އަރިއަތޮޅު އުތުރުބުރީގެ ރަށްރަށުގައި ކެންޕެއިން ފޯރިގަދަ ކުރުމަށް ޕާލިމެންޓްގްރޫޕްގެ ޓީމެއް ހިނގައްޖެ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ތާޢީދު ހޯދުމަށް ހިންގާ ކެންޕެއިން ހަރަކާތްތަކުގެ ތެރެއިން އއ. އަތޮޅުގެ ބައެއް ރަށްރަށުގައި ކެންޕެއިން ހަރަކާތްތަކެއް ހިންގުމަށްޓަކައި އެމްޑީޕީ ޕާލިމެންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ޢަލީ ވާހީދު އާއި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ކުބޭ) އަދި އަތޮޅު ކެންޕެއިން ކޯޑިނޭޓަރ މުޙައްމަދު ޝަފީޤް އެއަތޮޅަށް އިއްޔެ ވަޑައިގެންފިއެވެ.

އަރިއަތޮޅު ކެންޕެއިން ކޯޑިނޭޓިންގ ޓީމްގެ މެންބަރ އައިޝަތު ޖެނިފާ މަޢުލޫމާތު ދެއްވި ގޮތުގައި މި ދަތުރުގެ މައިގަނޑު ބޭނުމަކީ އެއަތޮޅުގެ ރަށްރަށުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ތާޢީދު ހޯދުމަށް މިހާރު ކުރިއަށްދާ ކެންޕެއިން ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުން ކަމަށެވެ. އަދި އިއްޔެ ފެށި ދަތުރުތަކުގައި އަރިއަތޮޅު އުތުރުބުރީ ހަ ރަށަކަށް ޒިޔާރަތްކޮށް، ކޮންމެ ރަށެއްގައިވެސް ކަންމަތީ ބައްދަލުވުމާއި، ދޮރުން ދޮރަށް ހިނގުމާއި އެމްޑީޕީގެ މެނިފެސްޓޯއާއި ބެހޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ދެއްވިއެވެ.

އަރިއަތޮޅު ކެންޕެއިން ކޯޑިނޭޓިންގ ކޮމިޓީގެ މެންބަރު ޖެނިފާ މައުލޫމާތު ދެއްވި ގޮތުގައި އިއްޔެ އެންމެ ފުރަތަމަ އއ. މަތިވެރިއަށް ޓިމުގެ މެންބަރުން ވަޑައިގެން އެރަށުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ކެންޕެއިން ޓީމާ ބައްދަލުކޮށް ކެންޕެއިން ހިނގާ ނުހިނގާގޮތް އޮޅުންފިލުއްވިއެވެ. އަދި އެއަށްފަހު ރަށުގެ ގޭގެއަށް ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންނާ ބައްދަލުކޮށް ރައީސް ނަޝީދަށް ތާޢީދުކޮށް ވޯޓްލާންވީ ސަބަބުތައް އޮޅުންފިލުވައި ދެއްވިއެވެ. އަދި އެރަށުގައި ކަންމަތީ ބައްދަލުވުން ބާއްވާ ރަށުގެ ރައްޔިތުންނާއި ވަނީ ބައްދަލުކޮށްފައިއެވެ.

އެއަށްފަހު ރޭ ގައި ޓީމްގެ މެންބަރުން އެއަތޮޅުގެ ބޮޑުފުޅަދުއަށްވަޑައިގެން އެރަށުގައި ހަރަކާތްތެރިވާ ކެންޕެއިން ޓީމްގެ މަސައްކަތް ހިނގާ ނުހިނގާގޮތް އޮޅުންފިލުއްވައި އެރަށުގެ ބައެއް އިސްފަރާތްތަކާއި ބައްދަލުކޮށްފައި ވެއެވެ. އަދި ބޮޑުފުޅަދޫގައި ކަންމަތީ ޖަލްސާބާއްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ވޯޓްލާންވީ ކީއްވެގެންކަން ރައްޔިތުންނަށް ސާފުކޮށްދެއްވާ އެމްޑީޕީގެ ސިޔާސަތުތައް ހާމަކޮށްދެއްވިއެވެ.

ޕާލިމެންޓް މެންބަރުން އަރިއިއަތޮޅު އުތުރުބުރިއަށް މިކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގެ މަތިވެރި، ބޮޑުފުޅަދޫ، ފަރިދޫ، ހިމެންދޫ، މާޅޮސް އަދި އުކުޅަހަށް ޒިޔާރަތް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.