އިންތިޚާބާ ދިމާކޮށް، ވޯޓަށް ވަގުހެދުމުގެ ބޭނުމުގައި މަރުވެފައިވާ މީހުންގެ ނަންތައް ފޮނުވައިދިނުމަށް އެދި ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމުގައި ހުންނެވި އަބްދުﷲ ރިޔާޒުގެ އަމުރަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަތޮޅުތަކަށް އަންގަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުން

noosbayan

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، މަރުވެފައިވާ މީހުންގެ ނަމުގައި ވޯޓުލުމުގެ ރޭވުންތަކެއް ރާވަމުންދާކަމަށް ޝައްކުކުރެވޭގޮތަށް، 20 ޖުލައި 2013 ވަނަ ދުވަހުގެ ނިޔަލަށް އެކި އެކި އަތޮޅުތަކުގައި މަރުވެފައިވާ އެންމެންގެ ނަންތައް ހޯދުމަށް އެދި އަތޮޅު ކައުންސިލުތަކަށް، ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމުގައި ހުންނެވި އަބްދުﷲ ރިޔާޒުގެ އަމުރަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސިޓީ ފޮނުވަމުންދާކަން ފަޅާއަރާފައިވީހިނދު، އެކަމުގެ ކަންބޮޑުވުން މި ޕާރޓީން ފާޅުކުރަމެވެ.

އިލެކްޝަންސް ކޮމިޝަނުންނާއި، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ހޯދަންޖެހޭ ޒާތުގެ މައުލޫމާތު އިންތިޚާބުގެ މި ދަނޑިވަޅާ ދިމާކޮށް ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމުގައި ހުންނެވި އަބްދުﷲ ރިޔާޒުގެ އަމުރަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހޯދައި އެއްކުރަމުން ދާދިއުމަކީ ވޯޓާ ގުޅިގެން ވަގު ހެދުމަށް ކުރަމުންދާކަމެއްކަމަށް ޤަބޫލުކުރެވެއެވެ. ވޯޓުލެވޭ މީހުންނާއި މަރުވެފައިވާ މީހުންގެ ނަންތައް އެއްކޮށް ވޯޓާސް ރަޖިސްޓްރީ ބެލެހެއްޓުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް ދައުރެއް އޮންނަންޖެހޭ ކަމެއް ނޫނެވެ.

ރައްޔިތުން 2008 ވަނަ އަހަރު އިންތިޚާބުކުރި ވެރިކަން ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު އިސްކޮށް ހުންނަވައިގެން ބަޣާވާތަކުން ވައްޓާލާފައިވަނީ ވެސް ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު މެދުވެރިކުރައްވައެވެ. އަދި ކޯނީގެ ރިޕޯރޓްގައި ފިޔަވަޅު އެޅުމަށް އަމުރުކޮށްފައިވާ އެއްވެސް ފުލުހަކާ ނުވަތަ ސިފައިންގެ މީހަކާ މެދު މިއަދާ ހަމައަށް ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ އެއްސަބަބަކީ ބަޣާވާތް ކުރި މަދު ފުލުހުން ބޭނުންކޮށްގެން ރިޔާސީ އިންތިޚާބުގައި ވަގަށް ވޯޓުލުމާއި އެފަދަ ޖަރީމާތައް ހިންގުމަށް ފުރުސަތެއް ހޯދުމަށްކަމަށް ޤަބޫލުކުރެވެއެވެ.

މަރުވެފައިވާ މީހުންގެ މައުލޫމާތު ފޮނުވައިދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމުގައި ހުންނެވި އަބްދުﷲ ރިޔާޒުގެ އަމުރަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަތޮޅުތަކަށް އަންގަމުންދާއިރު މިހާރު ވެރިކަމުގައި ހުންނެވި ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކަކީ މަރުވެފައިވާ މީހުންގެ ނަންތައް ހިމަނުއްވައިގެން ވަގު ޖަރީމާތައް ހިންގަވާކަން ފަޅާއަރާފައިވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނުގެ ޕާރޓީއަށް މެމްބަރުން ހަމަނުވެގެން މަރުވެފައިވާ އެތައް ބައެއްގެ ނަންތައް ހިމަނައިގެން ވަގަށް މީހުން ވައްދަމުންދާކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި އިލެކްޝަންސް ކޮމިޝަނަށް ފަޅާއެރުމުން އެ ޖިނާޢީ މައްސަލަ ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރުވެސް ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސަށް ހުށަހަޅާފައެވެ. ނަމަވެސް މިހާތަނަށް ވެސް އެމައްސަލައިގެ ތަޙުޤީޤެއް ހިންގާފައިނުވާކަން ފާހަގަކުރަމެވެ.

އަދި ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމުގައި ހުންނަވައިގެން އަބްދުﷲ ރިޔާޒު ގެންދަވަނީ ކަނޑައެޅިގެން ޤާނޫނާ ޤަވާޢިދާ ޚިލާފަށް ތަކުރާރުކޮށް ސިޔާސީ ބަޔާންތައް ނެރެ، ފުލުހުންގެ ވޯޓުލުމުގެ މިނިވަންކަމަށް ނާޖާއިޒު ނުފޫޒު ފޯރުމަވުންނެވެ.
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން މިކަންކަމާމެދު އިތުރަށް ސަމާލުވުމަށް މިޕާރޓީން ގޮވާލަމެވެ.

1 އޯގަސްޓް 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް