އައްޑޫ ސިޓިގެ އެއްބުރުން ކެމްޕެއިން ގެ “ބޯޑިންގ ޕާސް އެއްބުރުން” ފަންޑް ރެއިޒިން ހަރަކާތް ރިޔާސީ އިންތިޚާބު ނިމެންދެން ކުރިޔަށް ދާނެ – އިބްރާޙިމް ޙަމީދު

އައްޑޫ ސިޓީގެ އެމްޑީޕީގެ ކެމްޕެއިން ޓީމުން ރާވައިގެން ކުރިޔަށް ގެންދާ “ބޯޑިންގ ޕާސް އެއްބުރުން” ފަންޑު ރެއިޒިންގ ހަރަކާތް މިހާރުވެސް ކުރިޔަށް ދާ ކަމާއި 2013 ރިޔާސީ އިންތިޚާބު ކެމްޕެއިން ނިމެންދެން މި ހަރަކާތް ކުރިޔަށް ގެންދާ ގޮތަށް ހަނމަޖެހިފައިވާ ކަމަށް ފަންޑު ކޮމިޓީގެ ޗެއަރ އިބްރާޙިމް ޙަމީދު ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން މި އޯގަސްޓް މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ “1 ލައްކަ ރުފިޔާގެ 3 ބޯޑިންގޕާސް” ދޫކުރުން ވެސް ވަރަށް ކާމިޔާބު ކަމަށް ވިދާޅުވެ، މި ފަދަ ބޯޑިންގ ޕާހެއް ބޭނުން ފުޅުވާ ފަރާތެއްގެ ޝައުގުވެރިކަން ފާޅު ކުރައްވައިފި ވަގުތެއްގައި އެއްލައްކަ ރުފިޔާގެ ބޯޑިންގ ޕާސް ދޫކުރެވޭނެ އިންތިޒާމު ހަނމަޖެހިގެންދާނެކަމަށްވެސް ޙަމިީދު ވިދާޅުވިއެވެ.

“ބޯޑީންގޕާސް އެއްބުރުން ” ހޯއްދަވާ ބޭފުޅުންނަށް އައްޑޫ ސިޓިގެ “އެއްބުރުން” ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ޙަމީދު މައުލޫމާތު ދެއްވިއެވެ.

އައްޑޫ ސިޓީގެ ކެމްޕޭނަށް ފަންޑު ހޯދުމަށްޓަކައި ވިއްކާ ބޯޑިން ޕާހުގައި ނަމްބަރު ޖަހާފައިހުންނާނެކަމަށާއި، ބޯޑިން ޕާހުންނާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ/ތަކެތީގެ ކަންކަން ޒިންމާދާރު ފަންޑު ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިނގަމުންދާތީ ފަންޑުގެ ކަންކަން އޮޑިޓްގެ ހަމަތަކުގެ މަތިން ބެލެހެއްޓެމުންދާކަންވެސް ޙަމީދު ވިދާޅުވިއެވެ.