“ނެތޭ ވެވޭކަށް ބާޣީއަކަށް” ދަތުރުފުޅުގައި ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްތަފާ ލުތުފީ މިހާރު ހުންނެވީ ކުޑަހުވަދޫގައި

BROfj6pCIAA8bIV.jpg_large

“ނެތޭ ވެވޭކަށް ބާޣީއަކަށް” ދަތުރުފުޅުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ (އެމްޑީޕީގެ) ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްތަފާ ލުތުފީ މިއަދު (9 އޯގަސްޓް 2013) ގައި ފުރާވަޑައިގަންނަވައިފިއެވެ. އަދި އެމަނިކުފާނު މިހާރު ހުންނެވީ ދ. ކުޑަހުވަދޫގައެވެ.

ތ، ދ، ފ، މ، އދ އަދި އއ ގެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި ޑރ. މުސްތަފާ ލުތުފީ ފުރަތަމަ ޒިޔާރަތް ކުރެއްވީ ދ. ކުޑަހުވަދޫ އަށެވެ. ކުޑަހުވަދޫގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ފޯރިގަދަ ޖަލްސާއެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުރިޔަށް މި ހިނގާ ދެތިން ދުވަސް ތެރޭގައި ތ. ހިރިލަންދޫއަށާއި، ފ. އަތޮޅު ނިލަންދޫ އަށާއި މ. ދިއްގަރަށް އެމަނިކުފާނު ޒިޔާރަތް ކުރައްވާނެއެވެ. އަދި އެއަށްފަހު އޯގަސްޓް 11 ވަނަ ދުވަހު ދަތުރުފުޅު ނިންމަވާލައްވާނީ އދ. މާމިގިއްޔާއި އއ. އުކުޅަހަށް ވަޑައިގެންނެވުމަށްފަހުއެވެ. ނިލަންދޫއާއި މާމިގިލީގައި ކަންމަތީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާއިރު އއ. އުކުޅަހާއި މ. ދިއްގަރުގައި “ނެތޭވެވޭކަށް ބާޣީއަކަށް” އާއްމު ޖަލްސާ ބާއްވާނެއެވެ.

“ނެތޭ ވެވޭކަށް ބާޣީައަކަށް” ކެންޕޭން އެހެން ދަތުރުތަކެކޭ އެއްފަދައިން ޑރ. މުސްތަފާ ލުތުފީ ޒިޔާރަތް ކުރައްވާ ރަށްރަށުގައި ބަޣާވާތާ ގުޅޭ ބިިލްބޯޑު ހަރުކުރުމާއި، 7 ފެބްރުއަރީ 2012 ގައި ހިންގި ބަޣާވާތާާ ގުޅޭ ގޮތުން ތައްޔާރުކޮށްްފައިވާ ފޮތް ބެހުމާއި، ބަޣާވާތުގެ ސީޑީ ބެހުން ހިމެނިގެންވެއެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތެއްގައި ކޮންމެ ރަށެއްގައި ޑޯރ ޓު ޑޯރ ހިންގަވައި ރައްޔިތުންނާ ބައްދަލުކުރުންވެސް ހިމެނެއެވެ.

ރައީސް ނަޝީދުގެ ރަނިިންގމޭޓް ޑރ. މުސްތަފާ ލުތުފީ އާއި އެކު މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާރ ޕާސަން ރީކޯ މޫސާ މަނިކާއި އެމްޑިޕީގެ ލީޑަރްޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.