ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިއަދު(1 އޯގަސްޓް 2013) އިންޑިޔާގެ މިނިސްޓަރ އޮފް ފައިނޭންސް ހިޒް އެކްސެލެންސީ މިސްޓަރ ޕީ. ޗިދަންބަރަމް އާއި އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ހިޒް އެކްސެލެންސީ މިސްޓަރ ސަލްމާން ޚުރްޝީދާއި ބައްދަލުކުރައްވައިފިއެވެ.
އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއި ބައްދަލުކުރައްވާ ދިވެހި ކިޔަވާ ކުދިންނަށް އަމާޒުކުރެވިގެން އިންޑިޔާ ސަރުކާރުން އިތުރު ސްކޮލަރޝިޕްގެ ފުރުޞަތު ފޯރުކޮށްދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ. އަދި އިންޑިޔާއަށް ބޭސްފަރުވާ ކުރުމަށް ދިވެހިން ދިއުމުގައި ދިމާވާ އެންމެ ދަތި ކަމަކީ ވިސާގެ މައްސަލަކަމަށާއި އެކަން ޙައްލުކޮށްދެއްވުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވާހަކަދެއްކެވިއެވެ. މިބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އިންޑިޔާ ސަރުކާރުން ސްކޮލަރޝިޕާއި ވިސާގެ ކަންކަން ޙައްލުކޮށްދެއްވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމުގައެވެ.
އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރގެ ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު ދެން ބައްދަލުކުރެއްވީ އިންޑިޔާގެ ފައިނޭންސް މިނިސްޓަރާއެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މިހާރުގެ ދަތި އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ރިޔާސީ އިންތިޚާބަށްފަހު އޮމާންކަމާއެކު ދައުލަތް ހިންގުމަށް ދިވެހި ސަރުކާރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ބޭނުންވާ މާލީ އެހީ ފޯރުކޮށްދެއްވުމާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން އިންޑިޔާއިން ހިލައާއި ހިލަވެލި ލިބުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށާއި އެކަމުގެ ސަބަބުން ޢުމްރާނީ އެތައް މަސައްކަތްތަކެއް ހުއްޓި ރައްޔިތުންގެ ތަރައްޤީއަށް ހުރަސް އެޅިފައިވާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އިންޑިޔާއިން ބައެއް މުދާ އެތެރެ ކުރުމުގައިވެސް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބަށްފަހު އެފަދަ މާލީ އެހީ އިންޑިޔާ ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށާއި، ހިލައާއި ހިލަވެލި ލިބުމާއި މުދާ އެތެރެކުރުމަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.