އެމްޑީޕީގެ ސިޔާސަތުތަކުގެ މައި ނާރެހަކީ ރައްޔިތުންނަށް ދޭ ޚިދުމަތް: ޑރ. މުސްތޮފާ ލުތުފީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންނަށް ހުށައަޅައިފައިވާ ސިޔާސަތުތަކުގެ މައި ނާރެހަކީ އެރައްޔިތުންނަށް ދޭ ޚިދުމަތްތައްކަމުގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅެވެފައިވަނީ 9 އޮގަސްޓް ވީ ހުކުރު ދުވަހުގެ ރޭ ދ. ކުޑަހުވަދޫގައި ބޭއްވުނު “ނެތޭ ވެވޭކަށް ބާޣީއަކަށް” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޔާސަތުތައް އެކަށައެޅީ ރައްޔިތުންނަށް އެންމެ ފައިދާވާނޭ ގޮތައް ކަން ފާހަގަކުރައްވަމުން ޑރ. މުސްތޮފާ ލުތުފީ ވަނީ ޕާޓީގެ ސިޔާސަތުތަކަށް އަލިއަޅުވައިލައްވައިފައެވެ. މިގޮތުން ތައުލީމީ ސިޔާސަތުވެސް ބައްޓަންވެފައިވަނީ ސްކޫލް ނިންމާ ކުދިން މަގުމަތިނުކޮށްލާ އެކުދިންނަށް އިތުރަށް ކިޔެވޭނެ ގޮތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސިއްހީ ސިޔާސަތު އޮޅުންފިލުވައިދެއްވަމުން އެސިޔާސަތުގެ ސަބަބުން ބަލިވެގެން ކަންބޮޑުވެ އުޅެން ނުޖެހޭނެ ކަމަށާއި ކޮންމެ ރަައްޔިތަކަށްވެސް ވަރަށް ފުރިހަމައަށް ސިއްހީގޮތުން އަޅައިލާނެކަމުގައި ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ.

ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވަނީ އިންތިޚާބުގައި އިދިކޮޅުން ވާދަކުރާ ކެނޑިޑޭޓުންނަކީ ދިވެހިރާއްޖެއަށް ނުހަނު ގެއްލުން ލިބުނު ބަޣާވާތެއް ގެނައުމުގައި ބައިވެރި ބައެއްކަން ހަނދުމަފުޅުކޮށްދެއްވާފައެވެ. އެއީ ދީނުގައިވެސް ހަރާމްަކަމެއްކަން ފާހަގަ ކުރަމުން ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެފައިވަނީ ހަލާލް މަގުން ވެރިކަންކޮށް ގައުމު ކުރިއަރުވަދޭނެ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ކަމަށާއި މިސަބަބަށްޓަކައި އެއްބުރުން އިންތިހާބު ކާމިޔާބުކުރަންޖެހޭ ކަމަށެވެ.

“ނެތޭ ވެވޭކަށް ބާޣީއަކަށް” ޝިއާރަށް އަލިއަޅުއްވައިލައްވަމުން، އެޝިއާރުގެ ދަށުން ކެމްޕެއިން ކުރައްވަމުން ގެންދަވަނީ އެއީ ބަޣާވާތުގެ ސުންޕާކަން ރައްޔިތުންނަށް އަންގަވައިދެއްވުމަށް ކަމުގައި ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ. އަދި އެކަމުގެ ނާމާންކަމާއި ގައުމަށް ލިބުނު ގެއްލުން ހަނދާނުން ކައްސައިލައިގެން ގޮސްގެން ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކުރިއަށް ޖީލުތަކަށް މިކަންތައް އެނގި، އެކަމުން ފިލާވަޅު ލިބިގަނެގެން މެނުވީ ތަރައްގީއައިގެން ކުރިއަށް ނުދެވޭނެ ކަމުގައިވެސް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން ޑރ. މުސްތޮފާ ލުތުފީ ވަނީ ވެރިކަމަށް ހޮވުމަށް ފަހުވެސް ރައީސް ނަޝީދު އަރިހުގައި ދެގޮތެއް ނުވެ ހުންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވެފައިވަނީ ރައީސް ނަޝީދު އެއްވެސް ވަރުބަލިކަމެއްނެތި އެކުރައްވާ ކެމްޕެއިނުންވެސް ރައްޔިތުންނަށްޓަކައި މަސައްކަތްކުރާނެ މިންވަރު އެނގިގެންދާކަމަށެވެ. ދ. ކުޑަހުވަދޫ އިން ލިބުނު ތަރުހީބަށް އިޝާރާތްކުރައްވާ، އެއްބުރުން އިންތިޚާބު ކާމިޔާބު ވާނޭކަން ޔަގީންވެގެންދާ ކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ.