ވާދަވެރި ސިޔާސީ ނިޒާމެއް ރަނގަޅަށް ޤާއިމުކުރެވުމުން މެނުވީ ބާއްޖަވެރި، ފާގަތި ދިރިއުޅުމެއް ލިބެން ނޯންނާނެކަމަށް ދިވެހި ރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޓްރިވެންޑްރަމްގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ސިޔާސީ ވާދަވެރިން ހައްޔަރުކުރައްވާ، ރައީސް މައުމޫން އިބްރާހިމް ނާސިރުގެ ގާތްބޭފުޅުން ހައްޔަރުކުރެއްވި ފަދައިން ހައްޔަރުކޮށް، ވެރިކަމުގެ ހުރިހާ ބާރެއް މުށުތެރެއަށް ލައްވާ، އަނެއް 30 އަހަރުވާންދެން ޤާނޫނު އަސާސީ ބަދަލުކުރައްވައިގެންވެސް ވެރިކަން ކުރެއްވުނީސްކަމަށާއި އެހެނަސް އެމްޑީޕީގެ އަމާޒަކަށްވީ ޑެމޮކްރެޓިކް ވެއްޓެއް ޤާއިމުކޮށް، އެވެށީގެ ވާސިތާއިން ތަރައްޤީ ހާސިލުކުރުންކަމައެވެ.
އަދި ޙިކްމަތްތެރިކަމާއެކު ވެރިކަން ކުރެއްވުމަކީ ވެރިކަމުގެ ހުރިހާ ބާރުތައް މުށުތެރެއަށް ނެންގެވުންކަމަށް އެތައް ބޭފުޅުންނެއް އިރުޝާދު ދެއްވިކަމަށާއި، އެހެންނަމަވެސް ދެކޭން ބޭނުންވާ އެހެން ގޮތެއް، އަނެއް ދިވެހިރާއްޖެއެއް، މިއަށްވުރެން ރަނގަޅު ދުވަހެއް އެމަގުން ކަންތައް ކޮށްގެން ފެންނާން ނޯންނާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއާއެކު ޚިޔާލުފައުޅުކުރުމުގެ މިނިވަންކަމަކީ ދުލަށް އައިހާއެއްޗެއް ގޮވުން ނޫންނަމަވެސް ދިޓީވީއާއި، ވީޓީވީއަށް އެފުރުސަތުދެއްވީ މިނިވަންކަމުގެ އިންތިކާއި، މިންތަކަށް ދުވަސްވީވަރަކުން އަމިއްލައަށް ފެތި، ހަމައަކަށް އެޅިގެންގޮސް، އެމިންވަރަށް ބުހުތާނު ދޮގު ހަދާނަމަ ރައްޔިތުންނަށް ފައުޅުވާނެކަން ޔަޤީންކުރައްވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން ބުދަ ދުވަހުގެރޭ ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ މިހާރު މިއޮތް ބަޣާވާތުގެ ޙާލަތުގެ ސަބަބުންވެސް ދިވެހިރާއްޖެއަށް އެހެން މާފަގި މާދަމާއެއް ހޯދުމުގެ ހިތްވަރާއި، ޢަޒުމަށް ބަދަލެއް އައިސްފައިނުވާކަމަށާއި، ބަޣާވާތަކީ ޙަޤީޤަތުގައި ދިވެހިރާއްޖެއަށް ޑެމޮކްރަސީ ގެނައުމުގެ މަގުގައި އަޅުގަނޑުމެންނާ ދިމާވި އިމްތިޙާނެއްކަމަށެވެ.
“މިދުނިޔޭގައި މިކުރާ ވެރިކަމަކީ ސީދާ މާތް ރަސްކަލާންގެ ޙަޟްރަތުން ކުރެވޭ ކަމެއް، އެމައްޗަކަށް އުރެދިއެއް ނުގަނެވޭނެ. އަޅުގަނޑުމެންނަށް ބަޣާވާތެއް ނުކުރެވޭނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.