ތަޅާ ކުދިކުދި ކުރިޔަސް ރައްޔިތުންގެ ވެރިކަމެއް ޤާއިމްކޮށްދޭން ތެދުވާނަން – ޑރ. މުސްތޮފާ ލުތުފީ

ތަޅާ ކުދިކުދި ކުރިޔަސް ރައްޔިތުންގެ ވެރިކަމެއް ގާއިމްކޮށްދޭން ތެދުވާނަންކަމށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، “ނެތޭވޭކަށް ބާޣީއަކަށް” ޝިއާރުގެ ދަށުން ރޭ (31 ޖުލައި 2013)ބޭއްވި ގަލޮޅުއުތުރު ކަންމަތީ ބައްދަލުވުމުގައެވެ.

ރޭގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުސްތަފާ ލުތުފީ ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ދަތުރުތަކުން ރައްޔިތުން ބަޣާވާތާއި ދެކޮޅަށް ތިބިކަން ހާމަވެގެންދިޔަ ކަމަށެވެ. އަދި އެކަން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ފެނިގެންދާނޭކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން އަބަދުވެސް އެދެނީ އުފާވެރި ޒަމާނެއް ދެކުމަށް ކަމަށް ހާމަކުރައްވަމުން ޑރ މުސްތަފާ ލުތުފީ ވިދާޅުވީ ކުރިން ވެރިކަން ކުރި ގޮތަށް ވެރިކަން ކޮށް ވަކި ބަޔަކު މުއްސަނދި ވެގެން ދާތަން ބަލަން ރައްޔިތުން ބޭނުންނުވާ ކަމުގައެވެ. އަދި އެމްޑީޕީގެ ވެރިކަން ބަޤާވާތަކުން ވައްޓާލުމަށްފަހު ޖެހިގެން އައި ދުވަހު ރައްޔިތުންނަށް ކުރި އަނިޔާ ހަނދުމަފުޅު ކޮއްދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް އަލުން އިއާދަ ކުރަން ޖެހެނީ އެފަދަ ކަމެއް ތަކުރާރުވެގެން ނުދިޔުމަށްޓަކައި ކަމަށެވެ.

އެމްޑީޕީގެ ކެމްޕެއިން ކުރިއަށް ދާގޮތުން އިދިކޮޅު ފަރާތްތަަކަށް މިއިންތިޚާބު ކާމިޔާބުކުރާނީ އެމްޑީޕީކަން ޔަގީންވާތީ އެކަމާއި ބިރުގެންފައި ކަމަށް ވިދާޅުވިއެވެ. ވާހަކަ ކުރިއަށް ގެންދަވަމުން ޑރ. މުސްތޮފާ ލުތުފީ ވިދާޅުވީ އަނިޔާވެރިކަމާއި ދެކޮޅަށް އެމްޑީޕީއިން ކުރާ މަސައްކަތް ހުއްޓާނުލާނޭ ކަމަށް ވިދާޅުވިއެވެ. ކިތަންމެ ވަރަކަށް ތަޅާކުދިކުދި ކުރިޔަސް ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުމުގެ މަތިވެރި މަގްސަދުގައި އަނެއްކާވެސް ހަަމަ ތެދުވާނޭކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ފިިކުރަކީވެސް އެއީކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރޭގެ ބައްދަލުވުމުގައި ޑރ. މުސްތޮފާ ލުތުފީގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދި ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ރިޔާޒްވަނީ ވާހަަކަފުޅު ދައްކަވައިފައިވެއެވެ. ދެބޭފުޅުންގެ ވާހަކަފުޅުގައިވެސް ބަޣާވާތުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ގެއްލުންތައް ބަޔާންކޮށް ދެއްވައިފައިވެއެވެ. އަދި އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ސަބަބުތައް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްދެއްވައިފައިވެއެވެ.

ރޭގެ ކަންމަތީ ޖަލްސާގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އަދި ވަރަށް ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ.