ގދ. ތިނަދޫގައި މީހުން ހައްޔަރު ކުރަމުން އެދަނީ ސީދާ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން – މެންބަރު ނާޒިމް

ގދ. ތިނަދޫ ރައްޔިތުން ހައްޔަރު ކުރަމުންގެންދަނީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ ތިނަދޫގައި މިހާރު އެސްއޯ ފުލުހުން ހިންގާ ގޮތް ނެނގޭ އޮޕްރޭޝަންގައި އެރަށުގެ ގިނަ އަދަދެއްގެ ޒުވާނުން އެއްވެސް ސަބަބެއް ނެތި ހައްޔަރު ކުރަމުންދާތީ އެސްއޯ ފުލުހުންގެ ފަރާތުން އެރަށުގެ ރައްޔިތުންނަށް ތަފާތު އަނިޔާތައް ކުރިމަތިވަމުންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވަމުންނެވެ.

ނާޒިމް ވިދާޅުވީ ދިނަދޫގައި މިހާރު އެސްއޯ ފުލުހުން ހިނގާ އޮޕާރޭޝަންގައި ސީދާ އެމްޑީޕީގެ މެންބަރުންނަށް އަމާޒުކޮށް، ތިނަދޫއަކީ އެމްޑީޕީއަށް ސަޕޯޓް ކުރާ ބޮޑު ރަށަކަށްވުމުން އެރަށުގެ ހަމަޖެހުން ނަގާލުމަށް، ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ބޭފުޅާ ހިންގަވާ ނުރައްކާތެރި ޢަމަލެއް ކަމަށެވެ. އަދި ޒުވާނުން ކުޅިވަރުތަކުގައި ތިއްބައި ޕެޕާސްޕްރޭޖަހައި ހައްޔަރުކޮށްގެން ގެންގޮސް ތަފާތު އަނިޔާތައް ދެމުންދާ ކަމަށާއި މިކަން ކަމާބެހޭ މުޢައްސަސާތަކުން ބައްލަވައި ދެއްވުމަށާއި އިލެކްޝަންގެ ކަންތައްތަކާ އުޅުއްވާ މިނިވަން ފަރާތްތަކުންވެސް ބައްލަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ތިނަދޫގައި ބިރުވެރިކަން އުފެދި ރައްޔިތުންގެ ތެރޭގައި ހާސްކަން އެކުލެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ތިނަދޫގައި ފުލުހުން އެރަށުގެ މީހުން ހައްޔަރު ކޮށްގެން ގެންގޮސް ރީނދޫ ކުލައިގެ އަންނައުނު ލައިގެން ހުންނަނަމަ އަންނައުނު ވީދުމާއި އެމްޑީޕީއާ ގުޅޭ ފައިވާނަކަށް އަރައިގެން ހުންނަ ނަމަ އެފައިވާންވެސް ހަލާކުކޮށް ގެއްލުން ދެމުންދާ ކަމަށާއި އަދި މީހުން ހައްޔަރުކޮށްގެން ބަންދު ކުރުމަށްފަހު އެމީހުންނާ މުޚާތަބްކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުއަށް ހަޑިހުތުރު ބަހުރުވައިން އެއްޗެތިގޮވަމުންދާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ފުލުހުންގެ އެސްއޯ ޓީމެއް އެރަށުގެ ގެސްޓްހައުސް އަގުބޮޑުކޮށް ކުއްޔައް ނަގައިގެން ތިބުމަކީވެސް ސުވާލު އުފައްދަންޖެހޭ ކަމެއްކަމަށާއި ސަބަބަކީ ބޮޑު ޚަރަދެއް ކޮށްގެން އެސްއޯގެ ޓީމެއް ތިނަދޫގައި ބައިތިއްބަންޖެހޭ އެއްވެސް ސަބަބެއް އަދި އެއްވެސް ކަމެއް ތިނަދޫގައި ހިނގަމުން ނުދާ ކަމަށާއި ދުވާލަކަށް ހަމައެކަނި ކުލީގެ ގޮތުގައިވެސް 500 ރުފިޔާގެ މަގުން ފަނަރަ ވަރަކަށް ކޮޓަރި ކުއްޔަށް ހިފައިގެން ކުރަމުން އެދަނީ ދައުލަތުގެ ބަޖެޓުން އިސްރާފެއް ކަމަށާއި މިކަންވެސް ކަމާބެހޭ މުއައްސަސާތަކުން ބަލައި ފިޔަވަޅު އަޅައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މިހާރު އެސްއޯ ފުލުހުން ހިންގާ އޮޕަރޭޝަންއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ތިނަދޫގެ ޕޮލިސް ސްޓޭޝަންއަށްވެސް ނޭނގޭ ކަމަށް ތިނާދޫ ޕޮލިސް ސްޓޭޝަނުން ބުނާ ކަމަށާއި އަދި ތިނަދޫގެ ކައުންސިލަށްވެސް މިކަމާބެހޭ އެއްވެސް މައުލުމާތެ ފުލުހުންގެ ފަރާތުން ލިބެމުން ނުދާކަމަށް ނާޒިމް ވިދާޅުވިއެވެ.