ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-015
ތާރީޚް: 28 ސެޕްޓެމްބަރ 2009 (އަންގާރަ)
ދިވެހި ގައުމީ ޕާޓީގެ ލީޑަރު ޑރ.ހަސަން ސައީދު ފިނޭންސް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައްވާފައިވާތީ އެކަން އެމްޑީޕީން ކުށްވެރިކުރުން
ދިވެހި ޤައުމީ ޕާޓީގެ ލީޑަރު ޑރ.ހަސަން ސައީދު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަލީ ހާޝިމްގެ އިސްތިއުފާއަށް ގޮވާލައްވާފައިވާތީ އެކަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުށްވެރިކުރަމެވެ.
ދިވެހި ޤައުމީ ޕާޓީގެ އިސް މެންބަރަކު ސަރުކާރުގެ ކެންބިނެޓް ވަޒީރެއްގެ ގޮތުގައި ޙަރަކާތްތެރިވަމުން ދަނިކޮށް، އެޕާޓީގެ ނަމުގައި ހަމަ ސަރުކާރުގެ ކެބިނެޓް ވަޒީރެއްގެ އިސްތިއުފާއަށް ގޮވާލައި މިފަދަ ސިޓީ އެއް ފޮނުވުމަކީ ސިޔާސީ މައިދާނުގައި ކަންކަން ކުރާ އުޞޫލާ ޚިލާފަށް އަދި ވަރަށް ހުދުމުޙުތާރު ގޮތަކަށް ޑރ.ހަސަން ސަޢީދު ކުރައްވާފައިވާ ކަމެކެވެ.
އެމްޑީޕީން ޤަބޫލުކުރާ ގޮތުގައި ފިނޭންސް މިނިސްޓަރ އަލީ ހާޝިމަކީ ޒިންމާދާރު ކަމާއެކު ވަޒީފާގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވާ، އެމަނިކުފާނުގެ މޭސްތިރިކަމުގައި އެކުލަވާލާފައިވާ ސަރުކާރުގެ މާލީ ސިޔާސަތަށް ވޯލްޑް ބޭންކާއި، ދުނިޔޭގެ މާލީ އިދާރާ ކަމަށްވާ އައިއެމްއެފްގެ އިތުރުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކްގެ ފުރިހަމަ ތާޢީދު ހޯއްދަވާފައިވާ، ޤާބިލް ބޭފުޅެކެވެ. ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ކުޑަކޮށް ސަރުކާރުގެ މާލީ ޙާލަތު ރަގަޅު ކުރެއްވުމަށް ޓަކައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަންތައްތަކަކީ ވަރަށް ޙިކުމަތްތެރި، ދެމެހެއްޓެނިވި ފައިދާ އާއި މަންފާ މުޅިގައުމަށް ލިބިގެންދާނޭ ކަންތައް ތަކެއް ކަމުގައި މި ޕާޓީން ޤަބޫލު ކުރަމެވެ.
ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް