ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންނަށް ޙާއްސަކޮށްގެން “4×4” ގެ ނަމުގައި އެމްޑީޕީގެ ކެމްޕެއިން އިވެންޓެއް މިއަދު ބާއްވައިފި

އެމްޑީޕީގ އިންޑިޔާ ކެމްޕެއިން ޓީމުގެ ފަރާތުން ބަރަކާތްތެރި ފިތްރު ޢީދުގެ މުނާސަބަތުގައި އިންޑިޔާގެ ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންނަށް ޙާއްސަކޮށްގެން 4×4 ގެ ނަމުގައި އެމްޑީޕީގެ ކެމްޕެއިން އިވެންޓެއް މިއަދު(11 އޯގަސްޓް 2013) އިންޑިޔާގެ ޓްރިވެންޑްރަމްގައި ބާއްވައިފިއެވެ.

މި ކެމްޕެއިން އިވެންޓް އަމާޒު ކުރެވިފައިވަނީ އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިންގައި ހަރަކާތްތެރިވާ ދިވެހިންނާއި ޓްރިވެންޑްރަމްގައި ދިރި އުޅޭ ދިވެހިންނާއި ގުޅުން ބަދަހިކުރުމަށެވެ. އަދި އިސްލާމީ އުސޫލުތަކުގެ މަތިން ދިވެހީންގެ މެދުގައިވާ އެކުވެރިކަން އާލާ ކުރުމަށެވެ.

100 އަށް ވުރެ ގިނަ ދިވެހިން ބައިވެރިވި މި އިވެންޓް ފެއްޓުމުގައި ފުރަތަމަ ހަރަކާތެއްގެ ގޮތުން ފޯރިގަދަ ކުރެހުމުގެ މުބާރާތެއް ބައިވެރިންގެ މެދުގައި ވަނީ ބޭއްވިފައެވެ. އަދި އެންމެ ފުރިހަމައަށް “4” ކުރެހި ގްރޫޕަށް އިނާމެއްވަނީ އަރުވާފައެވެ.ކުރެހުމުގެ މުބާރާތައް ފަހު ކުޑަކުދިންނަށް ޙާއްސަކޮށްގެން ފޭސް ޕެއިންޓް، މިއުސިކަލް ޗްއެރ އަދި ރިލޭ އިވެންޓްތައް ކުރިޔަށް ގެންދިޔައެވެ.

މެންދުރުގެ ޖާފަތަށްފަހު 2 ޓީމަކަށް ބަހާލެވިގެން ވޮލީ ބޯޅަ މެޗަކާއި، ޑޮޖް ބޯޅަ އަދި ވާ ދެމުމުގެ ފޯރިގަދަ ކުޅިވަރުތައް ކުރިޔަށް ދިޔައެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި މި ހަރަކާތްތައް ކުރިޔަށް ގެންދެވުނު އިރު ބެންގަލޫރު އަދި މައިސޫރުގައި ދިރި އުޅޭ ދިވެހީންނަށް ހާއްސަކޮށްގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ރާވާފައެވެ. މި ހަރަކާތްތަކުގައިވެސް ދިވެހިރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން އެމްޑީޕީއަށް ކުރާ ތާޢީދު ހާމަވެގެން ފެނިގެން ގޮސްފައިވެއެވެ.