ރައީސް ނަޝީދު ނިއުދިއްލީއަށް ވަޑައިގެންފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕަޓީގެ ރިޔާސީ ކެންޑިިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވެރިކަން ކުރާ ނިއު ދިއްލީއަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އިންޑިޔާ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ. މިއަދު މެންދުރު ފަހު އިންޑިޔާގެ ފިނޭންސް މިނިސްޓަރ ހިޒް އެކްސެލެންސީ މިސްޓަރ ޕީ. ޗިދަންބަރަމް އާއި ބައްދަލުކުރައްވާނެއެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ހިޒް އެކްސެލެންސީ މިސްޓަރ ސަލްމާން ޚުރްޝީދާވެސް މިއަދު ބައްދަލުކުރައްވާނެއެވެ. އަދި ދިވެހިރާއްޖޭއާއި އިންޑިޔާގެ ގުޅުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެއެވެ.

އިންޑިޔާގެ ޓްރިވަންޑްރަމްގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ނަޝީދު ރޭ ބައްދަލުކުރެއްވިއެވެ.