“ބާޣާވާތަށް ފަހު އަޅުގަނޑުމެންގެ ރާއްޖެ ފަހަތަށް ހިނގައްޖެ” – މެންބަރު ރިޔާޒް

“ނެތޭ ވެވޭކަށް ބާޣީއަކަށް” ޝިއާރުގެ ދަށުން އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ބާއްވަމުން ގެންދަވާ ޖަލްސާ ތަކުގެ ތެރެއިން ގަލޮޅު ކަންމަތީގައި ބުރާސްފަތި ވިލޭރޭ (31 ޖުލައި 2013) ބޭއްވި ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުން ބަޣާވާތަށް ފަހު ދިވެހިރާއްޖެ ގޮސްފައިވަނީ ފަހަތަށްކަމަށް ދާންދޫ ދާއިރާގެ މެންބަރު ރިޔާޒް ވިދާޅުވެއްޖެއެވެ.

ބަޣާވާތަށްފަހު މަސްވެރިންނަށް ވަކިން ހާއްސަކޮށް ލިބިފައިވާ ގެއްލުންތަކަށް އަލިއަޅުވައިލަމުން ރިޔާޒް ވިދާޅުވެފައިވަނީ މަސްވެރިންގެ އަތުން ކުރިއަށްވުރެ މާކުޑަ އަގެއްގައި މަސްގަނެ ބޮޑެތި އަގުގައި ވިއްކައިގެން އެކަނިވެސް ބަޣާވާތްކުރި ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް އެބަޣާވާތަށް ހަރަދުކުރި ފައިސާގެ އަދަދު ތިންހަތަރު ގުނަވަނީ ހޯދައިފައިކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ ހައްގު އާމްދަނީ ނުލިބި ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ދެން އެމަނިކުފާނު ވިދާޅުވިގޮތުގައި، މައުމޫނު ސަރުކާރުގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ހޭދަކުރި 8 އެއްކަ މިލިއަން ޑޮލަރުވެސް ވަދެެނިމިގޮސްފައިވަނީ މައުމޫނުގެ ގާތްތިމާގެ މީހުންގެ ޖީބަށެވެ. ނަމަވެސް މާބޮޑެތި ހަރުދުތަކެއް ނުކޮށް އެމ.ްޑީ.ޕީގެ ސަރުކާރުން ވެރިކަމަށް އައުމަށްފަހު ގާއިމްކުރި ދަތުރުފަތުރުގެ ނިޒާމުން ފުރަތަމަ އަހަރު އެކަނިވެސް މިލިއަން މީހުން ދަތުރުކޮށްފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ވައްޓާލި އެމް.ޑީ.ޕީގެ ސަރުކާރުން ރައްޔިތުންނަށް ކޮއްދީފައިވާ ކަންތައްތަކަށް އަލިއަޅުވައިލައްވަމުން އޭރު ސަރުކާރުގެ މަޝްރޫއުތަކަކީ ނުވާނެ ކަންތައްތަކެއްކަމަށް ވިދާޅުވެ ހަޖޫޖެހި ސިޔާސީ ލީޑަރުން މިހާރު ބޭނުން ކުރައްވަމުން ގެންދަވަނީ ހަމަ އެވަސީލަތްތައްކަންވެސް ރިޔާޒް ފާހަގަ ކުރެއްވިއެވެ. މިގޮތުގެ މަތީން ޕ.ީޕ.ީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން، އެމް.ޑީ.ޕީގެ ސަރުކާރުން ތިންމަސް ދުވަސް ތެރޭގައި އަޅާނިންމި ލާމުގަމު އެއާޕޯރޓަށް ދާދި ފަހުން ޖެއްސިކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ނޭޅޭނެކަމަށް އިދިކޮޅު ސިޔާސީ ބޭފުޅުން ބުނަމުން ދިޔަ ކޮންވެންޝަން ސެންޓަރު ހަމަސް ދުވަސްތެރޭގައި އަޅާ ނިންމިކަނ ވެސް ރިޔާޒްް ފާހަގަ ކޮށްލެއްވިއެވެ.

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓުންގެ ވާހަަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވެފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން ބަލިގަބޫލު ކޮށްފައިވާ ކަމަށެވެ. ދާދި ފަހުން ޕީޕީއެމްއިން ހިންގި 400 މީހުންނާއި ސުވާލު ކުރެވުނު ޕޯލްއެއްގައި 250 މީހުން އެމްޑީޕީއަށް ވޯޓް ދޭނެކަމަށް ބުނިއިރު ޔާމީނަށް ވޯޓް ދޭނެކަމަށް ބުނެފައިވަނީ އެންމެ 40 މީހުން ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ބަޣާވާތް ކުރިދުވަހުގެ ބިރުވެރިކަމަށް އަލިއަޅުވައިލައްވަމުން ރިޔާޒްވަނީ ރައީސް ނަޝީދަށް އެދުވަހު ކުރިމަތިވެވި ބިރުވެރި ހާލަތު ތަފްސީލް ކޮށްދެއްވައިފައެވެ. ސިފައިންގެ ތެރޭގައި ރައީސް ނިކުމެވޭނެ ގޮތެއް ނެތި ބަންދުވެފައި ހުންނެވިއިރު އެމަނިކުފާނަށް ފޮން ކޯލްތަކުންނާއި އެހެނިހެން ގޮތްގޮތުން އިވެމުން ދިޔައީ އެމަނިކުފާނުގެ އަނބިދަރީން ތިބި ނިކަމެތި ބިރުވެރި ހާލުގެ އަޑެވެ. އެދަނޑިވަޅުގައިވެސް ބާޣީ މޭޖާރ ޖެނެރަލް ޝިޔާމް ރައީސް ގާތު މަކަރުވެރިކަމާއެކު ބުނަމުން ދިޔައީ އާއިލާއަށް އެންމެ ސަލާމަތްކަން ބޮޑު ގޮތަކީ ރައީސް ނަޝީދު ސިފައިންގެ ތެރޭގައި ބަންދުވެފައި ހުރުން ކަމަށެވެ. ހާލަތު އިތުރަށް ނުބައިވުމުން ބަޑިއާއި ވަޒަނުން ތަން ހަމަޔަަކަށް އެޅުވުމަށް އަސްކަރިއްޔާގެ އިސްވެރީން އެދުމުން، ރައީސް ނަޝީދު ރައްޔިތުންނަށް ގެއްލުން ވާފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރުމަށް ހުއްދަ ނުދޭނެކަމަށް ވިދާޅުވިކަން ރިޔާޒް ފާހަގަކުރެއްވިއެވެ. އިންޑިއާގެ އަސްކަރިއްޔާގެ އެހީވެސް ރައީސް ނަޝީދު އެދުވަހު ގަބޫލުނުކުރެއްވީ އެމީހުން ހިންގާ ހަރަކާތެއްގެ ސަބަބުން ދިވެހި އެއްވެސް ރައްޔިތަކަށް ގެއްލުމެއްނުވާނެކަމުގެ ޔަގީންކަން ނެތްކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ބުނުމުންނެވެ. އެހެންކަމުން އެދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ނިންމެވި ނިންމެވުމަކީ ހަމަ ހަގީގަތުގައިވެސް ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނިންމެވި ނިންމެވުމެއްކަމަށް ރިޔާޒް ވިދާޅުވިއެވެ.

ބަޣާވާތުގެ ގެއްލުންތައް އަޅުގަނޑުމެން އެންމެން ތަހައްމަލު ކުރަމުންދާއިރު ވޯޓުލުމަށް ވަކިން ހާއްސަ އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް ރިޔާޒް ނަސޭހަތްތެރިވިއެވެ. މިގޮތުގެ މަތީން ވޯޓް ރެޖިސްޓްރޭޝަންގެ ކަންތައް އަވަހަށް ނިންމަވާ ވޯޓުލާ ދުވަހު އިރާކޮޅު ވޯޓްލެއްވުމަށް އިލްތިމާސްކުރެއްވިއެވެ.