ނެލްސަން މަންޑޭލާއަށް ފަހު މުޅިދުނިޔެ ސިއްސުވާލި ޑިމޮކްރަސީގެ ދެވަނަ ލީޑަރަކީ ރައީސް ނަޝީދު ކަމުގައި އެމްޑީޕީގެ ވަގުތީ ރައީސް ވިދާޅުވެއްޖެ

16 ސެޕްޓެމްބަރު 2009

ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެންނެވި ބާނީ އަކީ މިހާރުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކަމަށާއި، ދެކުނު އެފްރިކާގެ ރައީސް ނެލްސަން މަންޑޭލާ އަށްފަހު މުޅި ދުނިޔެ ސިއްސުވާލި ޑިމޮކްރަސީގެ ދެ ވަނަ ލީޑަރަކީ ރާއްޖެގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ކަމުގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ޒަކީ ވިދާޅުވީ ” އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަކީ މި ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނެސްދެއްވި ބާނީ. އެމަނިކުފާނު ދިވެހިރާއްޖޭގެ ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީ އަކީ ވަރަށް މަދު މީހަކަށް ފިޔަވައި ދުނިޔޭގެ ފެންވަރުގައިވެސް ކުރެވުނު ގުރުބާނީ އެއް ނޫން.” ކަމުގައެވެ.
“މިފަދަ ގުރުބާނީ އެއް ވެވަޑައިގެންނެވި އަނެއް ބޭފުޅަކީ ސައުތު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ. އަޅުގަނޑު ދަންނަވާނީ ނެލްސަން މަންޑޭލާ އަށް ފަހު މުޅި ދުނިޔެ ސިއްސުވާލި ޑިމޮކްރަސީގެ ދެވަނަ ލީޑަރަކީ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ކަމުގަ.” ޒަކީ ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގައި ހިންގާ ވެރިކަމުގެ ތަފާތު ނިޒާމްތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފައިދާ ހުރި، ރައްޔިތުން އެންމެ ރުހޭ، އަދި ރައްޔިތުންގެ ހައްގުތައް އެންމެ ބޮޑަށް ރައްކާތެރިކޮށްދޭ ޑިމޮކްރެޓިކް ނިޒާމަކީ ދުނިޔޭގެ އެންމެ ގިނަ ގައުމު ތަކުގައި މިހާރު ހިންގަމުންދާ ވެރިކަމުގެ ނިޒާމް ކަމުގައި ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ޚާރިޖީ ވަޒީރު ޑޮކްޓަރ އަޙުމަދު ޝަހީދު އާއި ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ މުޝީރު އަދި އެމްޑީޕީގެ ތ. ދާއިރާގެ ރައީސް ހަސަން އަފީފް އާއި، ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ އަހުމަދު އަލީ ސަވާދު އާއި ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަސްލަމްގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. އިބްރާހީމް ދީދީ ވެސް ވާހަކަފުޅު ދެއްކެވިއެވެ.
ޚާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު ދެއްކެވި ވާހަކަފުޅުގައި ޑިމޮކްރަސީ ދުވަހުގެ ވާހަކަ ދެއްކެވުން އެންމެ ހައްގު ތަނަކީ އެމްޑީޕީ ހަރުގެ ކަމަށް ވިދާޅުވެ، ދިވެހީންނަށް މިއަދު ލިބިފައި މިވާ އިންސާނީ ޙައްގުތަކަކީ އެމްޑީޕީން މަގުމައްޗަށް ނުކުމެ ގަދަކަމުން ހޯދާފައިވާ ހައްގުތަކެއް ކަމުގައި ވިދާޅުވިއެވެ.
އަފީފްގެ ވާހަކަފުޅު ބިނާކުރެއްވީ ޤާނޫނު އަސާސީ އިޞްލާހް ކުރުމުގެ މަސައްކަތަށް އޭރުގެ ސަރުކާރުން ކުރިމަތިކުރުވި ހުރަސްތަކާ ބެހޭގޮތުންނެވެ. ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ އައުމުގެ ކުރިން ރާއްޖޭގެ ޙާލަތު އޮތް ގޮތާއި ބެހޭ ގޮތުން ޑރ.ސަވާދުގެ ވާހަކަފުޅުގައި އަލިއަޅުއްވާ ލެއްވެވިއެވެ. ޑރ.އިބްރާހީމް ދީދީ އާއި އަސްލަމްއާ ދެބޭފުޅުންގެ ވާހަކަފުޅުގައި ވެސް ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީ ގާއިމް ކުރެވުނު ގޮތާއި މިކަމުގައި ދިމާވި ގޮންޖެހުންތައް ފާހަގަކުރެއްވެވިއެވެ.