އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިން ރ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިޔަށް އެބަދޭ

1098113_10200278588864296_227786579_n

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ރިޔާސީ އިންތިޚާބަށް ކުރަމުން ގެންދާ “އެއްބުރުން” ކެމްޕެއިންގައި ރ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރުމުގެ ދަތުރު ފެށިގެން ކުރިޔަށް އެބަދެއެވެ.

ރ. އަތޮޅަށް އެމްޑީޕީއިން ކަނޑައަޅައިފައިވާ ކޯޑިނޭޓަރ މައްޗަންގޯޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިސްވެރިޔަކަށް ހުންނަވައި ކުރައްވާ މި ދަތުރުގައި އެ އަތޮޅުން ދުވާފަރު، ރަސްމާދޫ، އިނގުރައިދޫ އަދި އިންނަމާދޫއަށް ޒިޔާރަތް ކުރައްވާނެއެވެ.

ރ އަތޮޅުގެ މި ދަތުރުގައި ބައިވެރިވެވަޑައިންނަވާ މައްޗަންގޯޅި އުތުރު ދާއިރާގެ ރައިސް އިބްރާޙިމް އަޙުމަދު ވިދާޅުވިގޮތުގައި، ދުވާފަރުން ފެށި މިދަތުރުގައި ދޮރުން ދޮރަށް ހިންގުމައި، ރައްޔިތުންނާއި ބައްދަލުކޮށް އެމްޑިޕީގެ ސިޔާސަތުތަކުގެ މައުލޫމާތު ހިއްސާކުރުން ވަނީ ކުރިޔަށް ގެންގޮސްފަކަމަށާއި، މިފަހަރުގެ ދުވާފަރުގައި ކުރިޔަށް ގެންދިޔަ ދޮރުން-ދޮރަށް ހަރަކާތުގެ ސަބަބުން ވެސް ރަށު ރައްޔިތުންގެ މެދުގައި އެމްޑީޕީ އަށް އޮތް ސަޕޯޓް ބޮޑުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި، އެ އަތޮޅުން ރައީސް ނަޝީދު %50 އަށްވުރެ ބޮޑު އަގުލަބިއްޔަތަކުން ވޯޓު ދީ އެމަނިކުފާނު އެއްބުރުން އިންތިހާބުކުރާނެ ކަމުގެ ވަރަށް ބޮޑު އުއްމީދު އޮތްކަމަށެވެ.

ދުވާފަރަށް ފަހު މާދަމާ އެއަތޮޅު ރަސްމާދޫއަށް ކެމްޕެއިން ޓީމު ޒިޔާރަތް ކުރާ ގޮތަށް ވަނީ ހަނމަޖެހިފައެވެ. މި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަންނަވާނީ އިނގުރައިދޫ އަދި އިންނަމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނަށްވެސް ބަޣާވާތުގެ ގެއްލުންތަކާއި އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް ބާރުވެރިވެވޭނެ ގޮތްތައް ތަފްސީލުކޮށްދެއްވުމަށްފަހުގައެވެ.

ރ. އަތޮޅުގެ ކެމްޕެއިން މި ދަތުރުގައި މާރިޔާ އަރިއަހުގައި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިދާރީ އަޙުމަދު މައުސޫމުއާއި، ރ. އިންގުރައިދޫ ދާއިރާގެ ރައީސް ޙަސަން އަޙުމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.