރިކުރުން
ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކޮށް ދިނުމަށް ވަޢުދުވެ މަޖިލީހަށް އިންތިޚާބުވި ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ މެންބަރުން، މިއަދު އެމަޖިލީހުގެ ޖަލްސާއަށް އެޕާޓީގެ މެންބަރަކު ހުށަހެޅި ކުއްލި މައްސަލަ ރިޔާސަތުން ބަލައި ނުގަތުމާއި ގުޅިގެން މަޖިލިސް ހުއްޓުވާލާފައިވާތީ އެކަން މިޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
ޑީއާރުޕީގެ މެންބަރުން ބަރަކާތްތެރި ރަމަޟާން މަހު އަޅުކަމަށް މަޖިލީހުގެ މެންބަރުން ދިޔަނުދީ، ކުރީގެ ރައީސްގެ އިނާޔަތާއި ބެހޭ ބިލު ކުރިޔަށް ގެންދިޔުމަށް ކުރި މަސައްކަތް އެމްޑީޕީން ނާކާމިޔާބު ކޮށްލުމުން، ޑީއާރުޕީގެ އާންމު ޖަލްސާތަކުގައާއި، އެހެނިހެން ފޯރަމް ތަކުގައި ސަރުކާރުން މަޖިލިހަށް ބިލެއް ހުށަހަޅައިފިނަމަ ކުރިޔަށް ގެންދިޔަނުދީ މަޖިލިސް ހުއްޓުވާލާނޭ ކަމަށް ތަކުރާރުކޮށް ބުނަމުން ގޮސްފައިވެއެވެ.
ޑީއާރުޕީން މިއަދު މަޖިލީހުގެ އެޖެންޑާ ކުރިޔަށް ގެންދިޔަ ނުދިން ކަމީ، އެޕާޓީއަކީ ރައްޔިތުންގެ މަންފާ އާއި ލާބަ އަށް މަސައްކަތް ކުރާ ޕާޓީ އެއް ނޫން ކަމާއި، އެޕާޓީން އިންތިޚާބުވެފައިވާ މެންބަރުންނަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ރައްޔިތުންނަށް އޮޅުވާލައިގެން މަޖިލީހުގެ ގޮނޑިތައް ހޯދާފައިވާ، ޤައުމީ މަޞްލަހަތަށްވުރެ އަމިއްލަ މަޞްލަޙަތު ކުރިޔަށް ނެރެ، މަސައްކަތް ކުރަމުންދާ ބައެއްކަން އިތުރަށް ހާމަކޮށްދިން ކަމެކެވެ.
އަދި ޑީއާރުޕީއާއި ޕީއޭގެ މެންބަރުން ތާއީދުކޮށް އިންތިޚާބުކުރި މަޖިލީހުގެ ރައީސާއި ނައިބު ރައީސް، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ ގަވާއިދާ ޚިލާފަށް ކަމުގައި ދެކޭނަމަ، އެ ދެ ޕާޓީގެ އަޣްލަބިއްޔަތު ބޭނުން ކޮށްގެން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އާއި ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގެން އޮތް ނަމަވެސް، އެކަން އެގޮތަށް ނުކުރައްވާ މަޖިލިހުގެ މަސައްކަތްތަކަށް ގަސްދުގައި ހުރަސް އަޅައި ޖެއްސުން ކުރުމުގެ ގޮތުން، މިއަދުގެ ޖަލްސާ “ހައިޖެކް” ކުރިކަމީ ޑީއާރުޕީއަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާނޭ ބައެއް ނޫންކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ދުސްތޫރީ ނިޒާމުގެ ދަށުން ދައުލަތުގެ ތިން ބާރު ވަކިކޮށް، ދިވެހި ރައްޔިތުން ރާއްޖޭގައި ގާއިމް ކޮށްފައިވާ ޒަމާނީ ޑިމޮކްރެސީގެ އުސޫލުތަކާއި ޚިލާފަށް، ޑީއާރުޕީން ކޮށްފައިވާ މި އަމަލު މިޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
އަދި ޑީއާރުޕީއަށް ނިޞްބަތްވާ މަޖިލީހުގެ މެންބަރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކާއި ޚިލާފަށް ނުހަނު ޚުދުމުޚްތާރު ގޮތެއްގައި ހިތުހުރިހާ ގޮތަކަށް ޤާނޫނު ހެދުމުގެ ބާރުގެ ބޭނުންކޮށް، ސަރުކާރުން ހެޔޮވެރިކަމެއް ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުން ހަމަ ވަގުތުން ހުއްޓާލައި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރާ ތަނަކަށް ހެއްދެވުމަށް ދިވެހި ރައްޔިތުންގެ ޕާޓީއަށް ގޮވާލަމެވެ.
ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް