ބަޣާވާތުގެ ވެރިކަމާ އެމްޑީޕީގެ ހެޔޮވެރިކަމާ ސަތޭކަ އާ ސުމަކާ ހުރި ތަފާތު އެބަހުރި – އެމްޑީޕީގެ ރަނިންގމޭޓް

އިބްރާހީމް ރާމިޒް
ބަޣާވާތަށް 2 އަހަރު ފުރުނު އިރު އެމްޑީޕީގެ ހެޔޮވެރިކަމާ ބަޣާވާތުގެ ވެރިކަމާ ސަތޭކަ އާ ސުމަކާ ހުރި ތަފާތު އެބަހުރި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ ރަނިންގމޭޓް ޑރ.މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ގއ. ކޮލަމާފުށީގައި ބޭއްވި “ނެތޭ ވެވޭކަށް ބާޣީ އަކަށް”، ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ 7 ފެބްރުއަރީ ގައި ބަޣާވާތްކުރީ ރައްޔިތުންނަށް ހުވަފެންދައްކައި، ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށާއި، އެމްޑީޕީގެ 3 އަހަރުގެ ވެރިކަމަށް ވުރެ މާ ފުރިހަމަ ވެރިކަމެއް ކޮށްދޭނޭ ކަމަށް ބުނެ ކަމަށާއި، އެހެން ނަމަވެސް އެ ވެރިކަމަށް 2 އަހަރު ވީ އިރު ހުރިހާ ކަމެއް ވަނީ “މައިނަސް” ވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްތަފާ ލުތުފީ އިތުރަށް ވިދާޅުވީ ބަޣާވާތެއްގެ ހިތި އަސަރު އެތަނަކުން ފިލައިދާނީ ވަރަށް ގިނަ ދުވަހުން ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމަށާއި، ބަޣާވާތުގެ އަސަރު މިރާއްޖެއިން ފިލުވުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ ސެޕްޓެމްބަރު 7 ވަނަ ދުވަހު ވޯޓު ކަރުދާސްކޮޅުން ބަޣާވާތަށް ނޫނެކޭ ބުނުން ކަމަށެވެ.
މިއަދު ދިވެހިރައްޔިތުން ވަނީ 2 ބަޔަކަށް ބެހިފައި ކަމަށް ވެސް ރޭގެ ޖަލްސާ ގައި މުސްތަފާ ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ބަޔަކީ މަތިވެރިކަމާއި، ޝާނާއި ޝައުކަތުގައި އުޅެން ބޭނުންވާ އެމްޑީޕީ އާ އިދިކޮޅު މީހުން ކަމަށާއި، އަނެއް ބަޔަކީ އިންސާނީ ހައްގުތަކާއި، އިންސާނީ ކަރާމާތާއި، ޑިމޮކްރަސީ އާއި ތަރައްގީއަށްޓަކައި މަސައްކަތްކުރާ މީހުން އެމްޑީޕީ މެންބަރުން ކަމަށެވެ.

ޝާނާއި، ޝައުކަތަށްޓަކައި މަސައްކަތްކުރާ މީހުން މަސައްކަތްކުރަނީ ބަޣާވާތްކޮށް ގެން ނަމަވެސް ރިޝްވަތުދީގެން ނަމަވެސް ވެރިކަމުގައި ދެމިތިބެވޭތޯ ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީން ބޭނުން ވަނީ ރައްޔިތުން ބާރުވެރި ކުރުވައިގެން އެރައްޔިތުންގެ ވޯޓުން ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރުމަށް ކަމަށެވެ.

ސޮސައިޓީ އޮފް ކޮލަމާފުށީ ޔޫތު (ސްކައި) ގެ އިޖްތިމާޢީ މަރުކަޒުގައި ބޭއްވި މި ޖަލްސާ ގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި، ކޮލަމާފުށީ ކައުންސިލްގެ ރައީސް އަހުމަދު ޖަމީލް އާއި، ކޮލަމާފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކުރާ ކޮމިޓީގެ ނައިބު ރައީސާ ނައީމާ ގާސިމް އާއި އެ ކޮމިޓީގެ މެންބަރު ރާމިޒާ މުހައްމަދުގެ އިތުރުން ކޮލަމާފުށީ އެމްޑީޕީގެ އިސް މެންބަރެއް ކަމަށްވާ މަރިޔަމް ސައީދާ ވެސް ވެސްވާހަކަފުޅުދެއްކެވިއެވެ.

ރޭގެ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ އެހެން ޕާޓީތަކުގައި ތިބީ ހުވަފެނެއްގެ ތެރޭގައި ތިބި ބައެއް ކަމަށާއި، ސެޕްޓެމްބަރު 7 ގައި އެ ހުވަފެނުން ހޭލެވޭނޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޑީޕީ އަކީ ޒަމާންތަކަށް ދެމިގެންދާ ގޮތަށް އަޅާފައިވާ ބިންގަލެއް އޮތް ޕާޓީއެއް ކަމަށާއި، އެ ޕާޓީން ހަރަކާތްތައް ހިންގަމުން ދަނީ ރޭވިގެން ރުކުރުވާލައިގެން ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމެއް ގައި ފުލުހުންނަށް ނުރައްކާ ކުރިމަތިވާނޭ ކަމަށް ވާހަކަފަތުރަމުންދާ ކަމަށާއި، އެއީ ހަގީގަތެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.

މި ޖަލްސާ ގައި ކޮލަމާފުށީ ކައުންސިލްގެ ރައީސް އަހުމަދު ޖަމީލް ވިދާޅުވީ ބަޣާވާތުގެ ސަބަބުން ކޮލަމާފުށީގެ ތަރައްގީ ހުއްޓިއްޖެ ކަމަށާއި، ކޮލަމާފުށީ މަސްބަދަރުގެ މަސައްކަތް ނުފެށި، ބިންހިއްކަން ނުފެށި، އަދި އެރަށުގައި އެމްޑީޕީ ސަރުކާރުން ދެ ބުރިއަށް އަޅާދީފައިވާ 25 ހައުސިންގ ޔުނިޓްގެ ގުރުއަތުލުން ނިމިފައިވީ ނަމަވެސް ބަޣާވާތުގެ ސަރުކާރު އައިސް މި ސަރުކާރަށް 2 އަހަރުވީ އިރު އެ ފްލެޓްތަކުގެ އެގްރީމެންޓް ނުލިޔެވުމުގެ ސަބަބުން ފްލެޓްތައް ހަވާލުނުކުރެވި ހުއްޓާ އެތަންތަން ވީރާނާ ވަމުންދާ ކަމަށެވެ.

ރޭގެ ޖަލްސާ އަށް ފަހު ކޮލަމާފުށީ އެމްޑީޕީ މެންބަރުން ވަނީ “އޮޅަދިޔެ ކެފޭ” ގައި ޚާއްސަ ތަރާވީހެއް ބާއްވާފައެވެ. އަދި މިއަދު ޑރ. މުސްތަފާ ލުތުފީ ވަނީ އެރަށުގައި ދޮރުންދޮރަށް ހިންގަވައި ރައްޔިތުންގެ ހާލުބައްލަވާފައެވެ.