“އާ ބާރެއް އެއްބުރުން” އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފައްޓަވައިފި

798672999

7 ސެޕްޓެމްބަރ 2013ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެއްބުރުން ހޮވުމަށްޓަކައި އެމްޑީޕީއިން ކުރަމުންދާ ކެމްޕެއިންގެ ދަށުން “އާ ބާރެއް އެއްބުރުން” މިނަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންދެވުމަށް ލ އަތޮޅަށް މިއަދު(10 އޯގަސްޓް 2013) ފުރާވަޑައިގަންނަވައިފިއެވެ.

އަބްދުﷲ ޝާޙިދު ކުރައްވާ މިކެމްޕެއިން ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ލ.ފޮނަދޫ އަށެވެ. އެއަށްފަހު މަހިބަދޫ، މާވަށް، ދަނބިދޫ، ކާޑެއްދޫ އަދި ގައްދޫއަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މިދަތުރުފުޅުގައި އެރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައި، އެމްޑީޕީއިން އެކަށައަޅާފައިވާ މެނިފެސްޓޯތަކާއި ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުވައިދެއްވުމަށް “ޑޯ ޓު ޑޯ” ހިންގެވުމުގެ އިތުރުން އެސިޔާސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށްޓަކައި ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވައިފައިވެއެވެ.

ހަމަމިއާއެކު “އާ ބާރެއް އެއްބުރުން” ޝިއާރާ ގުޅޭގޮތުން ކަންމަތީ ބައްދަލުވުންތަކާއި ޖަލްސާތައް ބާއްވަވައި ރައީސް ނަޝީދު އެއްބުރުން އިންތިޚާބު ކުރަން ޖެހޭ ސަބަބުތައް ރައްޔިތުންނަށް ކިޔައިދެއްވުމަށް ހަމަޖެހިފައިވެެއެވެ.

“އާ ބާރެއް އެއްބުރުން” ކެމްޕެއިން ދަތުރުފުޅުތައް ނިންމަވައިލެއްވުމަށްފަހު އެމަނިކުފާނު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 12 އޯގަސްޓް ވާ ހޯމަ ދުވަހުއެވެ. މި ދަތުރުފުޅުގައި އަބްދުﷲ ޝާހިދުގެ އިތުރުން ބާރަށު ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު ޝިފާޒު އަދި އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިންގެ ބައެއް އިސް ހަރަކާތްތެރިން ބައިވެރިވެވަޑައިގަންނަވައެވެ.