ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހަކީ ބަޣާވާތަށް ނޫނެކޭ ބުނާ ދުވަސް ކަމަށާއި އެމްޑީޕީގެ މަސައްކަތަކީ ދިވެހި ރައްޔިތުންނަށް އުފާވެރިކަން ހޯދައި ދިނުން – ޑރ. މުސްތޮފާ ލުތުފީ

BQ7EooOCEAAK_aW.jpg_large

ރޭ (5 އޯގަސްޓް 2013) ލ. ފޮނަދޫގައި ނެތޭ ވެވޭކަށް ބާޣީއަކަށް މިނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވީ އަންނަ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހަކީ ބަޣާވާތަށް ނޫނެކޭ ބުނާ ދުވަސް ކަމަށާއި އެމްޑީޕީގެ މަސައްކަތަކީ ދިވެހި ރައްޔިތުންނަށް އުފާވެރިކަން ހޯދައި ދިނުން ކަމަށް ވިދާޅުވިއެވެ.

ޑރ. މުސްތޮފާ ލުތުފީ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ތަޢުލީމާއި ރަނގަޅު ބޭސްފަރުވާ ކުރުމުގެ ނިޒާމެއް ޙައްޤުވާ ކަމަށެވެ. އަދި އެމްޑީޕީ މަސައްކަތް ކުރަނީ ޒުވާނުންނަށް އެޒުވާނުން ބޭނުންވާ ކަންކަން ކޮށްދީ އެހީތެރިވެދިނުން ކަމަށެވެ.

ޑރ. މުސްތޮފާ ލުތުފީ ވިދާޅުވީ ބަޣާވާތް ކުރުމުން އެތައް ގެންލުން ތަކެއް ލިބިގެންދާ ކަމަށާއި އެގޮތުން ރައްޔިތުންގެ ތެރޭގައި ފިނުތަ އުފެދި ރައްޔިތުން ބައިބައިވެގެން ދާކަމަށާއި މިއަދު ރާއްޖެއިން ފެނިގެން މިދަނީ ބަޣާވަތް ކުރުމުގެ ސަބަބުން އުފެދިފައިވާ ނުރަނގަޅު އަސަރުތައް ކަމަށް ވިދާޅުވިއެވެ. އަދި ނަފްސާނީ ގޮތުން ލިބޭ އަނިޔާއަކީ ބޭރުފުށުން ނުފެންނަ އަނިޔާއެއް ކަމަށާއި އެއަނިޔާވެސް ބަޣާވާތުގެ ސަބަބުން މިއަދު ދިވެހިންނަށް ލިބިފައިވާ ކަމަށް ޑރ. މުސްތޮފާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްތޮފާ ލުތުފީގެ ވާހަކަފުޅުގައި ބާޣާވާތުގެ ސަބަބުން ޤައުމުގެ ކުރިއެރުމާއި ތަރައްޤީ ހުއްޓޭ ކަމަށާއި ތަޢުލީމަށާއި އެހެން ކަންކަމަށް ޚަރަދު ކުރަން ހުންނަ ފައިސާވެސް ބަޣާވާތުގެ ސަބަބުން އިސްރާފްވެގެން ދާކަމަށެވެ. މިހާރުވެސް ރާއްޖެ ޢުމްރާނީ ގޮތުން އެތައް ތަނެއް ބަޣާވާތުގެ ސަބަބުން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ޑރ. މުސްތޮފާ ލުތުފީ ލ. އަތޮޅުގައި ހޭދަކުރެއްވި ވަގުތުތަކުގައި އެ އަތޮޅުގެ ގަމަށް ޒިޔާރަތްކުރައްވާ އެމްޑީޕީގެ ކެންޕެއިން ޓީމުތަކާއި ބައްދަލުކުރައްވާ ކެންޕެއިން މަސައްކަތް ކުރިއަށްދާ މިންވަރު ބައްލަވައިލައްވާ ކަންމަތީ ބައްދަލުވުންތައް ބާއްވަވާ ލ. ގަމުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްޓަކައި ގަމުގެ ގޭގެއަށް ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ހާލު އޮޅުންފިލުއްވައި އެމްޑީޕީގެ ސިޔާސަތުތައް އެރައްޔިތުންނަށް އޮޅުން ފިލުއްވައިދެއްވާފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުއަށް ވޯޓް ދެއްވަންވީ ސަބަބުތައް ރައްޔިތުންނާއި ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު އިއްޔެ ލ. ފޮނަދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ މެންބަރުންނާއި ބައްދަލު ކުރައްވާ ކެންޕެއިން ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް އޮޅުން ފިލުއްވިއެވެ. އަދި ރައްޔިތުންގެ ހާލު ބެއްލެވުމަށް ގޭގެއަށް ދޮރުން ދޮރަށް ހިންގަވައި އެމްޑީޕީގެ ސިޔާސަތުތައް އޮޅުން ފިލުއްވައި ދެއްވިއެވެ. އަދި “ނެތޭ ވެވޭކަށް ބާޣީ އަކަށް” ބިލްބޯޑް ހަރުކުރުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެބވަޑައިގެން ދެއްވިއެވެ.

ޑރ. މުސްތޮފާ ލުތުފީ މިހާރު ފައްޓަވައިފައިވާ “ނެތޭ ވެވޭއަކަށް ބާޣީއަކަށް” މި ދަތުރުފުޅުގައި ލ. އަތޮޅަށް ކުރެއްވި ޒިޔާރަތް ނިންމަވާ މިހާރު ހުވަދު އަތޮޅުގެ ބައެއް ރަށްރަށް ޒިޔާރަތް ކުރައްވަމުން އެބަ ގެންދަވައެވެ. މިގޮތުން މިއަދު ގއ. ދާންދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީ ކެންޕެއިންގ ޓީމާ ބައްދަލު ކުރެއްވުމަށްފަހު މިހާރު ދާންދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ދޮރުން ދޮރަށް ހިންގަވާ އެމްޑީޕީގެ ސިޔާސަތުތަކާއި ބެހޭ މައުލުމާތު ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އަށް ވޯޓް ދޭންވީ ކީއްވެކަން އޮޅުން ފިލުއްވައިދެމުން ގެންދެވިއެވެ. ދާންދޫއަށް ފަހު ކޮލަމާފުށި އަދި ވިލިގިއްޔަ ޒިޔާރަތްކުރައްވާ 7 އޯގަސްޓް ދުވަހުގެރޭ މާލެވަޑައިގަންނަވާގޮތަށް ވަނީ ހަނމަޖެހިފައެވެ.